ENGLISH
22 އޭޕްރީލު 2025
ހަހާސް މީހުން ބައިވެރިވެގެން ކުދި މިސްކިތްތައް ބިނާކުރުމުގެ ޚިޔާލު އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ފާޅުކުރައްވައިފި
20 ފެބްރުއަރީ 2025
|
ރާއްޖޭގެ ތާރީޚާއި ސަޤާފަތާއި މާޙައުލާއި ގުޅޭގޮތައް ޑިޒައިންކުރެވިފައިވާ މިސްކިތެއްގެ ކުރެހުމެއް-- ފޮޓޯ/ އެމްއެމްޓީވީ
ހަހާސް މީހުން ބައިވެރިވެގެން 300 މީހުންގެ ޖާގައިގެ މިސްކިތްތައް ބިނާކުރެއްވުމުގެ ޚިޔާލު އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ފާޅުކުރައްވައިފިއެވެ.
ވަޒީރު ޝަހީމް ފޭސްބުކްގައި ފާޅުކުރެއްވި ޚިޔާލެއްގައި ވިދާޅުވީ ކުރިއަށްއޮތް ރަމަޟާން މަހު ގިނަ ބަޔަކު ބައިވެރިވެގެން މިސްކިތްތައް އެޅުމަކީ ކުރެވިދާނެ ކަމެއްކަމަށް ހިތްޕުޅަށް އަރާވަޑައިގަންނަވާ ކަމަށެވެ.
ވަޒީރު ވިދާޅުވި ގޮތުގައި އާޑިޒައިންގެ 300 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ޚަރަދުވާނީ ބީއޯކިއުގައިވާ ގޮތުން ހަ މިލިއަން ރުފިޔާ އެވެ.
"މި ޢަދަދު ހަ ހާސް މީހުންވެގެން ނަމަ އެއީ މީހަކަށް އެއްހާސް ރުފިޔާ! ކިހާ ގިނަ ސަވާބު ލިބޭނެ ކަމެއް މިއީ!،" ވަޒީރު ވިދާޅުވިއެވެ.
އަމިއްލަ ޖަމިއްޔާއަކުން މިކަމަށް އިސް ނަގައި ކެމްޕޭނެއް ގެންދާ ނަމަ، މިނިސްޓްރީން އެކަމަށް ތާއިދު ކުރާނެކަމަށް ވަޒީރު ޝަހީމްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ. އަދި ތަނަވަސްކަމުގެ އަހުލުވެރިން ބައިވެރިވެގެން މިސްކިތް އަޅަން ބޭނުން ނަމަ އެކަމަށް ވެސް އެހީތެރިވެވަޑައިގަންނަވާނެކަމުގެ ޔަޤީންކަން ވަޒީރު ދެއްވާފައިވެއެވެ. ވަޒީރު ޝަހީމް ވިދާޅުވި ގޮތުގައި، ރާއްޖޭގެ 42 ރަށެއްގައި މިސްކިތް އަޅަން އެބަޖެހެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތް ބިނާކުރުމުގެ 35 މަޝްރޫޢު މިއަހަރު ކުރިއަށްގެންދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި އަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ވަޒީރު ޝަހީމް އިތުރަށް ފާހަގަ ކުރައްވާފައިވާ ގޮތުގައި އަލަށް އަޅަން ފަށާ ހަ މިސްކިތްތަކާއި އަދި މަސައްކަތް ކުރިއަށް ދާ 35 މަޝްރޫޢާ އެކު، ސަރުކާރުން 41 މިސްކިތެއްގެ މަސައްކަތް މިހާރު ކުރިއަށް އެބަގެންދެއެވެ. އަދި އަމިއްލަ ފަރާތްތަކުގެ ދީލަތި އެހީގައި މިސްކިތް އެޅުމުގެ 12 މަޝްރޫއެއް އެބަ ކުރިއަށްދާކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.