ENGLISH

22 އޭޕްރީލު 2025

Advertisement

ބައްޕަގެ ގާބިލު ކަމަށް ބެލުމަށް ފަހު ދަރިންގެ ޚަރަދު ކަނޑައެޅުން ގާޒީއަށް ދޫކޮށްލުމަށް ފެމިލީ ކޯޓުން އެދިއްޖެ

19 ފެބްރުއަރީ 2025

|

އަޙުމަދު ޙަމީދު

މިއަދުގެ ކޮމެޓީ ބައްދަލްވުމުގައި މެންބަރުންނާއި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ

ބައްޕަގެ ގާބިލު ކަމަށް ބެލުމަށް ފަހު ދަރީންގެ ޚަރަދު ކަނޑައެޅުން މައްސަލަ ބައްލަވާ ގާޒީއަށް ދޫކޮށްލުމަށް ފެމިލީ ކޯޓުން ރައްޔިތުންގެ މަޖިލީހުގައި މިއަދު އެދިއްޖެ އެވެ.

އެ ކޯޓުން މިކަމަށް އެދިފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމެޓީގައެވެ. ގަވާއިދު ކޮމެޓީ އެއްވީ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ހުށަހެޅުއްވި، ދަރިންނަށް ޚަރަދު ދިނުމާއި ގުޅޭ މައްސަލައަކާ ގުޅިގެންނެވެ.

މިއަދުގެ ބައްދަލްވުމުގައި ފެމިލީ ކޯޓާއި ޑީޖޭއޭ އާއި ފެމިލީ ލީގަލް ކްލިނިކުގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. 

މި ބައްދަލްވުމުގައި ވާހަކަ ދައްކަވަމުން ފެމިލީ ކޯޓްގެ ލީގަލް އޮފިސަރު އަހްމަދު މައުސޫމް ވިދާޅުވީ ކުއްޖެއްގެ ޚަރަދުގެ ގޮތުގައި 2,000 ރުފިޔާ އަދި އިތުރުވާ ކޮންމެ ކުއްޖަކަށް 1,000 ރުފިޔާ ދޭން ޖެހޭ ގޮތަށް ގާނޫނުގައި އޮތް ނަމަވެސް އެހެނިހެން ޚަރަދާ އެކު އެންމެ ކުއްޖެއްގެ ޚަރަދަށް 16,500 ރުފިޔާ ވެސް ނަގައިދީފައިވާ ކަމަށެވެ. އެއީ ކުއްޖާގެ ސުކޫލު ޚަރަދުތަކާއި ކެއިން ބުއިމުގެ ޚަރަދުތަކާއި އެ ނޫން ޚަރަދުތަކަށް ބެލުމަށް ފަހު ދިނުމަށް ކަނޑައަޅާފައިވާ އަދަދެކެވެ.

އެހެން ކަމުން މިހާރު ކަނޑައަޅާފައިވާ އަދަދަކީ އެ ނަޒަރުން ބަލާނަމަ ކުޑަ އަދަދެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ވިދާޅުވި އެވެ. މައުސޫމް ވިދާޅުވީ ދަރިންނަށް ޚަރަދު ނުދިނުމުގެ މައްސަލަ އަކީ ސީރިއަސް މައްސަލައެއް ކަމަށާ އެ މައްސަލަ ހައްލު ކުރުމަށް ފެމިލީ ކޯޓުގެ ބޮޑު ބައިވެރިވުމެއް އޮވެގެން ގާނޫނަށް މުހިންމު ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އެ ކޯޓުން ދެކޭ ކަމަށެވެ.

އެގޮތުން ފެމިލީ ކޯޓްގެ ހުށައެޅުމަކީ ގާނޫނުގައި ވަކި އަދަދެއް ކަނޑައެޅުމުގެ ބަދަލުގައި އެ މައްސަލަ ރައްދުވާ މީހެއްގެ މާލީ ގާބިލު ކަމާއި ކައިވެނީގައި ހޭދަކުރި މުއްދަތުގައި ޚަރަދުބަރަދު ހުރި ގޮތް ބެލުމަށް ފަހު ދަރީންގެ ޚަރަދު ކަނޑައެޅުން މައްސަލަ ބައްލަވާ ގާޒީގެ އަތްމައްޗަށް ދޫކޮށްލުން ކަމަށް މައުސޫމް ވިދާޅުވި އެވެ.

"އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތެއް އެއީ އެމީހެއްގެ އާމްދަނީއަށާއި އެ މީހެއްގެ ގާބިލް ކަމަށް ބަލާފައި ހަރަދު ކަނޑައެޅުން. އެއީ އެކި ކުދީންގެ ތައުލީމު ދިނުމަށްޓަކައި ޚިޔާރު ކުރެވެނީ އެކި ސުކޫލުތައް. އެކި ކުދީންގެ އަންނައުނު ގަތުމަށް މި ޚިޔާރު ކުރެވެނީ އެކި މިންވަރަށް. އެކި ކުދިންގެ ކެއުމާއި ބުއިމުގެ ކަންކަން މި ޚިޔާރު ކުރަނީ ވެސް އެކި ގޮތްގޮތަށް."

މައުސޫމް ވިދާޅުވި ގޮތުގައި ދަރީންނަށް ޚަރަދު ނުދެވޭނަމަ އެންމެ މުހިންމީ އެ ޚަރަދު ނުދެވި އޮތީ ކިހިނެތްތޯ ބެލުން ކަމަށެވެ. އަދި ފިޔަވަޅުތަކެއް އެޅުމުގެ ކުރިން އެކަންކަން ބަލާ އިތުރު ޚަރަދު ހޯދަން ކޯޓަށް މައްސަލަ ހުށަހަޅަން ޖެހޭ ސަބަބާއި ޚަރަދު ނުދީގެން އެ ފައިސާ ހޯދަން އަލުން ކޯޓަށް މައްސަލަ ހުށަހަޅަން ޖެހޭ ސަބަބުތައް ދެނެގަތުން މުހިންމު ކަމުގައި ވިދާޅުވި އެވެ.

ޖެންޑާ މިނިސްޓްރީގެ ސީނިއާ ލީގަލް ކައުންސިލާ އައިޝަތު އިފާދާ ވިދާޅުވީ ގާނޫނުގައި ވަކި އަދަދެއް ކަނޑައަޅާފައިވީ ނަމަވެސް އިތުރު ޚަރަދުގެ ގޮތުގައި ފައިސާ ނަގައިދެެވޭނެ ހާލަތްތައް ގާނޫނުގައި ކަނޑައަޅާފައިވާ ކަމަށެވެ. އެ މިނިސްޓްރީގެ ވިސްނުމަކީ ވެސް ވަށާޖެހޭ ގޮތަކަށް ހުރިހާ ކަމެއް ބެލުމަށް ފަހު ދަރިންގެ ޚަރަދުގެ ކަންކަން ކަނޑައެޅޭނެ ގޮތެއް ވުން ކަމުގައި ވިދާޅުވި އެވެ.

މިއަދުގެ ކޮމެޓީ ބައްްދަލްވުމުގައި ނިންމީ މުއައްސަސާތަކުން މި މައްސަލާގައި އަމަލު ކުރާ ގޮތާއި މުއައްސަސާތަކުގެ ވިސްނުން ހިއްސާ ކުރުމަށް ދެ މަސް ފަހުން އެ މުއައްސަސާތަކާއި އަލުން ބަދަލު ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު