ENGLISH

17 އޭޕްރީލު 2026

Advertisement

48 ދުވަހަށް ފަހު ހުރުމުޒް ކަނޑުއޮޅި ހުޅުވާލައިފި

17 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ހުރުމުޒް ކަނޑުއޮޅި

ލުބުނާންއާއި ޔަހޫދީންނާ ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމަށް އަމަލުކުރަން ފެށުމާއެކު އިރާނުން ހުރުމުޒް ކަނޑުއޮޅި 48 ދުވަހަށް ފަހު އާންމުކޮށް ހުޅުވާލައިފި އެވެ. 

ހުރުމުޒް ކަނޑުއޮޅި އާއްމުކޮށް ހުޅުވާލާފައިވާކަން ހާމަކުރެއްވީ އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރާގްޗީ މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.  އައްބާސް ވިދާޅުވީ ލުބުނާންއާއި ޔަހޫދީންނާ ދެމެދު ހަމަލާބަދަލުކުރުން ހުއްޓާލާފައިވާ މުއްދަތުގައި ހުރުމުޒް ކަނޑުއޮޅިން ދުނިޔޭގެ ހުރިހާ ވިޔަފާރި އުޅަނދުފަހަރަކަށް ދަތުރުކުރުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާ ކަމަށެވެ. ނަމަވެސް ހުރުމުޒް ކަނޑުއޮޅިން މި ދަތުރުތައް ކުރިއަށްގެންދެވޭނީ އީރާނުގެ ޕޯޓްސް އެންޑް މެރިޓައިމް އޯގަނައިޒޭޝަނުން ކަނޑައަޅައި، ކުރިން އިއުލާނުކޮށްފައިވާ، ވަކި މަގަކުންކަމަށް އައްބާާސް ވިދާޅުވި އެވެ.

އިސްރާއީލާއި އެމެރިކާ އިސްވެ އޮވެ އިރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން އިރާނުން ހުއްދަދޭ ވަކި ހާއްސަ އުޅަނދުތައް ފިޔަވައި އެހެން އުޅަނދުތަކަށް ހުރުމުޒް ކަނޑުއޮޅި ބަންދުކުރީ މިދިޔަ ފެބުރުވަރީ މަހުގެ 28 ވަނަ ދުވަހު އެވެ. 

މިހާރު ކުރިއަށްދާ ހަނގުރާމައިގައި އެމެރިކާއާއެކު އީރާނަށް އެއްބަސްވުމަކާ ހަމައަށް ނާދެވުނީ ވެސް ލުބުނާނަށް އިސްރާއީލުން ދެމުންދާ ހަމަލާތައް ހުއްޓުވުމަށް އޭރު އެމެރިކާއިން ބޭނުންނުވުމުން ނެވެ. 

ނަމަވެސް ޔަހޫދީން ލުބުނާނަށް ދެމުންދާ ޙަމަލާތައް ދިހަ ދުވަހުގެ މުއްދަތަށް މެދުކަނޑައިލުމަށް އެއްބަސްވެފައިވާ ކަމަށް މިއަދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހާމަކޮށްފަ އެވެ. 

ޓްރަމްޕް ވިދާޅުވީ އޭނާއާއި ޔަހޫދީންގެ ހައްދުފަހަނައެޅި ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ އިތުރުން ލުބުނާނުގެ ރައީސް ޖޫޒީފް ޢޫންއާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ ރަނގަޅު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އިތުރު މަޝްވަރާތައް ކުރުމަށް ވައިޓް ހައުސްއަށް ވަޑައިގަތުމަށް ޔަހޫދީންނަށާއި ލުބުނާނުގެ އިސްވެރިންނަށް ދައުވަތު ދެއްވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. 

ކިޔުންތެރިންގެ ހިޔާލު