ENGLISH

16 ޖުލައި 2026

Advertisement

އުނދަގޫ ހާލަތްތަކުގައި އެންމެ ވަރުގަދަ ކުޅުން ދައްކާ ޓީމަކީ އާޖެންޓީނާ: ސްކަލޯނީ

16 ޖުލައި 2026

|

އިސްމާއިލް ޝާހު

ވޯލްޑް ކަޕުގައި އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކަލޯނީ --- ފޮޓޯ: ރޮއިޓަރސް

ދަތި އުނދަގޫ ހާލަތްތަކުގައި އެންމެ ވަރުގަދަ ކުޅުން ދައްކާ ޓީމުކަން އާޖެންޓީނާއިން ސާބިތުކޮށްދީފި ކަމަށް ކޯޗު ލިއޮނެލް ސްކަލޯނީ ބުނެފިއެވެ.

ފީފާ ވޯލްޑް ކަޕުގެ އެންމެ ފަހުގެ ޗެމްޕިއަނުން ކަމަށްވާ އާޖެންޓީނާ، މިރޭ ކުޅުނު ސެމީ ފައިނަލުގައި އިންގްލެންޑް އަތުން މޮޅުވީ މެޗުގެ ފަހު ފަސް މިނެޓަށް ވެފައި ވަނިކޮށް ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކޮށް، އަދި އިތުރު ވަގުތުގެ ތެރޭގައި ލަނޑެއް ކާމިޔާބުކޮށް 2-1 ގެ ނަތީޖާއަކުންނެވެ. މި ކާމިޔާބީއާއެކު މި އަންނަ އާދީއްތަ ދުވަހުގެރޭ އެމެރިކާގެ ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމުގައި އޮންނަ ފައިނަލް މެޗުގައި އާޖެންޓީނާ ބައްދަލުކުރާނީ ސްޕެއިނާއެވެ.

މިއީ މި މުބާރާތުގެ ނޮކްއައުޓް ބުރުގައި އާޖެންޓީނާއިން މިފަދަ ހިތްވަރެއް ދެއްކި ތިންވަނަ މެޗެވެ. މީގެ ކުރިން ދެވަނަ ބުރުގައި ކާބޯ ވާޑޭ އަދި ކުއާޓާ ފައިނަލުގައި ސްވިޒަލޭންޑް އަތުން އެ ޓީމު މޮޅުވީ އިތުރު ވަގުތު ކުޅެގެންނެވެ. އަދި މިސްރާ ބައްދަލުކުރި ގަދަ 16 ގެ މެޗުގައި 2-0 ގެ ނަތީޖާއަކުން ބަލިވަމުން ދަނިކޮށް، ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުން ވަނީ މޮޅުވެފައެވެ.

މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްކަލޯނީ ބުނީ، "އަހަރެން ގަބޫލުކުރާ ގޮތުގައި މި ޓީމުގެ އެންމެ ފުރިހަމަ ކުޅުން ފެންނަނީ ޕްރެޝަރު ބޮޑުވާ ވަގުތުތަކުގައި. އަހަރެމެންނަށް ދަތިތަކާ ކުރިމަތިވެ، އިދިކޮޅު ޓީމުގެ ރޭވުންތަކަށް ކުޑަވެސް ބަދަލެއް އަންނަ ވަގުތު، އަހަރެމެން އެ ފުރުސަތުގެ ބޭނުން ހިފައި މުޅި ބާރުލާފައި ނުކުންނަން. މިއީ މި ޓީމުގެ ފަރާތުން އަހަރެންނަށް އިހުސާސްވާ ކަމެއް."

އޭނާ އިތުރަށް ބުނި ގޮތުގައި، "މެޗުގެ އެންމެ ފަހު ވަގުތާ ހަމައަށް ޓީމުން ދެއްކި ހިތްވަރާ މެދު ވަރަށް އުފާކުރަން. އެއީ އަހަރެން އެންމެ އިސްކަންދޭ ކަންތައް. މެޗުން ބަލިވެ މުބާރާތުން ވަކިވާން ޖެހުނު ނަމަވެސް، ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރިކަމުގެ ހިތްހަމަޖެހުން އޮންނާނެ."

މެޗުގެ ދެވަނަ ހާފުގެ 10 ވަނަ މިނެޓުގައި އެންތަނީ ގޯޑަން ޖެހި ލަނޑުން އިންގްލެންޑް ކުރި ހޯދާފައި ވަނިކޮށް، އާޖެންޓީނާގެ އަސްލު ފެންވަރު ފެނިގެންދިޔަ ކަމަށް ސްކަލޯނީ ފާހަގަކުރިއެވެ. "އެ މީހުންގެ ލަނޑަށްފަހު، ފުޓްބޯޅައިގައި އަހަރެމެން ދައްކަން ބޭނުންވާ ހުރިހާ ސިފައެއް ފެނިގެންދިޔަ. ފުޓްބޯޅައަކީ ހަމައެކަނި ރޭވުންތެރިކަމެއް ނޫން. މެޗުގެ ފަހު 40 މިނެޓުގައި ފެނިގެންދިޔައީ އަހަރެމެން ގަބޫލުކުރާ ފުޓްބޯޅައިގެ ފުރިހަމަ ތަސްވީރު."

ސްކަލޯނީ އޭނާގެ ކުޅުންތެރިން ސިފަކުރީ "ދޫނުދޭ" ނުވަތަ "ގޮތްދޫނުކުރާ" ބައެއްގެ ގޮތުގައެވެ. އޭނާ ބުނީ "އެއީ ހަނގުރާމަވެރިން، އެކުޅުންތެރިން ބޮޑުވީ އެއްވެސް ކަމަކަށް ބިރުގަންނަން ނުޖެހޭ ފަދަ މާހައުލެއްގައި. އަބަދުވެސް ވާދަވެރިކަމުގެ ތެރޭގައި، އެންމެ މޮޅު މީހުންނަށް ވާން އުއްމީދުކޮށްގެން ތިބި ބައެއް. އެހެންކަމުން ޒިންމާތަކަކީ އެމީހުންނަށް ބުރައަކަށް ނުވޭ."

މި މެޗުން ހޯދި މޮޅާއެކު އާޖެންޓީނާއަށް ވަނީ ޖެހިޖެހިގެން ދެ ފަހަރު ވޯލްޑް ކަޕް ކާމިޔާބުކުރާ ތިންވަނަ ޓީމަށްވުމުގެ ފުރުސަތު ބޮޑުވެފައެވެ. 1938 ވަނަ އަހަރު އިޓަލީ އަދި 1962 ވަނަ އަހަރު ބްރެޒިލަށްފަހު އެއްވެސް ޓީމަކަށް ތަށި ދިފާއުކުރެވިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު