ENGLISH

08 ޖުލައި 2025

Advertisement

ކުރީގެ ވަޒީރު މަހުލޫފް ދުންފަތާ ދުރުވެ ދެ އަހަރު، ހުރިހާ ގޮތަކުން ވެސް އުފާ

19 ފެބްރުއަރީ 2025

|

އަޙުމަދު ޙަމީދު

ކުރީގެ ޔޫތު މިނިސްޓަރު އަޙްމަދު މަޚުލޫފު

އުމުރުން 18 އަހަރު ފުރުނީއްސުރެ ދުންފަތުގެ އިސްތިއުމާލުކުރައްވައެވެ. ފުރަތަމަ އެކަން ފެއްޓެވީ މައިންބަފައިންނަށް ވަރަށް ސިއްރުންނެވެ. ކިތަންމެ ސިއްރުން ކުރެއްވި ނަަމަވެސް ކުޑަދުވަސްކޮޅެއްގެ ތެރޭގަައި އެކަން މައިންބަފައިންނަށް އެނގިވަޑައިގަތެވެ. 

އެކަމާ ވަރަށް ބޮޑަށް ހިތާމަކުރެއްވިއެވެ. އެެއީ ދުވަހަކު ވެސް ދުންފަތުގެ އިސްތިއުމާލު ކުރެއްވުން ފަދަ ގޯސް އަމަލެއް ކުރައްވާފާނެ ކަމަށް އެ ދެ ކަނބަލުންނަށް ހީފުޅުވެފައިވެސް ނެތީމައެވެ. ނަމަވެސް ސުކޫލުގެ ދައުރު ނިމި ގާނޫނީ ގޮތުން ބޮޑު މީހަކަށް ވެފައިވުމުން އެކަން ހުއްޓުވޭނެ ގޮތެއް އޭރު ފެނިވަޑައިގެންފައި ނެތީއެވެ.

ނަމަވެސް އޭގެ އެތައް އަހަރެއް ފަހުން ދުންފަތުގެ އިސްތިއުމާލު ކުރެއްވުމާއި ދުރުވެވަަޑައިގެންނެވީ އަމިއްލަފުޅު ނިންމެވުމެއްގެ ގޮތުގައެވެ. ދުންފަތުގެ އިސްތިއުމާލު ނުކުރައްވާތާ އަދި ދުންފަތުގެ އެއްވެސް ބާވަތެއް ވެސް ބޭނުން ނުކުރައްވާތާ މިހާރު ދެ އަހަރުވީއެވެ.

ކުރީގެ މިނިސްޓަރު އަޙްމަދު މަޚުލޫފު އަނބިކަނބަލުންނާއެކު

މިއީ ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ ވާހަކައެވެ. ދުންފަތުގެ އިސްތިއުމާލު ކުރެއްވުން ހުއްޓަވާލައްވާ ދުންފަތަށް އަލްވަދާއުވިދާޅުވިތާ އިއްޔެއަށް ދެ އަހަރު ފުރުނީއެވެ.

މިނިސްޓަރު މަހުލޫފް، ދުންފަތުގެ އިސްތިއުމާލު ކުރެއްވުން ހުއްޓަވާލެއްވީ އެކަމަށް ބޭނުން ވެގެން މީގެ ދެ އަހަރު ކުރީން ފެބްރުއަރީ 19، 2023 ގަ އެވެ. އޭރު ހުންނެވީ ޒުވާނުންނާއި ކުޅިވަރާބެހޭ ވަޒީރުގެ ހައިސިއްޔަތުން ރަސްމީ ދަތުރުފުޅެއްގައި ކުވެއިތުގައެވެ.

އެގަައުމަށް ވަޑައިގެންނެވީ އޭޝިޔާ ޝޫޓިން ފެޑަރޭޝަންގެ ރައީސްއާ ބައްދަލު ކުރެއްވުމަށެވެ. އޭރު ކުވެއިތަށް އޮތީ ފިނިމޫސުމުގެ އެންމެ ފިނި ދުވަސްވަރާ ކުރިމަތިވެފައެވެ.

“ވަރަށް ފިނި ދުވަހެއް އެއީ. ދެން އެއްގޮތަކަށް ވެސް ސިނގިރޭޓް ބޯހިތެއް ނުވި އެ މޫސުމުގެ ގޮތުން. އެހެންވީމަ ހިތަށް އެރީ މިއީ ދުންފަތާ ދުރުވާންވީ ވަގުތޭ. ދެން ހަމަ ވަގުތުން އެ ހުއްޓާލީ،” މަހުލޫފް ވިދާޅުވިއެވެ.

މަހްލޫފް ވިދާޅުވި ގޮތުގައި އެއްވެސް އިރަކު ވަރަށް ގިނައިން ދުންފަތުގެ އިސްތިއުމާލެއް ނުކުރައްވައެވެ. އެކަމަކު އަބަދުވެސް ޖީބުގައި ހުސްނުވެ ސިނގިރޭޓް ފޮއްޓެއް އޮވެއެވެ.

ކުވެއިތުގައި ހުންނަވާ ދުންފަތާ ދުރަށް ވަޑައިގެންނެވީ ވެސް ޖީބުގައި ސިނގިރޭޓް ފޮށި ފުރާ ސިނގިރޭޓް ހުއްޓައެވެ.

“އަޒުމެއް ކަނޑައަޅާ ކަމެއް ކުރަން ނިންމައިިފިނަމަ ވަގުތުން އެކަމެއް ތަންފީޒު ކުރަން ޖެހޭނެ ކަަމަށް އަޅުގަނޑު ދެކެނީ. ޚާއްސަކޮށް ދުންފަތް ބޭނުން ކުރުން ފަދަ ގޯސް އާދައެއް ހުއްޓާލާއިރު. ހިތްވަރާއެކު ވަގުތުން ޖެހޭނެ ހުއްޓާލަން. ދެން މި ފޮށި ހުސްކޮށްލާފައޭ ނޫނީ ވަކި ތާރީޚެެއްގަ އޭ ހުއްޓާލާނީ. އެހެން ވެގެން ނުވާނެ. މިއީ ގޯސް އާދައެއް. އެހެންވީމަ ވަގުތުން ހުއްޓާލީ،” މަހުލޫފް ވިދާޅުވިއެވެ.

ދުންފަތާ ދުރުވުމުގެ ކުރީން ޑޮކްޓަރަށް ދައްކަވާ ކޮންމެ ފަހަރަކުވެސް ޑޮކްޓަރު މަހްލޫފް އަރިހުގައި ތަކުރާރުކޮށް ވިދާޅުވާ އެއް ވާހަކައެއް އޮވެއެވެ. އެއީ ދުންފަތުން ލިބޭ ގެއްލުމުގެ ވާހަކައެވެ. އިރުޝާދާ ނަސޭހަތް ދެއްވަނީ އަވަހަަށް އެކަން ހުއްޓަވާލެއްވުމަށެވެ.

ކުރީގެ މިނިސްޓަރު މަޚުލޫފުގެ ދެމަފިރިކަނބަލުން ދަރިކަނބަލުންނާއެކު

އެއީ ދުންފަތުން އެތެރެހަށީގެ ގުނަވަންތަކަށް ކުރާ އަސަރު ރިޕޯޓްތަކުން ފެންނާތީއެވެ.

“ދެން ވިސްނަވާ ވަރަށް ގިނަ ސިނގިރޭޓް ބޯ މީހެއްގެ ހާލަތު ހުންނާނެ ގޮތް. ސިނގިރޭޓް ބޯ މީހުންނާއެކު ގިނަ ވަގުތު އުޅޭ މީހުންނަށް އެކަމުން ލިބޭ ގެއްލުން އެބަ އިނގޭ އަޅުގަނޑުމެންނަށް. އެހެންވީމަ މިއީ އެއްގޮތަކަށް ވެސް އެއްވެސް މިންވަރަކަށް އެކަކު ވެސް ކޮށްގެން ވާނެ ކަމެއް ނޫން،”

ދުންފަތާ ދުރުވުމުން އެކަމުން ލިބޭ އުފަލާ ހިތްހަމަޖެހުން މިއަދު ވަރަށް ބޮޑަށް އިހުސާސް ކުރެއްވޭ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

“އެންމެ ބޮޑު އެއް ކަމަކީ ކުރީން އެ ކުރެވޭ އުނދަގޫ އިހުސާސްތައް މިހާރު ނެތުން. ކުރީންނަމަ ފަތިހު ހޭލާއިރު ކަރުތެރެ ހުންނާނީ ވަރަށް ގޯސްވެފައި. ހަގީގަތުގައި ދުންފަތް ބޭނުން ކުރިޔަސް މިއީ ވަރަށް އުނދަގޫ އިހުސާސްތަކެއް ކުރުވާ ކަމެއް. އެކަން ހަގީގަތުގައި މި އިހުސާސް ވަނީ ދުންފަތާ ދުރުވެ ހުރުމުން. މިހާރު ހާދަ ފަސޭހަވެ އަރާމު ވެއްޖެއޭ ނަފްސަށް. އަލްހަމްދު’”
އަނެއް ކަމަކަށް މަހްލޫފް ފާހަގަ ކުރެއްވީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުވާ ނުބައި ވަހެވެ. ކުރިންނަމަ މުޅި ގައިގަޔާ އަންނައުނުގައި އެއް ވަހަކަށް އޮންނާނީ ސިނގިރޭޓް ވަހެވެ. އެކަމުން ސަލާމަތް ވުމަކީ ވެސް މީހާގެ ނަފްސަށް ވަރަށް ބޮޑު އުފާވެރި ކަމެެއް ގެނެސްދޭ ކަމެކެވެ.

ދެން އޮތީ ދުންފަތަށް ކުރަމުން އައި މާލީ ބޮޑު ހޭދަ ހުއްޓާލުމުން ޖީބަށް ލިބިފައިވާ ބޮޑު ލުޔެވެ.

“އަޅުގަނޑަކީ ވަރަށް ވަރަށް ގިނައިން ސިނގިރޭޓް ބޯ މީހެއް ނޫން އެއްވެސް އިރަކު. ނަމަވެސް ސިނގިރޭޓް ބުއިން ހުއްޓާލުމުން އަަޅުގަނޑަށް މިހާރު އިހުސާސްވޭ ހާދަ ފައިސާއެކޭ އެކަމަށް ޚަރަދު ކުރެވެނީ މި. ދެން ވިސްނަވާ އަދި ވަރަށް ގިނައިން ސިނގިރޭޓް ބޯ މީހެއްނަމަ ޚަރަދު ކުރާނެ ފައިސާ. މިއީ ވަރަށް ބޮޑު އިސްރާފެއް،”

މަހުލޫފް ވިދާޅުވި ގޮތުގައި ދުންފަތާ ދުރުވެ ހުރުމަކީ އުނދަގޫ ކަމެއް ނޫނެވެ. ބޭނުންވަނީ އަމިއްލަ ނަފްސުގެ އަގު ވަޒަން ކުރުމާއެކު ނަފްސަަށް ގެއްލުންދޭ ކަންކަމާ ދުރުވުމުގެ ގަދަ ހިތްވަރެވެ.

ކުރީގެ މިނިސްޓަރު އަޙްމަދު މަޚުލޫފު 

އެ ހިތްވަރުގައި އެކަމުގެ އިޚްލާސްތެރި ނިޔަތުގަައި މަހްލޫފް ދުންފަތާ ދުރުވީ ވަގުތުންނެވެ. އަޒުމު ކަނޑައަޅާ ވަގުތުން ހުއްޓާލެއްވީ އެވެ. ޖީބުގައި އޮތް ސިނގިރޭޓް ފޮށި، ބާކީ ހުރި ސިނގިރޭޓްތަކާއެކު ހޮޓަލުގެ ކުނިވަށިގަނޑަށް ލެއްވީއެވެ.

އެ ދުވަހުން ފެށިގެން މިއަދާ ހަމަައަށް ދުންފަތުގެ އެއްވެސް ބާވަތެއް ބޭނުމެއް ނުކުރައްވައެވެ. އެކަމުން މާކަބޮޑު އުނދަލެއް ކުރިމަތިވެވަޑައެއް ނުގަންނަވައެވެ. އަމުދުން މިހާރެވެ. މިހާރު ދުންފަތުގެ ވަސް ޖެހުނަސް އުނދަގުލެވެ. އެންމެ ނުބައި ވަހަކަށް ސިނގިރޭޓާއި ދުންފަތުގެ ވަސް ވެއްޖެއެވެ.

"ٱلْحَمْدُ لِلَّٰهِ. ދުންފަތާ ނުލާ ދެ އަހަރު ހަމަވީތީ އުފާކުރަން. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ދުންފަތާ ދުރުވޭތޯ މަސައްކަތްކުރައްވާ.‏ހަށިގަނޑަށްވެސް ލުއި އަދި ޖީބަށްވެސް ލުއި،" ދުންފަތާ ދުރުވާން އެންމެނަަށް އިލްތިމާސްކުރައްވައި މަހްލޫފް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު