ENGLISH
22 އޭޕްރީލު 2025
ބިހާއި އަލުވިވެސް ހެޔޮ އަގުގައި ވިއްކަން އެސްޓީއޯއިން ފަށައިފި
19 ފެބްރުއަރީ 2025
|
އެސްޓީއޯއިން ގެނެސްފައިވާ އަލުވި ޝިޕްމެންޓެއް، ފޮޓޯ:މިއަދު
ފިޔައާއި ލުނބޯގެ އިތުރަށްް ބިހާއި އަލުވިވެސް ހެޔޮ އަގުގައި ދައުލަތުގެ މައި ވިޔަފާރި ކުންފުނި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ވިއްކަން ފައްޓައިފިއެވެ.
އެސްޓީއޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފިޔާ، ބިސް އަދި އަލުވި ރާއްޖެއަށް އެތެރެކުރުމުގެ މައިގަނޑު މަޤުޞަދަކީ ރަމަޟާން މަހު އެތަކެތީގެ އަގު އެކަށީގެންވާ މިންވަރެއްގައި ހިފަހެއްޓުން ކަމަށެވެ.
އަދި އެ ބޭނުމުގައި އެތެރެކުރި ތަކެތި ވިއްކުމަށް ހަމަޖެހިފައިވަނީ ބާޒާރުގެ އަގުތަކަށް ރިޢާޔަތްކޮށްގެންކަމަށްވެސް އެސްޓީއޯއިން ބުނެފައިވެއެވެ. އެސްޓީއޯއިން ބުނި ގޮތުގައި ބާޒާރުގެ އަގަށް ބަލައި އެތަކެތީގެ އަގުތަކަށް ބަދަލުގެނެވޭނެއެވެ. އަދި ވަކިވަކި ސަރަހައްދުތަކުގައި ބާޒާރުގެ އަގުތަކަށް އަންނަ ބަދަލުތަކާ ގުޅިގެން އެ ސަރަހައްދުތަކުގައި ތަކެތި ވިއްކާ އަގަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
ނަމަވެސް ޢާންމު ޙާލަތުގައި ހުރިހާ ސަރަހައްދެއްގައިވެސް އެސްޓީއޯއިން އެ ތަކެތި ވިއްކަމުންދާނީ އެއް އަގެއްގައި ކަމަށް އެ ކުންފުނިން ބުނެއެވެ.
އެސްޓީއޯއިން ބިސް ކޭހެއް މިހާރު ވިއްކަން ހަމަޖެހިފައިވަނީ 320 ރުފިޔާއަށް ކަމަށާއި، އަލުވި ބަސްތާއެއް ވިއްކާނީ 310 ރުފިޔާއަށްކަމުގައި އެ ކުންފުނިން ބުނެފައިވެއެވެ. އެސްޓީއޯ ހޯލްސޭލް ސެންޓަރާއި، އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ އެސްޓީއޯ ވެއާހައުސްއިން ހޯލްސޭލުކޮށް އެތަކެތި ވިއްކަމުންދާނެއެވެ.
އެސްޓީއޯއިން ވިއްކާ އަލުއްވާއި ފިޔައި އަދި ލުނބޯ ހޯލްސޭލްކޮށް ވިއްކާ ތަންތަނާއި ގަޑިތައް
އަދި ރީޓެއިލުކޮށް ވިއްކާ އެސްޓީއޯގެ ޕީޕަލްސް ޗޮއިސްއިން ބިހެއް ދެ ރުފިޔާއަށް އަލުވި ކިލޯއެއް 18 ރުފިޔާއަށް ގަންނަން ލިބޭނެއެވެ.
ފިޔާ ބަސްތާއެއް 319 ރުފޔާއަށް ވިއްކާއިރު، އެސްޓީއޯ ހޯލްސޭލް ސެންޓަރާއި އިންޑަސްޓްރިއަލް ވިލެޖު ޒޯނުގައި ހުންނަ އެސްޓީއޯގެ ވެއާހައުސްއިން ފިޔާވެސް ހޯލްސޭލްކޮށް ވިއްކާނެއެވެ. އަދި އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ފިޔާ ކިލޯއެއް 14 ރުފިޔާއަށް ލިވޭނެއެވެ.
އޭގެ އިތުރަށް ލުނބޯވެސް ހެޔޮ އަގުގައި އެސްޓީއޯއިން އަންނަނީ ވިއްކަމުންނެވެ. އެގޮތުން 5 ކިލޯގެ ލުނބޯ ކޭހެއް 145 ރުފިޔާއަށް ވިއްކާއިރު ރީޓެއިލުކޮށް އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ލުނބޯ ކިލޯއެއް 40 ރުފިޔާއަށް ވިއްކާނެއެވެ.
ސަރުކާރުން ގެންދަވަނީ ރަމަޟާން މަހުގައި މުދަލުގެ އަގުތައް ބޮޑުވިޔަނުދީ ހިފަހެއްޓެވުމަށް ޚާއްޞަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ.
އެގޮތުން 141 ބާވަތެއްގެ މުދަލެއް އަސާސީ މުދަަލުގެ ގޮތުގައި ކަނޑައަޅާ، އެތަކެތީގެ އަގުބޮޑުވިޔަ ނުދިނުމަށްޓަކައި އަގުތައް ބެލެހެއްޓުމުގެ މަސައްކަތް އިޤްތިޞާދީ ތަރައްޤީއާއިބެހޭ ވުޒާރާއިން ދަނީ ކުރައްވަމުންނެވެ.
އޭގެތެރޭގައި ހިމެނެނީ ކެއުމަށް ނުވަތަ ކާތަކެތި ތައްޔާރުކުރުމަށް ބޭނުންކުރާ 93 ބާވަތެއްގެ މުދަލާއި، މޭވާއާއި ތަރުކާރީގެ 38 ބާވަތަކާއި ކަނޑުމަހުގެ 10 ބާވަތެކެވެ.