ENGLISH

16 ޖުލައި 2026

Advertisement

ގަވާއިދާ ހިލާފަށް އުޅުނު 12،000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓުކޮށްފި

16 ޖުލައި 2026

|

ޙުސައިން މަޚްތޫމް

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީން ހޯދުމަށް ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން - ފޮޓޯ: އިމިގްރޭޝަން

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅުނު 12،000 އަށްވުރެ ގިނަ ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލައިފިއެވެ.

މިއީ 2023 ވަނަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހުން ފެށިގެން މި އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ފޮނުވާލާފައިވާ މީހުންނެވެ. މިހާތަނަށް އައި އިރު 12،552 މީހުން އަނބުރާ ޤައުމަށް ފޮނުވާލާފައިވާކަން އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މީގެ ތެރޭގައި ޑީޕޯޓްކޮށްފައިވާ ފަރާތްތަކާއި، އެނޫންވެސް ގޮތްގޮތަށް ފޮނުވާލާފައިވާ ފަރާތްތައް ހިމެނެއެވެ. އިމިގްރޭޝަނުން ޑީޕޯޓްކުރި ބިދޭސީންގެ ތެރޭގައި ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް ވިޔަފާރިކުރާ މީހުންނާއި، ޑޮކިއުމަންޓުތައް ފުރިހަމަ ނޫން މީހުން ގިނަ އަދަދަކަށް ހިމެނެއެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ފުލުހުންނާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ހިންގާ އޮޕަރޭޝަން ކުރަނގީގެ ދަށުން 202،000 އަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު މިހާތަނަށް ވަނީ އެއްކޮށްފައެވެ. އަދި އަންނަ އަހަރުން ފެށިގެން އެއްވެސް ގޮތަކަށް ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއަކު ފެނިއްޖެނަމަ އިތުރު ފުރުސަތަކާ ނުލާ ޑީޕޯޓު ކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މި މަސައްކަތް ކުރިއަށް އޮތް 6 މަސް ދުވަހު ކުރިއަށްދާނެއެވެ.

އޮޕަރޭޝަން ކުރަނގި ފޭސް ތިނެއްގައި ކުރިއަށްދާނީ މީހުން ހޯދައި އެ މީހުން ޑީޕޯޓުކުރުމުގެ މަސައްކަތާއި ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރި ކުރާ ފަރާތްތައް ހޯދައި ޑީޕޯޓު ކުުރުމުގެ އިތުރުން ސައްޙަ ވޯކްޕާމިޓް އަދި ވިސާ ނެތް މީހުން ހޯދައި ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތެވެ.

ވިޔަފާރިތަކުގައި މަސައްކަތް ކުރާ ބިދޭސީންގެ ވޯކް ޕާމިޓް ފީ މުއްދަތު ހަމަވުމުގެ ކުރިއަށް ދެއްކުމަށް ބާރު އެޅުމުގެ ގޮތުން އެ ފަރާތްތަކަށް އެކަން އަންގައިދީ އަދި މިހާރު ވޯކް ޕާމިޓް ފީ ނުދެއްކިވާ ފަރާތްތައްވެސް ހިމެނޭ ގޮތަށް ވޯކް ޕާމިޓް ފީ ދައްކާ ފަރާތްތަަކަށް ލުއި ފަސޭހަ އިންތިޒާމުތަކެއް މި ފޭސްގެ ތެރެއިން ލިބިގެންދާނެއެވެ.

މިއާއެކު ދިވެހި ވިޔަފާރިވެރިންނަށް އެ މީހުން ގެންގުޅޭ ބިދޭސީ މަސައްކަތްތެރިން ޤަވާއިދުގެ ތެރޭގައި މަސައްކަތް ކުރުމަށް ހިތްވަރަކަށް ވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު