ENGLISH
22 އޭޕްރީލު 2025
ޓެކްސީ ލިބުމުގެ ދަތިތައް ހައްލުކުރުމަށް ސަރުކާރުގެ "ޓެކްސީ ލައިން" ގެ ޚިދުމަތް ދިނުން އެމްޓީސީސީއާ ހަވާލުކޮށްފި
12 ފެބްރުއަރީ 2025
|
ސަރުކާރުގެ "ޓެކްސީ ލައިން" ގެ ޚިދުމަތް އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު-- ފޮޓޯ/ އެމްއެމްޓީސީ
މާލޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ މަގު ތަނަވަސްކޮށްދެއްވުމަށާއި، ޓެކްސީ ލިބުމުގަައި ދިމާވާ ދަތިތައް ހައްލުކުރެއްވުމަށް ސަރުކާރުގެ "ޓެކްސީ ލައިން" ގެ ޚިދުމަތް ތަޢާރަފުކުރެއްވުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކުރައްވައިފިއެވެ.
ޓެކްސީ ކޮށްގެން އާމްދަނީ ހޯދުމުގެ މަގު ވެސް ފަހިކޮށްދިނުމަށް ސަރުކާރުން ފައްޓަވާ ޓެކްސީ ލައިން ގެ މަސައްކަތް ރަސްމީކޮށް އެމްޓީސީސީއާ ހަވާލުކުރި އެއްބަސްވުމުގައި ސޮއިކުރެއްވީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ޑިރެކްޓަ ޖެނެރަލް ޢަހްމަދު ޝަމީމް އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޢަހްމަދު ސައުދީ އެވެ. މި ރަސްމިއްޔާތު ބޭއްވީ މީރުމާ މާލަމުގައެވެ.
މި ޚިދުމަތާ ބެހޭ ގޮތުން ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު އަމީން ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މިއަދު މި ސޮއި ކުރެވުނު އެއްބަސްވުމުގެ ދަށުން އެމްޓީސީސީން ތަޢާރަފްކުރައްވާ ޓެކްސީލައިނަކީ، ތިމާވެއްޓާ ރަށްޓެހި، ސައްތައިންސައްތަ އީވީ ވެހިކަލް ބޭނުންކުރާ، އަދި ޒަމާނީ ޓެކްނޮލޮޖީގެ އެހީއާއެކު މާލެ ޞަރަޙައްދުގެ ޓެކްސީ ޚިދުމަތަށް ވަރަށް އެކަށީގެންވާ ހެޔޮ ބަދަލެއް ގެނެސް، ރައްޔިތުންނަށް ލުއި ފަސޭހަ ކަމާއި، ރައްކާތެރި ކަމާއެކީ ދަތުރުފަތުރު ކުރުމުގެ ފުރުޞަތު ލިބިދޭނެ ޚިދުމަތެއް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސިޔާސަތަކީ ރައްޔިތުންގެ ހެވާއިލާބައަށްޓަކައި ކުރަންޖެހޭ މިފަދަ ކޮންމެ ކަމެއްގައިވެސް ރައްޔިތުންނަށް އެންމެ ލުއިފަސޭހަގޮތް ހޯއްދަވައި ދެއްވުން ކަމަށް ވުމާއެކު، ވަރަށް އިޚްލާސްތެރިކަމާއެކު މިނިސްޓަރ އަމީން ވަނީ ރައީސަށް ޝުކުރު ދަންނަވާފައެވެ.
މި އެއްބަސްވުމުގެ ދަށުން އެމްޓީސީސީން ޓެކްސީގެ ހިދުމަތް ދޭނީ 100 ޕަސެންޓް އިލެކްޓްރިކް ވެހިކަލްތައް (އީވީ) މެދުވެރިކޮށެވެ. މި ޚިދުމަތް ދޭން ހަމަޖެހިފައި ވަނީ ޚިދުމަތް ދިނުމަށް ހާއްސަ އެޕްލިކޭޝަނެއް ޤާއިމުކޮށް، ރާއްޖެއިން ބޭރުގައި ދޭ އޫބާ އާއި ގްރޭބް ފަދަ ޚިދުމަތްތަކާއި އެއްފެންވަރަކަށެވެ.
މި އައު ޓެކްސީ ލައިނުގައި ބޭނުންކުރާނީ ޕްރިމިއަމް އިންޓީރިއަރ އަދި ފުޅާ ލަގެޖް ސްޕޭސްއާއެކު 5 އާއި 10 އާ ދެމެދުގެ އަދަދަކަށް ފަސިންޖަރުން އުފުލޭނެ އުޅަނދުތަކެކެވެ. މީގެ އިތުރުން، މި ޚިދުމަތަކީ ކަރުދާސް ފައިސާ ބޭނުންނުކޮށް ކޭޝްލެސްކޮށް ބޭނުންކުރެވޭނެ ޚިދުމަތެކެވެ. ސަލާމަތީ ފިޔަވަޅެއްގެ ގޮތުން، ހުރިހާ ޓެކްސީތަކެއްގައި ސީސީޓީވީ އަދި ޑޭޝްކެމް ހަރުކުރެވިފައި ހުންނާނެއެވެ. އަދި ޓެކްސީގެ ސްޕީޑާއި، ދަތުރަށް ހޭދަވި ވަގުތު އަދި އެހެނިހެން ކަންކަމަށް ހޭދަވި ވަގުތު މޮނިޓަރ ކުރެވޭނެއެވެ. މީގެ އިތުރުން ޓެކްސީލައިން ޚިދުމަތައް އަގު ނެގުމަށް ހަމަޖެހިފައި ވަނީ ދަތުރުފަތުރާ ބޭހޭ ވުޒާރާގެ ގައިޑްލައިނާ އެއްގޮތަށް "ފިކްސްޑް ފެއަރ" އުޞޫލުންނެވެ.
އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ސަޢުދީ ވިދާޅުވީ، އެ ކުންފުނިން މި ޚިދުމަތް ތައާރަފްކުރަައްވާނީ އާއްމުންނަށް ދަތުރުފަތުރުކުރުމުގައި މިހާރު ކުރިމަތިވަމުންދާ ދަތިތަކަށް ހައްލެއް ހޯދައިދެއްވުމުގެ މަޤުޞަދުގައި ކަމަށެވެ. ސަޢުދީ ވިދާޅުވިގޮތުގައި، އެ ޚިދުމަތާ އެކު ގިނަ ބަޔަކަށް ވަޒީފާގެ ފަހި ފުރުސަތުތަކެއް ވެސް ހުޅުވޭނެ އެވެ.
އަލަށް ތަޢާރަފުކުރާ ޓެކްސީ ލައިނުގައި 60 ޕަސެންޓް ފުލްޓައިމް ޑްރައިވަރުންނާއި 40 ޕަސެންޓް ޕާޓްޓައިމް ޑްރައިވަރުން ހިމެނޭނެއެވެ. މި ޚިދުމަތުގައި ޑްރައިވަރުންގެ އިތުރުން މެކޭނިކަލް މުވައްޒަފުންނާއި، އޮޕަރޭޝަނަލް މުވައްޒަފުންނާއި، އަދި ސާފުކުރާ މުވައްޒަފުން ވެސް ހިމެނޭނެއެވެ.
ޕާޓްޓައިމް މުވައްޒަފުންނަށް މުސާރަ ލިބޭނީ މަދުވެގެން ދުވާލަކު 4 ގަޑިއިރު ޚިދުމަތްކުރުމުންނެވެ. މި މުވައްޒަފުންނަށް ދުވާލަކު 8 ގަޑިއިރު، ނުވަތަ ހަފުތާއަކު 28 ގަޑިއިރު މަސައްކަތްކުރެވޭނެއެވެ. އަދި މުސާރަ ލިބޭނީ ކޮންމެ 2 ހަފްތާއަކުން 1 ހަފުތާއެވެ.
ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް ދޭން ފަށާނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި މި އަހަރުގެ ތެރޭގައި މި ޚިދުމަތް މާލެ، ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދޭން ފަށާނެ އެވެ. ދެ ވަނަ ފިޔަވަހީގެ ދަށުން 2026 ވަނަ އަހަރާއި 2027 ވަނަ އަހަރު ވިލިނގިލި އަދި ތިލަފުއްޓަށް އެ ޚިދުމަތް ތައާރަފްކުރާނެ އެވެ. ތިން ވަނަ ފިޔަވަހީގައި އެ ޚިދުމަތް ރަސްމާލެ، ގިރާވަރު، އައްޑޫ، ފުވައްމުލައް އަދި ކުޅުދުއްފުއްޓަށް 2028 ވަނަ އަހަރާއި 2029 ވަނަ އަހަރު ތައާރަފްކުރަން ވަނީ ރާވާފަ އެވެ.