ENGLISH
22 އޭޕްރީލު 2025
ބޭނުންނުކޮށް މަގުމައްޗަށް ދޫކޮށްލާފައި ހުރި 468 އުޅަނދު ނަގައިފި
19 ފެބްރުއަރީ 2025
|
މަގުމަތީގައި ބޭނުންނުކޮށް ހުރި އުޅަނދުތަކެއް ފުލުހުން ޓޯކުރަނީ. ފޮޓޯ: ޕޮލިސް
މާލޭގެ މަގުތަކުގައި ދިގު މުއްދަތަކަށް ބޭނުންނުކޮށް ދޫކޮށްލާފައި ހުރި 468 އުޅަނދު ދިވެހި ފުލުހުންގެ ޚިދުމަތުން ޓޯކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން 'އެކްސް' ގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ، ބޭނުންނުކޮށް ހުންނަ އުޅަނދުތައް ނެގުމަށް ކުރާ މަސައްކަތުގެ ތެރެއިން އިއްޔެއާ ހަމައަށް ޖުމްލަ 468 އުޅަނދު ޓޯކޮށްފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ ދެ ފުރޮޅުލީ 432 އުޅަނދާއި ހަތަރު ފުރޮޅުލީ 33 އުޅަދު އަދި 3 ބައިސްކަލު ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށާއި މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ފުލުހުން އަންނަނީ، ނުގަވައިދުން ޕާކްކޮށްފައި ހުންނަ އުޅަނދުތަކާއި ގިނަދުވަސްވީ އުޅަނދުތައް ޓޯކުރަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފުލުހުން ވަނީ މާލެ ސަރަޙައްދުގެ ބޮޑެތި މަގުތަކުގައި ނުގަވައިދުން އުޅަނދުތައް ޕާކްކުރުމުގެ މައްސަލަ ބޮޑުވެ، އެ އުޅަނދުތައް ޓޯކުރަން ނިންމަވައިފައެވެ.
ހުޅުމާލެ މަގުތަކުގައި ހުރި ބޭނުންނުކޮށް ގިނަ ދުވަސްވީ ބާ އުޅަނދުތައް ނެގުމުގެ މަސައްކަތް މިއަހަރުގެ ޖަނަވަރީ މަހު ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ފުލުހުންނާއި ގުޅިގެން ކުރިއަށް ގެންގޮސްފައެވެ.
ޓްރެފިކް އަދި ޕާކިން މައްސަލަ ހައްލުކުރުމަށް ފުލުހުން ކުރައްވަމުންގެންދަވާ މަސައްކަތުގައި، އެންގުމާ ޚިލާފުވާ ފަރާތްތަކަށް އެއްގަމު ދަތުރުފަތުގެ ޤާނޫނާއި އެއްގަމު އުޅަނދު ޕާކްކުރުމުގެ ޤަވާއިދުގެ ދަށުން އަންނަނީ ފިޔަވަޅު އަޅުއްވަމުންނެވެ.