ENGLISH
22 އޭޕްރީލު 2025
69 ދަރިވަރުންނާ އެކު ކުރިއަށް ގެންދިޔަ ރާސްތާ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި
19 ފެބްރުއަރީ 2025
|
ގައުމީ ޔުނިވަސިޓީގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ "ރާސްތާ" ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ރާސްތާ ޕްރޮގްރާމް ނިންމުމަށް އެމްއެންޔޫ އޮޑިޓޯރިއަމްގައި އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީންއެވެ. އަދި މި ހަފްލާގައި ގައުމީ ޔުނިވަސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އަދި ޔުނިވަސިޓީގެ ބައެއް އިސްވެރިންނާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ބައެއް އޮފިސަރުންނާއި އެހެނިހެން ފުލުހުންގެ އިތުރުން ރާސްތާ ޕްރޮގްރާމުގެ ބައިވެރިންނާއި މުދައްރިބުން ބައިވެރިވެވަޑައިގެންނެވިއެވެ.
ފެބުރުވަރީ މަހުގެ 13 އިން 16 އަށް ދ. ވާނީގައި ކުރިއަށް ގެންދިޔަ ރާސްތާ ޕްރޮގްރާމުގައި، ގައުމީ ޔުނިވަސިޓީގެ އެކި ކޯސްތައް ހިމެނޭގޮތަށް 69 ދަރިވަރުން ބައިވެރިވިއެވެ. މި ޕްރޮގްރާމުގައި، ސަވައިވަލް، ޓީމް ބިލްޑިންގ، ސެލްފް ޑިފެންސް، ލީޑަޝިޕް، ވޮލަންޓިއަރިޒަމް، ފިޒިކަލް ފިޓްނަސް، ރިވެތި އަދަބު، ގައުމިއްޔަތު އަދި ދީނީ ދަރުސް ކުރިއަށް ގެންގޮސްފައިވެއެވެ.
ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވީ، ރާސްތާ ޕްރޮގްރާމުން ދިރިއުޅުމުގެ ވައްޓަފާޅި ދަސްވެ މީހުންނަށް އިހުތިރާމުކުރުމަށާއި ޒިންމާދާރުވުމަށާއި ކަންކަމުގައި އިސްނަގައި އަދި ގުޅިގެން މަސައްކަތްކުރުމަށް ދަސްވެގެން ދިޔަކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި މި ޕްރޮގްރާމުން ދަސްވި ކޮންމެ ފިލާވަޅަކީ އަމަލީ މައިދާނުގައި ބޭނުންކުރެވޭނެ މުހިންމު ފިލާވަޅަކަށް ވެގެންދާނެ ކަމަށާއި ގައުމިއްޔަތާއި ލީޑަރޝިޕް އަދި ރިވެތި އަދަބު އަޚުލާގުން ޕާސަނަލް ކެރެކްޓަރ ބިލްޑުކުރުމަށް ސަޕޯޓާއި އިލްމީ ހުނަރު ލިބިގެން ދިޔަކަމަށް އުންމީދުކުރައްވާ ކަމަށާއި މިއިން ކޮންމެ ކަމަކީ ވެސް މުސްތަގުބަލު އުޖާލާވެގެންދާނެ ކަމެއްކަން ނަވީން ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި، ރާސްތާ ޕްރޮގްރާމުގެ ބައިވެރިންނަށާއި މުދައްރިބުން އަދި އެކި ގޮތްގޮތުން އެހީތެރިވެދެއްވި ފަރާތްތަކަށް ސެޓްފިކެޓް ދީފައިވެއެވެ.
"ރާސްތާ" ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ޕަބްލިކް ޓްރަސްޓް އެންޑް ކޮންފިޑެންސް މެނޭޖްމަންޓާއި ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް އަދި ގައުމީ ޔުނިވަސިޓީ ގުޅިގެންނެވެ.