ENGLISH

22 އޭޕްރީލު 2025

Advertisement

ގެއްލުން ކުޑަގޮތަކަށް ކާޑެއްދޫ އެއާޕޯޓު ދޫކޮށްލަން ތައްޔާރު: ޤާސިމް

19 ފެބްރުއަރީ 2025

|

އުމްނާ އިސްމާޢީލް

ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީގައި ގާސިމް (ފޮޓޯ/ މަޖިލީސް)

މަގުބޫލު ޝަރުތުތަކާއެކު ގދ. ކާޑެއްދޫ އެއާޕޯޓު ސަރުކާރަށް ދޫކޮށްލަން ތައްޔާރު ކަމަށް މާމިގިލީ ދާއިރާގެ މެމްބަރު އަދި ވިލާ ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އެންމެ ދުވަސްވީ އެއް ރީޖަނަލް އެއާޕޯޓު ކަމަށްވާ ކާޑެއްދޫ އެއާޕޯޓު ތަރައްގީކޮށް ހިންގުމަށް ގާސިމްގެ ވިލާ އެއާ އާ 50 އަހަރަށް އެންމެ ފުރަތަމަ ހަވާލުކުރީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2013 ގަ އެވެ. އެ ސަރުކާރުން 2017 ގައި އެ އެއާޕޯޓުގެ އެއްބަސްވުން ބާތިލުކުރި ނަމަވެސް 2021 ގައި އެއީ ގޯސްކޮށް ނިންމި ނިންމުމެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅުއްވައިދެއްވި އެވެ. ސުޕްރީމް ކޯޓުގެ އެ ހުކުމަށްފަހު  ކާޑެއްދޫ އެއާޕޯޓު ހިންގަމުންދަނީ އެ ކުންފުނީގެ ދަށުންނެވެ.

ކާޑެއްދޫ އެއާޕޯޓު ތަރައްގީނުކުރެވި ވީރާނާވަމުންދާކަމުގެ ޝަކުވާތައް އެ އަތޮޅުގެ ރައްޔިތުން ކުރަމުންދާތާ އެތައް އަހަރެއްވެއްޖެ އެވެ. އެ މައްސަލަ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން ގެންދަނީ ބައްލަވަމުން ނެވެ.

ކޮމިޓީގެ ބައްދަލުވުމަށް އިއްޔެ ވިލާ ކުންފުނީގެ އިސް ބޭފުޅުންނާއި އެކު ވަޑައިގެން ގާސިމް ވަނީ، ކާޑެއްދޫ އެއާޕޯޓުގެ ހާލަތާއި ގުޅިގެން ވާހަކަދައްކަވާފަ އެވެ. އަދި އެތަން ތަރައްގީ ނުކުރެވި އޮންނަ ސަބަބުތައް ވެސް ވިދާޅުވެދެއްވި އެވެ.

ގާސިމް ވިދާޅުވީ ވީއައިއޭ ފިޔަވައި ރާއްޖޭގައި ދެން އޮޕަރޭޓްކުރާ އެއާޕޯޓުތަކާ އެއްގޮތަށް، ކާޑެއްދޫ އެއާޕޯޓު ވެސް ހިންގަމުންދަނީ ގެއްލުމުގައި ކަމަށެވެ. އަދި 2021 ގައި އެ އެއާޕޯޓު އެ ކުންފުންޏާ އަލުން ހަވާލުކުރިއިރު، އެތަން އޮތީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށާއި، ބޮޑު ޚަރަދުކޮށްގެން އެތަންތަން މަރާމާތުކުރުމުގެ މަސައްކަތް ވެސް ކުރައްވާފައިވާ ކަމަށެވެ.

"ލިބޭ އެއްޗަކުން އަޅުގަނޑުމެންނަށް ގާތްގަނޑަކަށް ދެބައިކުޅަ އެއްބައިވެސް ނުލިބޭނެ އަނެއްކާ ލިބޭ އެއްޗެއް ވެސް އޮންނަނީ ޕެންޑިންގައި. ނުލިބުމުގެ ސަބަބުން ކޮންމެ މަހަކުވެސް ގާތްގަނޑަކަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ އަޅުގަނޑުމެން ޚަރަދުކުރަން. ޖެނެރޭޓަރުތައް ވެސް ދެ ފަހަރަކު އަޅުގަނޑުމެން ބަދަލުކޮށްފިން މިހާރު." ގާސިމް ވިދާޅުވި އެވެ.

ވިލާ އެއާގެ އިސްވެރިން (ފޮޓޯ/ މަޖިލީސް)

ކާޑެއްދޫ އެއާޕޯޓު ތަރައްގީ ކުރެއްވުމުގެ ވިސްނުން އަދިވެސް އެ ކުންފުނިން ގެންގުޅެއެވެ. އެގޮތުން، ކާޑެއްދޫއަކީ އިންޓަނޭޝަނަލް އެއާޕޯޓަކަށް ހައްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެސް ދެ ފަހަރެއްގެ މަތިން އެދިވަދައިގެންނެވި ކަމަށާއި އެގޮތަށް އެކަން ކުރައްވަން ބޭނުންފުޅުވާ ކަމަށް ގާސިމް ވިދާޅުވި އެވެ. އެހެންނަމަވެސް ކުންފުނީގެ މާލީ ހާލަތާއި، ބަދަލުވަމުންދާ އިގްތިސޯދީ ހާލަތުގެ އިތުރުން ރާއްޖޭގެ ކްރެޑިޓް ރޭޓިން އޮތް ގޮތުން ބޭރުގެ ފަރާތްތަކުން ލޯނު ހޯދަން ގޮންޖެހުން އެބަހުރި ކަމަށް ގާސިމްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ކާޑެއްދޫ އެއާޕޯޓު ތަރައްގީކުރުމުގެ ނިޔަތް އޮތް ނަމަވެސް، ގާސިމް ވިދާޅުވީ، ސަރުކާރުގެ ފަރާތުން މަގުބޫލު ޝަރުތުތަކެއް ނުވަތަ ގެއްލުން ނުވާ ގޮތަކަށް އެއްބަސްވުމަކަށް އާދެވިއްޖެ ނަމަ އެ އެއާޕޯޓު ދޫކޮށްލަން ވެސް ތައްޔާރަށް ހުންނެވި ކަމަށެވެ.

"އެހެންނަމަވެސް ސަރުކާރުން ވަކި ގޮތެއް ބޭނުންފުޅުވެގެން ވިދާޅުވެއްޖިއްޔާ ރީޒަނަބަލް ގޮތަކަށް ވަންޏާ އަޅުގަނޑުމެންނަށް ގެއްލުމެއް ނެތް ގޮތަކަށް ކުރެވެންޏާ އަޅުގަނޑުމެން ދޫވެސްކޮށްލާ ގޮތަށް މިތިބީ. ޖަދަލު ކުރުމެއް ނެތް އިނގޭތޯ އެއްވެސް ކަމެއްގައި،" ގާސިމް ވިދާޅުވި އެވެ.  

ކިޔުންތެރިންގެ ހިޔާލު