ENGLISH
22 އޭޕްރީލު 2025
ރެހެންދި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
19 ފެބްރުއަރީ 2025
|
އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކޮންމެ އަހަރަކު ދޭ ރެހެންދި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މިއީ ޤައުމީ ޚިދުމަތުގައި އެކިއެކި ދާއިރާތަކުން އަންހެނުން ކުރާ މަސައްކަތްތަކާއި، ދިވެހި ރާއްޖޭގެ ޤައުމީ ތަރައްޤީއަށާއި މުޖުތަމަޢު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރާއި، މުޖުތަމަޢުގައި އަންހެނުންގެ ހައްޤުތައް ރައްކާތެރިކުރުމަށާއި، އަންހެނުންގެ ކުރިއެރުމަށް ވަކި ފަރުދުންނާއި މުއައްސަސާތަކާއި، ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގު، ޤައުމީ ފެންވަރުގައި ވަޒަން ކުރުމުގެ މަޤްޞަދުގައި ދޭ އެވޯޑެކެވެ.
ރެހެންދި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު 18 ފެބްރުއަރީ 2025 އިން 04 މެއި 2025 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 14:00 ގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.
އެވޯޑަށް ކުރިމަތިލުމުގެ ގޮތުން އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުޞަތާއި، އެހެން ފަރާތަކުން ނަން ހުށަހެޅުމުގެ (ނޮމިނޭޓް ކުރުމުގެ) ފުރުޞަތު އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުންނާއި ޖަމުޢިއްޔާ ޖަމާޢަތްތަކުން ވެސް ނަން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލައިފައެވެ. އަދި މި އެވޯޑަށް އެދި ހުށަހަޅާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔެކިޔުމުގެ ތަފްސީލު ރެހެންދި އެވޯޑަށް ނަން ހުށަހަޅާ ފޯމުގައި ވަނީ ހިމަނަައިފައެވެ.
މީގެ އިތުރުން، ރެހެންދި އެވޯޑު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުޠުތައް އެކުލެވޭ އުޞޫލާއި އެޕްލިކޭޝަން ފޯމު، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުންނާއި އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ ފެމިލީ އެންޑް ޗިލްޑަރަންސް ސަރވިސް ސެންޓަރުތަކުން ލިބެން ހުންނާނެ ކަމަށާއި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑު ވެސް ކުރެވެން ހުންނާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
އެޕްލިކޭޝަންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މި އެވޯޑަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، މިނިސްޓްރީގެ އީމެއިލް [email protected] އިންނާއި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްތަކުގެ ހެނދުނު 9:00 އިން މެންދުރުފަހު 14:00 އަށް، އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ކައުންޓަރުންނެވެ.