ENGLISH
16 ޖުލައި 2026
އިންގްލެންޑް މެޗަށްފަހު އާޖެންޓީނާގެ ކުޅުންތެރިން ފޯކްލޭންޑާ ގުޅޭ ސިޔާސީ ބެނާއެއް ދައްކާލައިފި
16 ޖުލައި 2026
|
އިންގްލެންޑް މެޗަށްފަހު އާޖެންޓީނާގެ ކުޅުންތެރިން ފޯކްލޭންޑާ ގުޅޭ ސިޔާސީ ބެނާ ދައްކާލަނީ --- ފޮޓޯ: ރޮއިޓަރސް
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގެ ސެމީ ފައިނަލް މެޗުގައި މިރޭ އިންގްލެންޑް އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވި މެޗަށްފަހު، "ފޯކްލޭންޑް އައިލެންޑްސް އަކީ އާޖެންޓީނާގެ ތަނެއް" ކަމަށް ލިޔެފައިވާ ބެނާއެއް އެ ޤައުމުގެ ކުޅުންތެރިން ދައްކާލައިފިއެވެ. މި ބެނާ ދައްކާލުމަކީ ފީފާގެ ގަވާއިދުތަކާ ޚިލާފު ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ފީފާގެ ސްޓޭޑިއަމް ކޯޑް އޮފް ކޮންޑަކްޓުގައިވާ ގޮތުން، ސިޔާސީ، ފުރައްސާރަކުރާ ނުވަތަ ތަފާތުކުރުންތަކަށް ހިތްވަރުދޭ ފަދަ އެއްވެސް ބެނާއެއް، ދިދައެއް، އަންނައުނެއް ނުވަތަ އެނޫންވެސް ތަކެތި ސްޓޭޑިއަމް ތެރެއަށް ވެއްދުމަކީ މަނާ ކަމެކެވެ. މިކަމާ ގުޅޭގޮތުން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) މިހާތަނަށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
ދެކުނު އެޓްލާންޓިކް ކަނޑުގައި އޮންނަ މި ޖަޒީރާ ރަށްތަކުގެ މިލްކުވެރިކަމާ މެދު އުފެދިފައިވާ މައްސަލައަކީ އިނގިރޭސިވިލާތާއި އާޖެންޓީނާއާ ދެމެދު އޮތް ޒަމާންވީ ބޮޑު ދެބަސްވުމެކެވެ. އިނގިރޭސިން މި ރަށްތަކަށް "ފޯކްލޭންޑްސް" ކިޔާއިރު، އާޖެންޓީނާ މީހުން ކިޔަނީ "މަލްވީނަސް" އެވެ.
1982 ވަނަ އަހަރު މި ރަށްތަކުގެ މިލްކުވެރިކަމާ ގުޅޭގޮތުން ހިނގި ހަނގުރާމައިގައި އާޖެންޓީނާގެ 649 ސިފައިންނާއި އިނގިރޭސިވިލާތުގެ 255 ސިފައިން މަރުވިއެވެ. މި ހަނގުރާމަ ކާމިޔާބުކުރީ އިނގިރޭސިވިލާތުންނެވެ. އަދި އެ ރަށްތަކުގެ ގިނަ ރައްޔިތުން ވަނީ އިނގިރޭސިވިލާތުގެ ބައެއްގެ ގޮތުގައި ތިބެން ބޭނުންވާކަން ހާމަކޮށްފައެވެ.
އެކަމަކު އާޖެންޓީނާއިން ދައުވާކުރާ ގޮތުގައި 1816 ވަނަ އަހަރު މިނިވަންކަން ލިބުމާއެކު އެ ރަށްތައް ވާރުތަވީ ސްޕެއިންގެ ކިބައިން އެ ޤައުމަށެވެ. އަދި 1833 ވަނަ އަހަރު އިނގިރޭސީން އެ ރަށްތަކުގެ ކޮންޓްރޯލް ހޯދީ އިސްތިއުމާރީ ގޮތުން ގާނޫނާ ޚިލާފަށް ކަމަށްވެސް އާޖެންޓީނާއިން ބުނެއެވެ.
މިރޭގެ މެޗަށްފަހު އާޖެންޓީނާގެ ލިސަންޑްރޯ މާޓިނޭޒް އާއި ޖިއޮވާނީ ލޮ ސެލްސޯ ވަނީ ހިނިތުންވުމާއެކު އެ ބެނާ ހިފަހައްޓައިގެން ތިބެ ސަޕޯޓަރުންނަށް ދައްކާލާފައެވެ.
މިއީ މިފަހަރުގެ ވޯލްޑް ކަޕުގައި ސިޔާސީ ބެނާތަކުގެ މައްސަލަ ފެންމަތިވި ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ މަހު އެމެރިކާގެ ލޮސް އެންޖެލިސްގައި އީރާން ކުޅުނު މެޗުތަކުގައި، އީރާނުގެ މިހާރުގެ ސަރުކާރާ ދެކޮޅު ހެދުމުގެ ރަމްޒެއްގެ ގޮތުން، އީރާނު-އެމެރިކާގެ ރައްޔިތުން ވަނީ އީރާނުގެ އިންގިލާބުގެ ކުރީގެ ދިދަތައް ބޭނުންކޮށްފައެވެ. ނަމަވެސް އެ މެޗުތައް ކުރިއަށް ގޮސްފައިވަނީ އެއްވެސް ހަމަނުޖެހުމެއް ނެތިއެވެ.