ENGLISH
22 އޭޕްރީލު 2025
ބައުވެފައިވާ 55 ކައުންސިލް އިދާރާގެ މަޝްރޫއު: އޭޕްރީލް މަހު މަސައްކަތް ފަށާނެ!
20 ފެބްރުއަރީ 2025
|
ކައުންސިލް އިދާރާ ބިނާކުރުމުގެ މަޝްރޫއުގައި ސޮއި ކުރުން --- ފޮޓޯ: މިނިސްޓްރީ
ކައުންސިލް އިދާރާތައް އަލުން ޢިމާރާތްކުރުމަށް ރައީސްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމާ ގުޅިގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ 55 ކައުންސިލް އިދާރާގެ މަސައްކަތުގެ ދަށުން އިމާރާތް ކުރުމުގެ މަސައްކަތް އަންނަ އޭޕްރީލް މަހު ރަސްމީކޮށް ފެށޭނެ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރަށްރަށަށް ޒިޔާރަތްކުރެއްވި އިރު ބައެއް ރަށްރަށުގެ ކައުންސިލް އިދާރާތަކުގެ ހާލަތު ފެނިވަޑައިގެން ބައުވެ، ވީރާނާވެފައިވާ އިމާރާތްތަކާ، ދިމާވެެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރެއްވުމަށް އެމަނިކުފާނު ނިންމެވި ނިންމެވުމާ ގުޅިގެން ފެށުނު މަޝްރޫޢުއެއް ކަމަށެވެ.
"ރައީސުލްޖުމްްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަށްރަށަށް ޒިޔާރަތް ކުރެއްވިއިރު ބޮލަށް ވެއްޓޭވަރުވެފައި ހުރި ބައު، ހަމަ ޖިފުޓިއެއްފަދަ ތަންތަނަށް ރައީސް މައުމޫންގެ ވެރިކަމުގައި ގާޒީންނާ ކަތީބުން ޚިދުމަތް ކުރުމަށްޓަކައި ދެ ކޮޓަރިއާ ސިޓިންގްރޫމެއްގެ ގޮތުގައި ތައްޔާރުކުރެވުނު ގޭގޭގެ ގޮތުގައި ހުރި ތަންތަނުގައި ކައުންސިލްތައް ފަސް ކައުންސިލަރުން ހަތް ކައުންސިލަރުން ތިބެގެން އަދި އިދާރީ ބޭފުޅުން ތިއްބަވައިގެން މިއަދު މަސައްކަތް ކުރައްވަން ޖެހުނީމަ ހުރި އިދާރީ ދަތިކަމާ ޖާގައިގެ ދަތިކަމާ މިހުރިހާ މައްސަލައެއް ހައްލު ކުރުމަށްޓަކައި ރައީސް ކަނޑައެޅުއްވީ ސަރުކާރުގެ ތެރެއިން މިކަމަށް އިސްނަގައިގެން މަސައްކަތް ކުރައްވަން. " - ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް
މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއު ކޮންޓްރެކްޓް އެންޑް ފައިނޭންސްގެ ދަށުން ކުރުމަށް ކަނޑައަޅުއްވާ، މިހާރު މެލޭޝިއާގެ ހެކްސްޓަރ ގްލޯބަލް ކުންފުންޏާ ހަވާލުކުރެވިފައިވާ ކަމަށެވެ.
ލިބިފައިވާ ފަހުގެ މައުލޫމާތަށް ބަލާއިރު މި މަހުގެ 28 ގައި އެ ކުންފުނީގެ ޓީމެއް ރާއްޖެ އަންނާނެކަން ހާމަކުރައްވާ މިނިސްޓަރު ވިދާޅުވީ މިހާރު އެއްކުރެވިފައިވާ މައުލޫމާތަށް ބަލާއިރު އޭޕްރީލް މަހުގެ ތެރޭގައި އިމާރާތް ކުރުމުގެ މަސައްކަތް ރަސްމީކޮށް ފެށިގެންދާނެ ކަމަށެވެ.
"މި މަސައްކަތަށް ބަލާއިރު އަޅުގަނޑުމެންނަށް ގާތްގަނޑަކަށް 39 ކައުންސިލްގެ އިދާރާ ދެ ފަންގިފިލާއަށް އިމާރާތް ކުރެވޭނެ. އަދި ވަރަށް މަދު ތަނެއްގައި ނޫނީ ޑިމޮލިޝަންއަށް މަސައްކަތް ކުރާކަށް ނުޖެހޭ. އެހެންވީމަ އަޅުގަނޑުމެން މި ޓާގެޓް ކުރަނީ މަޝްރޫއުގައި އޮތް ގޮތަށް ދެއަހަރާ ބައިގެ ތެރޭގަ 55 ކައުންސިލް އިދާރާގެ މަސައްކަތް ނިންމޭވަރަށް މި މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް. " - ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް
މި މަޝްރޫއުގެ ޖުމްލަ އަގަކީ 36 މިލިއަން ޑޮަލަރުކަމަށް ވެސް މިނިސްޓްރީން ވަަނީ ބުނެފައެވެ.
ބައުވެ ވީރާނާވެފައިވާ، ރަށްރަށުގެ ކައުންސިލް އިދާރާތައް ޢިމާރާތްކުރުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވައި މަޝްރޫޢެކެވެ. ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލްގެ އިތުރުން، ޕީއެސްއައިޕީ ޕްރޮޖެކްޓްގެ ތެރޭން 50 ކައުންސިލެއްގެ އިދާރާ ވެސް ޢިމާރާތްކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ޕީއެސްއައިޕީ ޕްރޮޖެކްޓްގެ ތެރޭގައި ހިމެނޭ ކައުންސިލްތަކުގެ މަސައްކަތް ވެސް ކައިރި ތާރީޚެއްގައި ފެށިގެން ދާނެ ކަމަށް ލަފާކުރެވޭކަމަށް އެއިދާރާއިން ވިދާޅުވެއެވެ.