ENGLISH
22 އޭޕްރީލު 2025
ޕަބްލިކް ވޯކްސްއަށް ދެ މޯބައިލް ޔުނިޓު ގާއިމުކުރައްވަނީ
20 ފެބްރުއަރީ 2025
|
ރަށްރަށުގައި ޕަބްލިކް ވޯރކްސް ނުވަތަ އާންމު ޚިދުމަތް ދިނުމަށް ދެ މޯބައިލް ޔުނިޓު ގާއިމުކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓްރީ އޮފް ސިޓީޒް ލޯކަލް ގަވާމެންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވަނީ ޕަބްލިކް ވޯކްސްގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާ ކުރުމަކީ ސަރުކާރުގެ އަމާޒެއްކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން، ރަށްރަށުގައި އާއްމު ޚިދުމަތްތައް ދިނުމުގެ މާލީ ގާބިލުކަން ކައުންސިލްތަކުގައި އަދި ނެތުމާއެކު، އެ މަސައްކަތަށް ޚާއްސަކޮށް ދެ މޯބައިލް ޔުނިޓު ގާއިމުކުރުމަށްޓަކައި އެ މަޝްރޫއުއާއި ގުޅޭ ލިޔެކިޔުންތައް މިހާރު ފިނޭންސް މިނިސްޓްރީއަށް ހުށަހަޅުއްވާފައިވާ ކަމަށް ވިދާޅުވިއެވެ.
"ސަރުކާރުން މި މަސައްކަތުގައި ކައުންސިލްތަކުގެ ފުދުންތެރިކަމެއް އަދި ނެތުމާއެކީގައި މިކަމަށް ބޭނުންވާ ދެ މޯބައިލް ޔުނިޓެއް އެކުލަވާލުމުގެ މަސައްކަތް އަޅުގަނޑުމެން މިދަނީ ކުރަމުން. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަޅުގަނޑުމެންނަށް އިރުޝާދު ދެއްވާފައި އެބައޮތް ފިނޭންސް މިނިސްޓްރީ އާ ވާހަކަދައްކައިގެން މި މަަސައްކަތް ކުރިއަށްގެންދިއުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
މި ޚިދުމަތާ ގުޅިގެން އިތުރަށް ވާހަކަދައްކަވަމުން މިނިސްޓްރ ވަނީ، ޕަބްލިކް ވޯކްސްގެ ޚިދުމަތް ދިނުމަށްޓަކައި ކައުންސިލްތަކުން އިސްނަގައިގެން މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އެކަމަށް ދެވެން އޮތް އެއްބާރުލުމެއް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
"މިގޮތުން ޚާއްސަ ގޮތެއްގައި ކަސްޓަމްސް ޑިއުޓީ މައާފްކުރުމުގެ ނިޒާމެއް ގާއިމުކުރެވިގެން އެ މަސައްކަތްތައް ވެސް ކުރިއަށްދާ ވާހަކަ ދަންނަވާލަން،" މިނިސްޓަރު ވިދާޅުވި އެވެ.
މި އަހަރުގެ ތެރޭގައި ރާއްޖޭގެ 15 އަތޮޅެއްގައި ޕަބްލިކް ވޯކްސް ނުވަތަ އާންމު ހިދުމަތް ތައާރަފުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. މިހާރު ވެސް ރާއްޖޭގެ ހަތް ސަރަހައްދެއްގައި ޕަބްލިކް ވޯކްސް ޔުނިޓު ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް އެބަދެ އެވެ.