ENGLISH
17 އޭޕްރީލު 2026
ރާއްޖެއަށް ދިގު މުއްދަތަކަށް އަސާސީ މުދާ ލިބޭނެ ގޮތްތައް ފަހިކުރަނީ
17 އޭޕްރީލު 2026
|
ރާއްޖެ ގެނެސްފައިވާ މުދާތަކެއް މާލޭ ވިޔަފާރި ބަނދަރަށް ބާލަނީ. ފޮޓޯ؛ޕީއެސްއެމް
އެންމެ މަޤްބޫލު
ރާއްޖެއަށް ދިގު މުއްދަތަކަށް އަސާސީ މުދާ ލިބޭނެ ގޮތްތައް ފަހިކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނެފި އެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން އެ ވުޒާރާގެ ޕާމަނެންޓް ސެކްރެޓަރީ ޔޫސުފް ރިޒާ ވިދާޅުވީ ކާރިސާގެ ހާލަތްތަކުގައި ފަތުރުވެރިކަމަށް އެކަނި ރާއްޖެ ބަރޯސާވެފައި އޮތުމުގެ ސަބަބުން ގިނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކަމަށެވެ.
ގައުމަކަށް ބަލާއިރު ސިންދަފާތު ކުރެވިފައިވާ އިގްތިސާދެއް އޮތުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވައި ރިޒާ ވިދާޅުވީ އިގްތިސާދީ އެހެނިހެން ދާއިރާތަކުން ރާއްޖޭގައި އިންވެސްޓުކުރުމަށް ބާރުއަޅައި އެކަންކަން ފަހިކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަކަމަށެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ގިނަ އަސަރުތަކެއް ކުރާކަމަށާއި އަދި ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށް ވީ ހިނދު އަސާސީ މުދާ އެތެރެކުރުމުގައި ވެސް ގޮންޖެހުންތަކަކާ ކުރިމަތިވީކަމަށް ރިޒާ ވިދާޅުވި އެވެ.
މެދުއިރުމަތީގެ ހާލަތާ ގުޅިގެން ސަރުކާރުން ހާއްސަ ފިޔަވަޅުތަކެއް އަޅުއްވާފައިވާކަމަށާއި އަސާސީ މުދާ ލިބިދިނުމުގައި ރައްޔިތުންނަށް އޭގެ ތަކްލީފުތައް އުފުލަން ނުޖެހޭނެ ފަދަ ގޮތަކަށް ސަރުކާރުން އަމަލު ކުރަމުން އަންނަކަމަށް ރިޒާ ވިދާޅުވި އެވެ.
"އެންމެ ފުރަތަމަ އަމާޒަކަށްވީ ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ އެހެން މާކެޓުތަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުން. މެދުއިރުމައްޗަށް ބަލާއިރު ސައުތު އީސްޓު އޭޝިއާ އާސިޔާން ނެޗުރަލް ޗޮއިސްއަކަށް ވާނެ. މައްސަލައެއް ނުޖެހި ރާއްޖެއަށް މުދާ ގެނެވޭނެ ގޮތްތައް. އައިޑިއާއަކީ ލޯންގް ޓާމުގައިވެސް ރާއްޖެއަށް މުދާ އިމްޕޯޓުކުރާ މާކެޓުތައް ޑައިވާސިފައިކުރުން. މިގޮތަށް ނިންމީ ކާރިސާއެއް ހިނގާފާނެ ކޮންމެތާކު ވެސް ކޮންމެ ވަގުތަކުވެސް. މިގޮތުން ކާނާއާއިި ތެޔޮ މެދުނުކެނޑި ލިބޭނެ ގޮތްތައް މިދަނީ ބަލަމުން،". ރިޒާ ވިދާޅުވި އެވެ.
މެދުއިރުމަތީގެ ހަނގުރާމަ ދިގުލައިގެންދާތީ އެސްޓީއޯއާއެކު ކޮންމެ ދުވަހަކުވެސް މަޝްވަރާތައް ކުރަމުން އަންނަ ކަން ފާހަގަކުރައްވައި އަސާސީ މުދާ ގިނަ ދުވަހު، މެދުނުކެނޑި ލިބޭނެކަމުގެ ޔަގީންކަން ބޮޑުކުރަން މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވި އެވެ.
"މިހާރު ނިންމާފައިވަނީ ރާއްޖޭގެ ސަރަހައްދުތަކުގައި މުދާ ސްޓޯ ކުރެވޭނެ އިތުރު ގޮތްތަކެއް ގާއިމުކުރަން. މިކަހަލަ ކާރިސާއެއް ދިމާވާއިރުވެސް ރައްޔިތުންނަށް ހަމަޖެހިލައިގެން ހައެއްކަ އަށެއްކަ މަސް ދުވަހު އުޅެވޭނެވަރަށް އެސެންޝިއަލް އައިޓަމްސްތަކާއި ތެޔޮ ރައްކާ ކޮށްފައި ބެހެއްޓުމަށް،." ރިޒާ ވިދާޅުވި އެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވަޒީރުންގެ ޚާއްޞަ ކޮމިޓީއެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާފައިވާއިރު މި ކޮމެޓީގެ މައިގަނޑު މަޤްޞަދަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތައް ދެނެގަނެ، އެކަންކަން ޙައްލުކުރުމަށް ގުޅިގެން ފިޔަވަޅުތައް އެޅުމެވެ.