ENGLISH
22 އޭޕްރީލު 2025
ހައްޔަރުކުރުމުން ބުނީ އަންހެން ހެދުން އަޅައިން އުޅުނީ އިންސާނިއްޔަތަށްޓަކައި ކަމަށް
20 ފެބްރުއަރީ 2025
|
އަންހެން ހެދުން އަޅައިގެން ސިފަ ބަދަލުކޮށްގެން ވައްކަން ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން އަންހެން ހެދުން އަޅައިގެން މަގުމަތީ އުޅުނީ އިންސާނިއްޔަތަށްޓަކައިކަމަށް ބުނެފިއެވެ.
އަންހެން ހެދުން އަޅައިގެން ވައްކަން ކުރަން އުޅެނިކޮށް މާލެ ތެރެއިން އެ ދެމީހުން ހައްޔަރުކުރީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދަންވަރެވެ. ހައްޔަރުކޮށްފައިވަނީ މުހައްމަދު ސަބާހު 46، / ގދ. ވާދޫ ލިލީގެ އަދި މުހައްމަދު ނައުޝާދު 42، / ސޯސަންގެ ނ. މިލަދޫ އެވެ.
އޭގެ ތެރެއިން ސަބާހު ކޯޓުގައި ބުނެފައިވަނީ އޭނާ އަންހެން ހެދުން އަޅައިގެން އުޅުނީ އޭނާއަށް ބަޔަކު ފާރަލާތީ ކާރަކަށް އަރައިގެން ގެއަށް ދިއުމަށް ކަމަށެވެ. އަދި އޭނާއާއެކު ދެން އުޅުނު ނައުޝާދު ބުނި ގޮތުން އެނާ އަންހެން ހެދުން އަޅައިގެން އުޅުނީ ސަބާހުއަށް ބަޔަކު ފާރަލައި ބިރު ދައްކާތީ އޭނާއަށް އެހީވުމުގެ ގޮތުން އިންސާނިއްޔަތައްޓަކައެވެ.
ނަމަވެސް ކޯޓުން ވަނީ އެ ދެމީހުން ތަޙުޤީޤުގެ ބޭނުމަށް ފުލުހުންގެ ބެލުމުގެ ދަށުގައި ބޭތިއްބުމަށް އަމުރުކޮށްފައެވެ. އަދި 15 ދުވަހުގެ މުއްދަތަކަށް ދެ މީހުން ބަންދުކުރުމަށް ކޯޓުން އަމުރު ނެރެފައިވެއެވެ.
އެ ދެ މީހުންނަކީ ވެސް ކުށުގެ ރެކޯޑް އޮންނަ ދެ މީހުންނެވެ.