ENGLISH
22 އޭޕްރީލު 2025
މަތީތަޢުލީމުދޭ މަރުކަޒުތަކުން ޕްރޮގްރާމް އެކްރެޑިޓޭޝަނާ އެއްގޮތަށް ޕްރޮގްރާމްތައް ހިންގުމަށް އިލްތިމާސްކޮށްފި
19 ފެބްރުއަރީ 2025
|
އެމްއެންޔޫގެ އިމާރާތް. ފޮޓޯ: އެމްއެންޔޫ
ރާއްޖޭގެ މަތީތަޢުލީމުދޭ މަރުކަޒުތަކުން ޕްރޮގްރާމް އެކްރެޑިޓޭޝަން ދީފައިވާ ގޮތާ އެއްގޮތަށް ޕްރޮގްރާމްތައް ހިންގަމުން ގެންދިއުމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އިލްތިމާސްކުރައްވައިފިއެވެ.
އެމްކިއުއޭއިން މިގޮތަށް އިލްތިމާސްކޮށް ކުރެއްވި އިއުލާނުގައި ވިދާޅުވީ އެ އޮތޯރިޓީން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ބައެއް މަރުކަޒުތަކުން، ރާއްޖެއިން ބޭރުގައި އިޝްތިހާރުކޮށް، ހިންގާ އަދި ސަނަދު ދީފައިވާކަމުގެ މަޢުލޫމާތު ރާއްޖެއިން ބޭރުގެ ކަމާބެހޭ ބައެއް އިދާރާތަކުން އެ އޮތޯރިޓީއާ ހިއްސާކުރައްވާފައިވާ ކަމަށެވެ.
އަދި އެމްކިއުއޭ އިން އެކްރެޑިޓްކޮށްފައިވާ ޕްރޮގްރާމްތައް ހިންގާފައިވަނީ އެ އޮތޯރިޓީން ޤަބޫލުނުކުރާ ރާއްޖެއިން ބޭރުގެ މަރުކަޒުތަކުގައިކަން ފާހަގަކުރެވިފައިވާ ކަމަށްވެސް އޮތޯރިޓީން ވިދާޅުވިއެވެ.
އެ އޮތޯރިޓީން ވިދާޅުވީ މަތީ ތަޢުލީމުދޭ މަރުކަޒުތަކަށް ޕްރޮގްރާމް އެކްރެޑިޓޭޝަން ހުއްދަ ދީފައިވާނީ ރާއްޖޭގައި ހިންގުމަށް ކަމަށެވެ. ވުމާއެކު، އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް އެ އޮތޯރިޓީގެ ހުއްދައާ ނުލައި ރާއްޖެއިން ބޭރުގައި ހިންގާ، ދަރިވަރުންނަށް ދެވޭ ސަނަދު ޤަބޫލުނުކުރެވޭނެ ކަމަށް އިއުލާނުގައި ވިދާޅުވިއެވެ.
މި ނޫންގޮތަކަށް ސަނަދު ދެވުމުގެ ސަބަބުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ދަރިވަރުންނަށް ގިނަ ގެއްލުންތަކާ ކުރިމަތިލާން ޖެހިފައިވާކަން ފާހަގަކުރައްވާ އެމްކިއުއޭއިން ވިދާޅުވީ މި ގެއްލުމުގެ ޒިންމާ އެމްކިއުއޭ އިން ނުނަންގަވާނެ ކަމަށެވެ.
ވުމާއެކު، ރާއްޖޭގެ މަތީތަޢުލީމުދޭ މަރުކަޒުތަކުން ޕްރޮގްރާމް އެކްރެޑިޓޭޝަން ދީފައިވާ ގޮތާ އެއްގޮތަށް ޕްރޮގްރާމްތައް ހިންގަމުން ގެންދިއުމަކީ އެ އޮތޯރިޓީގެ ވަރަށް ބޮޑު އެދުމެއް ކަމަށްވެސް ވިދާޅުވިއެވެ.
އެމްކިއުއޭއިން ވިދާޅުވީ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ރާއްޖެއިން ބޭރުގައި ޕްރޮގްރާމްތައް ހިންގަމުން ދިއުމަކީ ރާއްޖޭގެ މަތީ ތަޢުލީމަށް ލިބޭ ކުރިއެރުމެއް ކަމަށް އެ އޮތޯރިޓީން ޤަބޫލުކުރައްވާ ކަމަށާއި، އެގޮތަށް ރާއްޖޭގެ މަތީ ތަޢުލީމު ދޭ މަރުކަޒުތަކުގެ ޕްރޮގުރާމުތައް ރާއްޖެއިން ބޭރުގައި ހިންގުމާ ގުޅޭ އުޞޫލެއް އެކުލަވައިލެއްވުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް އެމްކިއުއޭއިން ވިދާޅުވެފައިވެއެވެ.