ENGLISH
22 އޭޕްރީލު 2025
ގޭންގު ކުށްތައް ހުއްޓުވާ ބިލުގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށްދެއްވަން ޕީއެންސީ މެންބަރުން އެދިވަޑައިގެންފި
12 ފެބްރުއަރީ 2025
|
ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގު, މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އިބްރާހީމް އަދި މާފަންނު މެދު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު
ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ތަމްސީލުކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މެމްބަރުން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު މުސްތަފާ ހުސެއިން މަޖިލީހަށް ހުށަހެޅުއްވި އެ ބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާ ނިންމަލައި ދިރާސާކުރުމަށްޓަކައި ޖުޑިޝަރީ ކޮމިޓީއަށް ފޮނުއްވާފަ އެވެ.
މި ބިލަށް ބަހުސްކުރައްވަމުން މާފަންނު މެދު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ފާޅުކުރެއްވި އެއް ކަންބޮޑުވުމަކީ އެ ބިލުގެ ސުރުޚީގައި " ގޭންގު" ކުށްތައް ކަމަށް ބަޔާންކޮށްފައި އޮތުމުންނެވެ. ރިފާއު ވިދާޅުވީ ރާއްޖޭގައި "ގޭންގު" ހިންގާ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި، ސުރުޚީ ފިޔަވައި ބިލުގެ އެއްވެސް މާއްދާއެއްގައި އެ ލަފްޒު ބޭނުންކޮށްފައިނުވާއިރު އެގޮތަށް ބިލުގެ ނަން އޮތުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
""އަޅުގަނޑެއް ގަބޫލެއް ނުކުރަން މި ރާއްޖޭގައި ގޭންގެއް ހުރި ކަމަކަށް. އަދި އެއާއެކީގައި އަޅުގަނޑަށް ފާހަގަކުރެވުނު ގޮތުގައި މި ގާނޫނުގައި ވެސް ގޭންގެއްގެ ވާހަކައެއް ނެތް. އެހެންމަ މި ގާނޫނުގެ ހެޑިންއަށް ގޭންގު ކިޔާފަ ގާނޫނުގައި ދެން އަންނަ ހުރިހާ ތަނެއްގައި އިންތިޒާމްވެގެން ކުށް ކުރާ ގްރޫޕު ކިޔާފަ އޮތުމުން އަޅުގަނޑު ކަންބޮޑުވޭ މީގެ ނަމުގައި ގޭންގު އޮތުމުން." "
މެމްބަރު ރިފާއު ދެއްކެވި ވާހަކައަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އިބްރާހީމް ވެސް ތާއީދު ކުރެއްވި އެވެ. ސަބަބެއްގެ ގޮތުގައި ވިދާޅުވީ ދުނިޔޭގެ ފެންވަރުގައި ގޭންގުތައް އޮޕަރޭޓްކުރާ ގޮތަށް ރާއްޖޭގައި އެކަން ހިނގާ ކަމަށް ގަބޫލުނުކުރެއްވުމެވެ.
"އަޅުގަނޑުވެސް އަޅުގަނޑުގެ އަޚް މާފަންނު ދެކުނު ދާއިރާގެ މެމްބަރު އެ ފާހަގަކުރެއްވި ގޮތަށް އަޅުގަނޑަކަށް ވެސް ހަގީގަތުގައި ދިވެހިރާއްޖޭގައި ގޭންގް، މި މާނައިގައި ދުނިޔޭގެ ގޭންގުތައް މާނަކުރާ މާނައިގައި ދިވެހި ރާއްޖޭގައި ގޭންގުތައް އޮޕަރޭޓްވާ ކަމަކަށް ހަގީގަތުގައެއް ގަބޫލެއް ނުކުރެވޭ.. އެކަމެއް ދިވެހިރާއްޖެއަކު ނުހިނގާ. އެހެންވީމަ އަޅުގަނޑަށް އުނދަގޫވި އެއް ލަފްޒު، މިއީ ހަގީގަތުގައި "ގޭންގު" މި ލަފްޒު އައިސްގެން މި ޤާނޫނު ގާނޫނެއްގެ ގޮތުގައި ވެގެން ދިއުން އެއީ ހަމަ އަޅުގަނޑަށް ބަލައިގަންނަން އުނދަގޫ އެއް ކަންތައް. "
މިކަން ފާހަގަކުރައްވާ މެމްބަރު ވަނީ ކޮމިޓީ މަރުހަލާގައި އެ ބިލު ދިރާސާކުރާއިރު ގާނޫނުގެ ނަމުން "ގޭންގު" މި ލަފްޒު އުނިކުރެއްވުމަށް އެދިވަޑައިގެންފައެވެ.
ހަމައެއާއެކު ކުށްކުރަން ހިތްވަރުދީ ފަންޑުކުރާ މީހުންނަށް އެޅޭނެ ފިޔަވަޅުތައް ވެސް ބިލު ގާނޫނަކަށް ވެގެން އަންނައިރު ހިމެނުން މުހިންމު ކަމަށް މެމްބަރު ފާހަގަކުރެއްވި އެވެ.
"އެހެންމަ މި ގާނޫނު އުފަންވެގެން އަންނައިރު ކުށުގެ ވެއްޓަށް ބަޔަކު ނެރުމަށްޓަކައި ފަންޑުކުރާ ފަރާތްތަކާ ދޭތެރޭގައި އޮތް ގޮތަކީ ނުވަތަ އެ ފަރާތްތައް ހޯދުމަށްޓަކައި އަޅުގަނޑުމެންނަށް ކުރެވެން އޮތް ކަމަކީ ކޮބައިތޯ ބެލޭނެ، ނުވަތަ އެކަން ކުރެވޭނެ ގޮތެއް ވެސް އޮންނަން ޖެހޭނެ ކަމަށް އަޅުގަނޑަށް ފާހަގަކުރެވޭ"
މި ބިލަށް ބަހުސްކުރައްވަމުން ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގު ވިދާޅުވީ ކުށްކުރާ ޒުވާނުންނަށް އަދަބު ދިނުމުގެ ބަދަލުގައި އެ މީހުން ކުށުގެ ވެއްޓަށް ހުށަހެޅި ނުވަތަ ވަންނަން މެދުވެރިވާ ސަބަބުތައް ދިރާސާކުރަން ޖެހޭ ކަމަށެވެ. އަދި އެ މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރުން ވަރަށް މުހިއްމު ކަމަށް ވިދާޅުވި އެވެ.
"އިއްޒަތްތެރި ރައީސް އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކީ 4 ލައްކައެއްހާ އާބާދީއެއް އޮންނަ ގައުމެއް. އެންމެންނަކީ ދެނެ ފަރިތަ މީހުން. ގޭންގު ކުށްތައް ހައްލުކުރަން ވެގެން އަޅުގަނޑުމެންނަކަށް އެފޯޑެއް ނުކުރެވޭ ޒުވާނުންގެ އާބާދީގެ ބޮޑު ޕަސެންޓޭޖެއް ހުރަގެއަށް ލާއިގެން އެކަމަށް ހައްލެއް ހޯދަން. އޭގެ ބަދަލުގައި އަޅުގަނޑުމެން ހައްލު ހޯދަންވީ އަޅުގަނޑު ކުރިން ވެސް މި ދެންނެވި ފަދައިން ގެންގު ކުށްތަކުގައި ބައިވެރިވާ ސަބަބުތައް ހައްލުކުރަން." "
އަޒާން ވަނީ އެ ބިލު ފާސްކުރެއްވުމަށްފަހު ވެސް ގާނޫނު ރަނގަޅަށް ތަންފީޒުކުރެވެމުންދާކަން ކަށަވަރުކުރުމަށް ތަންފީޒީ އިދާރާތަކަށް ފާރަވެރިވުމަށް ވެސް ރައްޔިތުންގެ މަޖިލީހަށް ގޮވާލައްވާފަ އެވެ.
މިފަދަ ބިލެއް ހުށަހެޅުއްވުމުގެ ބޭނުމަކީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫންވެސް އާއްމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ހިންގާ ނުރައްކާތެރި އަދި ބޮޑެތި ކުށްތަކުން ރައްޔިތުންނާއި މުޖުތަމައު ރައްކާތެރިކުރުމަށްޓަކައި، ކަމާ ގުޅޭ ތަފްސީލީ ގާނޫނީ އޮނިގަނޑެއް ގާއިމުކުރުމެވެ.
މި ބިލުގެ ދަށުން، ގޭންގުތަކުން ހިންގާ ކުށްތައް ހިމެނޭ ގޮތަށް އިންތިޒާމްވެގެން ހިންގާ ބޮޑެތި ކުށްތަކާއި އެ ނޫންވެސް ނުރައްކާތެރި ކުށްތައް ރާއްޖޭގައި ހިންގުން ހުއްޓުވުމަށްޓަކައި ނުރައްކާތެރި އަދި އިންތިޒާމްވެގެން ހިންގާ ބޮޑެތި ކުށްތަކާއި ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށް ހިމެނޭ ގޮތުން ކުށުގެ ގޮތުގައި ކަނޑައެޅޭ އަމަލުތައް ބަޔޔާންކުރުމާއި އެ ކުށްތަކުގެ އަދަބު ކަނޑައަޅާފައިވެ އެވެ.
އެފަދަ ކުށްކުރާ ފަރާތްތަކަށް އެކަށީގެންވާ ގޮތެއްގެ މަތިން ފިޔަވަޅު އެޅުމަށްޓަކައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ހާއްސަ ބާރުތަކެއް ވެސް މި ބިލުގެ ދަށުން ލިބެ އެވެ.
އިންތިޒާމްވެގެން ހިންގާ ބޮޑެތި ކުށްތަކާއި އެ ނޫންވެސް ނުރައްކާތެރި ކުށްތަކުން ކުޑަކުދިންނާއި ޒުވާނުން އެފަދަ ކުށްތައް ކުރާ ވެށިން ދުރުކޮށް، އެ ފަރާތްތަކަށް ރައްކާތެރިކަންދީ، ހެޔޮގޮތުގައި މުޖުތަމައުއަށް ރުޖޫއަވުމަށް މަގުފަހިކޮށްދިނުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުމުގެ އުސޫލުތަކެއް ކަނޑައެޅުމާއި އެފަދަ ކުށްތައް ކުރާ ފަރާތްތައް އުޅޭނޫޅޭ ގޮތް މޮނީޓާކޮށް، ފިޔަވަޅު އެޅޭނެ ޚާއްޞަ އުސޫލުތައް ވެސް މި ބިލާއެކު ކަނޑައެޅިގެންދާނެ އެވެ.