ENGLISH
22 އޭޕްރީލު 2025
ދިވެހި ބައެއް އަންހެނުން ގިނަ ފިރިން ގެންގުޅޭ މައްސަލައެއް ފެންމަތިވެއްޖެ
19 ފެބްރުއަރީ 2025
|
ޝަރުއީ ދާއިރާގެ ބޭފުޅުން މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ވަޑައިގެންނެވި ( ފޮޓޯ/ މަޖިލީސް)
އެއް އަންހެނަކު ގިނަ ފިރިން ގެންގުޅޭ މައްސަލަތަކެއް ފެންމަތިވެފައިވާކަން ފެމިލީ ކޯޓުން ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެންނަވައިފި އެވެ.
ފެމިލީ ކޯޓުން މި މައްސަލަ މަޖިލީހުގެ ސަމާލުކަމަށް ގެންނެވީ، މިއަދު ބޭއްވި ގަވާއިދު ކޮމިޓީގެ ބައްދަލުވުގަ އެވެ.
އެ ކޯޓުގެ ލީގަލް އޮފިސަރު އަހުމަދު މައުސޫމް ވިދާޅުވީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުން ކަނޑައަޅާފައިވާ އުސޫލުތަކުން، ފިލުމަށްޓަކައި ރާއްޖެއިން ބޭރުގައި ގިނަ ދިވެހިން ކައިވެނި ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިސާލެއްގެ ގޮތުގައި އޭނާ ނެންގެވީ، އެއް އަންހެނަކު ތިން ފިރިން ގެންގުޅޭ މައްސަލައެކެވެ. މިފަދަ މައްސަލައެއް މިހާރުވެސް ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވި އެވެ.
"އެއީ ފުރަތަމަ ކައިވެންޏެއް ރާއްޖެއިން ބޭރުން ކޮށްފައި، އެ ކައިވެނި ރެޖިސްޓްރީ ނުކުރެވޭ ހާލަތެއްގައި އެ ކައިވެނި އެއީ ނެތް ކައިވެންޏެއްގެ ގޮތަށް ދޫކޮށްލުމަށްފަހު އެ މީހުން އަމިއްލައަށް އިތުރު ކައިވެންޏެއް ދިވެހިރާއްޖެއިން ބޭރުގައި ކޮށްފައި، އަނެއްކާ ދެވަނަ ކައިވެނިވެސް ރެޖިސްޓާކުރަން އައިސްފައި، ފުރަތަމަ ކައިވެނީގެ ޑޮކިއުމެންޓްތައް އަޅުގަނޑުމެންނަށް ފެންނަން އެބަހުރި. އެ ކައިވެނި ރެޖިސްޓްރީ ނުކުރެވި އެ ކައިވެންޏާ މެދު ގޮތެއް ކަނޑަނޭޅި އިތުރު ކައިވެންޏެއް ކޮށްފައި، އަނެއްކާ ދެވަނަ ކައިވެންޏާ މެދުވެސް ގޮތެއް ކަނޑަނޭޅި އަނެއްކާ ތިން ވަނަ ކައިވެނި ވެސް ކޮށްފައި." މިސާލެއްގެ ގޮތުގައި ނެންގެވި މައްސަލާގައި ކަންހިނގާ ދިޔަ ގޮތް މެމްބަރުންނަށް ތަފްސީލުކޮށްދެއްވި އެވެ.
މައުސޫމް ވިދާޅުވި ގޮތުގައި، ރާއްޖެއިން ބޭރުން ކައިވެނިކުރުމާ ގުޅޭ އުސޫލުތަކުގައި ބަޔާންކުރާ ޝަރުތުތައް ހަމަވުމުން ނޫނީ، ކައިވެނިކުރުމުގެ ހުއްދައެއް ފެމިލީ ކޯޓުން ދޫނުކުރާނެ އެވެ. އެހެންވެ، އެފަދަ މީހުން ކައިވެނި ކުރަނީ އެ ހުއްދަ ހޯދުމަކާ ނުލާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މިފަދަ އިތުރު ކޭސްތަކެއް ވެސް ކޯޓުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
"އޭގެ އެންމެ ކޭސްއެއް ނޫން. އަދި އިތުރު ކޭސް އެބައުޅޭ. މިހާރު ހައި ކޯޓުގައި ބެލެމުންދާ މައްސަލައެއްގައި އެކަހަލަ މައްސަލައެއް އެބަހިނގާ." މައުސޫމް ވިދާޅުވި އެވެ.
މިފަދަ ކަންކަމަކީ ނުރައްކާތެރި ކަމެއްގެ ގޮތުގައި ސިފަކުރައްވަމުން މައުސޫމް ވަނީ، އިދާރާތަކުން އެފަދަ މައްސަލަތައް ތަހުގީގުކުރަ ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.