ENGLISH

08 ޖުލައި 2025

Advertisement

ފަތުރުވެރިންގެ ޢަދަދު 350،000 އިން މައްޗަށް، %69 ފަތުރުވެރިން އައީ ރިސޯޓުތަކަަށް

19 ފެބްރުއަރީ 2025

|

ޝިފްޒާން އަޙްމަދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް، ފޮޓޯ: ހޮޓެލިއާ

އިއްޔެގެ ނިޔަލަށް މި އަހަރު ރާއްޖެއަށް 358،999 ފަތުރުވެރިން ޒިޔާރަތްކުރިއިރު އެ ފަތުރުވެރިންގެ 69 އިންސައްތަ ފަތުރުވެރިން ދިޔައީ ރިސޯޓުތަކަށްކަން ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. 

ޓޫރިޒަމް މިނިސްޓްރީން ޢާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ފެބްރުއަރީ މަަހު 144،136 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ. އެއީ ނިމުނު އަހަރަގެ އެ މުއްދަތުގައި އައި ފަތުރުވެރިންނަށްވުރެ 0.4 އިންސައްތަ އިތުރު ޢަދަދެކެވެ. 

ފާއިތުވި ޖަނަވަރީ މަހު 214،863 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. އެއީ ކުރީ އަހަރުގެ ޖަނަވރީ މަހުގައި ރާއްޖެއަށް ޒިޔާރަތްކުރި 192،385 ފަތުރުވެރިންނާ އަޅާބަލާއިރު 11.7 އިންސައްތަ އިތުރު ޢަދަދެކެވެ. 

ޖަނަވަރީ މަހު ދުވާލެއްގެ މައްޗަށް އެވެރެޖުކޮށް ރާއްޖެއަށް އައިސްފައިވަނީ 6،931 ފަތުރުވެރިންނެވެ. ފެބްރުއަރީ މަހުގެ ފުރަތަމަ 18 ދުވަހު އެވެރެޖުކޮށް ދުވާލަކު 8،008 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިކަމަށް ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ. 

ނިމުނު އަހަރު ޖަނަވަރީ އެކަކުން 18 ފެބްރުއަރީގެ ނިޔަލަށް ރާއްޖެއަށް އައިސްފައިވަނީ ޖުމްލަ 335،465 ފަތުރުވެރިންކަމަށްވާއިރު، މި އަހަަރު އެ ޢަދަދު 7.0 އިންސައްތަ އިތުރުވެ، 358،999 އަށް އަރާފައިވެއެވެ. މި އަހަރުގެ އެ މުއްދަތުގައި އެވެރެޖުކޮށް ދުވާލަކު 7،327 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރިއެވެ. 

ރާއްޖެއަށް މި މުއްދަތުގައި އައި ފަތުރުވެރިންގެ 69 އިންސައްތަކަމަށްވާ 247،548 ފަތުރުވެރިން އަައިސްފައިވަނީ ރިސޯޓުތަކަށެވެ. ގެސްޓުހައުސްތަކަށް އައީ 92،868 ފަތުރުވެރިންނެވެ. އެއީ ޖުމްލަ ފަތުރުވެރިންގެ 25.9 އިންސައްތައެވެ. ހޮޓާތަކަށް 9،663 ފަތުރުވެރިން އައިއިރު، ސަފާރީ އުޅަނދުފަހަރަށް 8،664 ފަތުރުވެރިން އައިސްފައިވެއެވެ. 

ރާއްޖޭގައި މިވަގުތު 172 ރިސޯޓާއި 796 ގެސްޓު ހައުސްއާއި 155 ސަފާރީ އުޅަނދާއި 15 ހޮޓަލުގައި ފަތުރުވެރިންނަށް ޚިދުމަތް ދެމުންދެއެވެ. އެތަަންތަނުގައި ޖުމްލަ 61،045 އެނދު އޮޕަރޭޓުކުރެއެވެ. 

ނިމުނު އަހަރުގެ ނިޔަލަށް 2 މިލިއަން ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު މި އަހަރުގެ ނިޔަލަަށް 2.3 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެންނެވުމަކީ ސަރުކާރުގެ އަމާޒެވެ. އެ އަމާޒަށް ވާސިލުވުމަށް ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީން މި އަހަރު ގިނަ މަސައްކަތްތަކެއް ކުރެއްވުމަށް ރާއްވަވާފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު