ENGLISH

22 އޭޕްރީލު 2025

Advertisement

ފަނޑިޔާރުން މަސައްކަތް މިކުރަނީ ރައްޔިތުން އިތުބާރުކުރާ ތަނަކަށް ފަނޑިޔާރުގެ ހެދުމަށް: އުއްތަމަ ފަނޑިޔާރު

12 ފެބްރުއަރީ 2025

|

މުރުޝިދު އަބްދުލް ޙަކީމް

ރާއްޖޭގައި މި ވަގުތު ތިއްބެވި ހުރިހާ ފަނޑިޔާރުންވެސް ވިސްނުންތެރިކަމާއެކު މަސައްކަތް ކުރައްވަމުން ގެންދަވަނީ ތަޢައްޞުބުން  އެއްކިބާވެފައިވާ އިންސާފުވެރި، ރައްޔިތުން އިތުބާރުކުރާ ފަދަ ތަނަކަށް ފަނޑިޔާރުގެ ހެެއްދެވުމަށް ކަމަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަހްމަދު މުޢުތަޞިމް އަދުނާން ވިދާޅުވެއްޖެ އެވެ.

"ޤަޟަޢީ އަހަރު 2025" އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިޔާތުގައި އުއްތަމަ ފަނޑިޔާރު މުޢުތަޞިމް އިއްވެވި ޤަޟަޢީ ބަޔާނުގައި ވިދާޅުވީ ފަނޑިޔާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ފަނޑިޔާރުން ވެފައިވާ ވައުދު ފުއްދެވުމަށްޓަކައި ވަރުބަލިކަމެއް ނެތި މަސައްކަތްކުރައްވަމުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އިންސާފުވެރިކަމާއެކު ފަނޑިޔާރުން މަސައްކަތްކުރަމުންދާކަން ކޮންމެ ދުވަހަކު ކޯޓުތަކުން ކުރަމުންދާ ހުކުމްތަކުން ފެނިގެންދާނެ ކަމަށެވެ.

"އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށާއި ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީ އާއި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށް ހިތުމަށާއި ފަނޑިޔާރުންގެ ވާޖިބުތަކާއި މައްސޫލިއްޔަތު ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު އަދާކުރުމަކީ އަޅުގަނޑުމެން ފަނޑިޔާރުން ވެފައިވާ ވައުދެއް. މި ވައުދު ފުއްދުމަށް ދިވެހި ރާއްޖޭގައި މި ވަގުތު ތިއްބެވި 182 ފަނޑިޔާރުން ވަރުބަލިކަމެއް ނެތި މަސައްކަތް ކުރައްވާ. ލިބިފައިވާ ވަސީލަތްތަކުގެ ބޭނުންކޮށް ވިސްނުންތެރިކަމާއެކު މަސައްކަތް މިކުރަނީ ތަޢައްސުބުން އެއްކިބާވެފައިވާ އިންސާފުވެރި ރައްޔިތުން އިތުބާރުކުރާ ފަނޑިޔާރުގެއަކަށް ދިވެހި ރާއްޖޭގެ ޖުޑިޝަރީ ހެދުމަށް،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ސުޕްރީމް ކޯޓުންނާއި ހައިކޯޓުން ކުރަމުންދާ ހުކުމްތަކުގައި ޤާނޫނުގައި ސާފުނުވާ ކަންކަން ސާފުކޮށްދީ، ޤާނޫނީ މަބްދައުތައް މާނަކުރާނެ ގޮތް ތަފްސީލުކޮށް ބަޔާންކުރަމުންދާތީ ދަށު ކޯޓުތަކަށާއި އެ ކޯޓުތަކުގެ ޤާޟީންނަށާއި، ވަކީލުންނަަށާއި ޢާންމުންނަށްވެސް ވަރަށް ބޮޑަށް ފަސޭހަވާނެ ކަމުގައެވެ. 

"މީގެ އިތުރަށް ހާމަކޮށް ބޮޑު ނިޒާމަކުން އަދުގެ ހުކުމްތައް އާއްމުންނަށް ލިބޭނެ ގޮތް ވަނީ ހަމަޖެހިފައި،"

ކޯޓުތަކުގެ ޖާގައިގެ ދަތިކަމާއެކު ވެސް ދަށު ކޯޓުތަކުގެ ފަނޑިޔާރުން ހުއްޓުމެއް ނެތި ކުރައްވާ މަސައްކަތައް އުއްތަމަ ފަނޑިޔާރު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. ޖުވަނައިލް ކޯޓާއި ޑްރަގު ކޯޓުން ފާއިތުވި އަހަރުގެ ތެރޭގައި ކާމިޔާބީތަކެއް ހޯދާފައިވާކަން ފާހަގަކޮށް އެއްކަމެއް ގޮތުގައި އުއްތަމަ ފަނޑިޔާރު ފާހަގަ ކުރެއްވީ ޑްރަގް ކޯޓުގެ ރިހިބިލިޓޭޝަން ޕްރޮގުރާމްގެ ކާމިޔާބީގެ ވާހަކައެވެ.

"ފާއިތުވި އަހަރުގެ ތެރޭގައި ޑްރަގު ކޯޓުން 597 މީހުން ރިހިބިލިޓޭޝަން އަމަލު ކުރެވުނު. އަދި އެ ފަރާތްތަކުގެ ތެރެއިން 596 މީހުން މި ފަރުވާއަށްފަހު އަލުން މުޖިތަމަޢުއަށް ރުޖޫޢަ ކުރެވިފައިވޭ. މިއީ ބޮޑު ކާމިޔާބީއެއް،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

މިއަހަރަކީ ޒަމާނީ ޓެކްނޮލޮޖީއާއެކު ޝަރުޢީ ދާއިރާގެ މަސައްކަތްތައް ފުޅާކުރެވިގެންދާނެ އަހަރަކަށް ހެއްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި އޭގެ އިތުރުން ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާހްތައް ގެނެސް އަލަށް އެކުލަވާލަން ޖެހޭ ޤާނޫނުތައް މިއަހަރު އެކުލަވާލެވިގެންދިއުމަކީ ކުރައްވާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވަނީ ވިދާޅުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު