ENGLISH
22 އޭޕްރީލު 2025
ހަރު މުދަލުގެ ގޮތުގައި ހުރި ތަކެތިން ރައްޔިތުންނަށް މަންފާވާ ގޮތަށް ހަމަޖައްސަން ފެށީ ރައީސް މުޢިއްޒުގެ ޒަޢާމަތުގައި: އާދަމް ޝާރީފް
20 ފެބްރުއަރީ 2025
|
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު -- ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒާމަތުގައި ހުރިހާ ކަމެއް ކުރައްވާނީ ރައްޔިތުންނަށް އޭގެ ފުރިހަމަ މަންފާ ލިބޭ ގޮތަކަށް ކަމަށާއި ދައުލަތުގެ ހަރު މުދަލެއްގެ ގޮތުގައި ހުރި ތަކެތި ރައްޔިތުންނަށް އޭގެ މަންފާކުރާނެ ގޮތަކަށް ހަމަޖައްސަން ފެށީ ވެސް ރައީސް މުޢިއްޒުގެ ޒާމަތުގައިކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މީގެ ކުރީގެ ސަރުކާރުތަކުގައި ވަކި ބަޔަކަށް މަންފާވާ ގޮތަށް ފަޅު ރަށްތައް ވެސް ދޫކޮށްފައިވާކަން ފާހަގަކުރައްވާ، އާދަމް ޝަރީފް ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަޅު ރަށްތައް ވަކި ގިންތީގެ މީހުންނަށް ދީފައިވާ ކަމުގެ އަޑުތައް އަބަދުވެސް އިވެމުންދާ ކަމަށާއި އެކަންތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބަދަލު ކުރައްވާފައިވާ ކަމަށެވެ.
"މިއީ ރާއްޖޭގެ ފަހުގެ ތާރީޚެއްގައި ހިނގާފައިވާ ކަމެއް ނޫން. ޚާއްސަކޮށް ކައުންސިލްތަކާއި ރައްޔިތުން ބާރުވެރިކުރުމަށްޓަކައި މީގެ ކުރިން ދައުލަތަށް ހަރު މުދަލެއްގެ ގޮތުގައި ހުރި ބައެއް ތަކެތި ރަށްޔިތުންނަށް އޭގެ މަންފާވާ ގޮތަށް ހަމަޖައްސަން ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒާމަތުގައި،" ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.
ކައުންސިލްތަކަށް ފަޅު ރަށްތައް ދޫކުރުމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ، ބިން ކުޑަ ރަށްތަކަށް އިޤްތިޞާދީ މަސައްކަތްތައް ކުރެވޭނެ މަގު ފަހިކޮށްދިނުމަށާއި ކައުންސިލްތައް ޒިންމާދާރުކުރުވައި މާލީ ގޮތުން ބާރުވެރި މަސައްކަތްތަކެއް ކުރާ ބަޔަކަށް ހެދުމަށް ގެންގުޅުއްވާ ވިސްނުންފުޅުގެ ތެރެއިންކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިއީ ލާމަރުކަޒީ ނިޒާމުގައި މިފަދަ މަސައްކަތެއް ކުރާ ފުރަތަމަ ފަހަރުކަމަށް ވެސް ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.
އާދަމް ޝަރީފް ވިދާޅުވީ، މާލީ ގޮތުން ކައުންސިލްތައް ބާރުވެރިކުރުމަށްޓަކައި، ފަޅުރަށްތައް ކައުންސިލްތަކާ ހަވާލުކުރެއްވުމުގެ އުސޫލުގެދަށުން ފުރަތަމަ ފަހަރަށް ތިން ކައުންސިލަކަށް ހަތަރު ފަޅުރަށެއް ހަވާލުކުރެވިފައިވާ ކަމަށެވެ. އެއީ ރ. އިނގުރައިދޫ ކައުންސިލާއި، ދ. އަތޮޅު ކައުންސިލްގެ އިތުރުން ލ. މާވަށު ކައުންސިލެވެ.
މީގެ އިތުރުން، އާދަމް ޝަރީފް ވިދާޅުވީ ކައުންސިލްތަކުން ފަޅު ރަށްތަކުގައި އެކި ކަހަލަ މަސައްކަތް ކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމުން އެ ކައުންސިލަށް އެކަން ކުރުމުގެ ހުއްދަ ވެސް ލިބިގެންދާނެ ކަމަށާއި ފަޅު ރަށްރަށުން ނެގޭ ޓެކްސްގެ ވަކި އިންސައްތައެއް ކައުންސިލްތަކަށް ލިބޭނެ ގޮތް ވެސް ހަމަޖައްސައިދެއްވާފައިވާ ކަމަށެވެ. މިއީ ލާމަރުކަޒީ ނިޒާމަށް އަންނަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، މި ފުރުސަތުގައި ވަރަށް ގިނަ ކައުންސިލްތަކުން ފަޅުރަށްތައް ހޯދުމަށް ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށެވެ. އެގޮތުން އިތުރު ފަސް ކައުންސިލަކުން ހަތް ރަށެއް ހޯދުމަށް މިހާރު ހުށަހަޅާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.