ENGLISH

22 އޭޕްރީލު 2025

Advertisement

ހެޔޮކަންކަމަށް ހޭދަކުރަން ދޭ ފައިސާ ޖަމާކުރާ ނިޒާމެއް އަންނަ ހަފްތާގައި ގާއިމުކުރަނީ

20 ފެބްރުއަރީ 2025

|

އުމްނާ އިސްމާޢީލް

ޒަކާތް ބަލައިގަަތުން (ފޮޓޯ/ ޒަކާތު ހައުސް)

ޒަކާތު ހައުސްއަށް މުދަލު ޒަކާތުގެ ފައިސާގެ އިތުރުން ސަދަގާތާއި ޚައިރަތާއި ހިބައާއި އެނޫން ވެސް ހެޔޮކަންކަމަށް ހޭދަކުރަން ދެވޭ ފައިސާ ޖަމާކުރެވޭނެ ނިޒާމެއް ގާއިމުކުރައްވާނެ ކަމަށް އެ އިދާރާގެ ބެލެނިވެރި ފަރާތް ކަމަށްވާ އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ހާމަކުރައްވައިފި އެވެ.

އެ ވުޒާރާގެ ރަސްމީ 'އެކްސް' އެކައުންޓުގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ފަދަ ނިޒާމެއް އަންނަ ހަފްތާގައި ގާއިމުކުރައްވާނެ ކަމަށެވެ. މި ފަދަ ނިޒާމެއްގެ ބޭނުމަކީ އެ ވުޒާރާއިން ވިދާޅުވި ގޮތުގައި، ރައްޔިތުން ހެޔޮކަންކަމަށް ކުރާ ހޭދަ، ބޭނުންޖެހިފައިވާ ދާއިރާތަކަށް ހޭދަކުރުމުގެ ނިޒާމެއް އުފެއްދެވުމެވެ.

ރާއްޖޭގައި ހެޔޮކަންކަމަށް ހޭދަކުރުމުގެ ޙާޖަތު ވަރަށް ބޮޑަށް އޮތްކަން ފާހަގަކުރައްވަމުން އެ ވުޒާރާއިން ވިދާޅުވީ، ވަރަށް ގިނަ ރަށްރަށަށް މިސްކިތްތަކާއި ގުރުއާން ކްލާސްތަކަށް ވަސީލަތްތައް ހޯދަން ޖެހިފައިވާ ކަމަށެވެ. މުޖުތަމައު ހެޔޮ ގޮތުގައި ބިނާކުރަން އިސްކަން ދިނުމަކީ މުހިއްމު ކަމެއް ކަމަށް އެ ވުޒާރާގެ ޕޯސްޓުގައި ފާހަގަކުރެއްވި އެވެ.

އެ ވުޒާރާއިން ވިދާޅުވީ، ރާއްޖޭގެ ޒަކާތު ހައުސް ތަރައްގީ ކުރަމުން ދަނީ އިސްލާމީ ދުނިޔޭގެ ނަމޫނާ ޒަކާތުގެ އިދާރާއެއްކަމުގައިވާ ކުވައިތު ޒަކާތު ހައުސް ނަމޫނާ އަކަށް ބަލައިގެން ކަމަށެވެ. 

ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްގީކުރުމުގެ މަސައްކަތްކުރުމުގެ ބޭނުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު "ޒަކާތު ހައުސް" ގެ ނަމުގައި އިދާރާއެއް އުފެއްދެވީ 2023 ވަނަ އަހަރުގެ ޑިސެމްބަރު 18 ގަ އެވެ. ދަރަނިވެރިވުމުން ދޭ އެހީ އާއި، ބޭސް ފަރުވާގެ އެހީގެ އިތުރުން ޚާއްސަ ހާލަތެއް ދިމާވުމުން އެ އިދާރާއިން އެހީތެރިކަން ފޯރުކޮށްދެ އެވެ.

ޒަކާތަށް ހޭލުންތެރިކުރުމަށް ޒަކާތު ހައުސްއިން ކުރައްވަމުންދާ މަސައްކަތްތަކާއެކު ފާއިތުވެދިޔަ އަހަރަކީ، ޒަކާތުގެ ގޮތުގައި އެންމެ ގިނަ އަދަދަކަށް ފައިސާ ލިބުން އަހަރު ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ މީގެކުރިން ވިދާޅުވެފަ އެވެ. އެގޮތުން، ނިމުނު 2024 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު