ENGLISH
22 އޭޕްރީލު 2025
ފަރުވާގެ ނިޒާމަށް މީހުން ވެއްދުން އަވަސްކުރަން މަޝްވަރާކުރައްވައިފި
19 ފެބްރުއަރީ 2025
|
އެންޑީއޭގެ ބޯޑު ބައްދަލުވުމުގެ ތެރެއިން (ފޮޓޯ/ ސަރުކާރު)
މަސްތުވާތަކެތީގެ ފަރުވާގެ ނިޒާމަށް މީހުން ވެއްދުމުގެ މަރުހަލާ އަވަސްކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފި އެވެ.
މި މަޝްވަރާތައް ކުރައްވާފައިވަނީ ނެޝަނަލް ޑްރަގް އޭޖެންސީ (އޭންޑީއޭ)ގެ ބޯޑު ބައްދަލުވުމުގަ އެވެ.
އެންޑީއޭގެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަންތައްތަކުގެ ތެރޭގައި އެ ދާއިރާގައި މަސައްކަތް ކުރާ އަމިއްލަ މަސައްކަތް ކުރަމުންދާ ޖަމުއިއްޔާތައް ބާރުވެރިކުރުވުމާއި، އެފަރާތްތަކަށް ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން އިތުރުކުރުމަށް ފިޔަވަޅު އެޅުން ހިމެނެ އެވެ.
ހަމައެއާއެކު މައްސަލަތައް ނިންމުމުގެ މަރުހަލާ އަވަސްކުރުމަށާއި، ފަރުވާ ފުރިހަމަނުކުރާ ފަރާތްތަކަށް ފިޔަވަޅު އަޅައި، އެކަން ތަންފީޒު ކުރަން މުރާޖާ ކޮމިޓީއަށް އެންގެވުމަށް ވެސް އެ އިދާރާއިން ވަނީ ނިންމަވާފަ އެވެ.
އެ ބައްދަލުވުމުގައި ނިންމުނު ކަންތައްތަކުގެ ސަބަބުން، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ފަރުވާގެ ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް އުންމީދުކުރެވޭ ކަމަށްވެސް އެންޑީއޭ އިން ވިދާޅުވިއެވެ.
މި ބައްދަލުވުމުގެ އިތުރު މައުލޫމާތު ދެއްވަމުން އެންޑީއޭގެ ޗެއާޕާސަން ލުބުނާ ޒާހިރު ވިދާޅުވީ ފަރުވާގެ ނިޒާމަށް މީހުން ވެއްދުން އަވަސްކުރުމަށްޓަކައި ޖާގަ އިތުރުކުރުމާއި، ކައުންސިލަރުން މަދުވުމާ އެކު އެ ޚިދުމަތް ދެވޭނެ އެހެން ގޮތެއް ހޯދުމަށް މަޝްވަރާކުރައްވާފައިވާ ކަމަށެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް އެންޑީއޭ އާއި ފުލުހުންނާ ގުޅިގެން މަސްތުވާތަކެއްޗާއި ދެކޮޅަށް ފަށާފައިވާ ޚާއްސަ އޮޕަރޭޝަންގައި، މަސްތުވާތަކެތި ބޭނުންކުރާ 100 އަށްވުރެ ގިނަ މީހުން މިހާތަނަށް ފަރުވާގެ ނިޒާމުގެ ތެރެއަށް ވައްދާފައިވެ އެވެ.
މަސްތުގެ ހާލަތުގައި މުޖުތަމައުގެ ތެރޭގައި އުޅޭ މީހުންނަށް އަމާޒުކުރާ މި ޕްރޮގްރާމްގެ ދަށުން މަގުމަތީގައި ސަލާންޖަހަން އުޅޭ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި ވައްކަމާއި ފޭރުމުގައި ހަރަކާތްތެރިވާ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި މަގުމަތީ މަސްތުގެ ހާލަތުގައި އުޅޭ މީހުންގެ އިތުރުން މިސްކިތްތަކުގައި ނިދާ، މަގުމަތިވެފައިވާ މީހުންނަށް ފަރުވާދެވެ އެވެ.