ENGLISH

22 އޭޕްރީލު 2025

Advertisement

ސަރުކާރުގެ މާލީ އިޞްލާޙުތަކަށް އައިއެމްއެފްގެ ތަޢުރީފު

12 ފެބްރުއަރީ 2025

|

ޝިފްޒާން އަޙްމަދު

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އައިއެމްއެފް ޓީމުގެ މެންބަރުން، ފޮޓޯ: މަޖިލިސް

ދައުލަތުގެ މާލީ ޙާލަތު ރަނގަޅުކުރެއްވުމަށް ސަރުކާރުން އަޅުއްވަމުންދާ ފިޔަވަޅުތަކަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިން ތަޢުރީފުކުރައްވައިފިއެވެ. 

އައިއެމްއެފްގެ ފަރާތުން ރާއްޖޭގެ މާލީ ޙާލަތު ބެއްލެވުމަށް ވަޑައިގެންނެވި ޓީމުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާ މިއަދު ބައްދަލުކުރެއްވި ބައްދަލުވުމުގައި އެ ޓީމުގެ އިސްވެރިޔަކަަށް ހުންނެވި ނިކީ ސޮސްވެބޫން ކޮމިޓީގައި ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ފަތުރުވެރިކަން ފުޅާވަމުންދާތީ ރާއްޖޭގެ އިޤުތިޞާދީ ޙަރަކާތްތައް އިތުރުވެ އިޤުތިޞާދު ކުރިއެރުމަށް މަގުފަހިވެފައިވާ ކަމަށެވެ. 

އައިއެމްއެފްއިން ލަފާކުރައްވާ ގޮތުގައި މި އަހަރު ރާއްޖޭގެ އިޤުތިޞާދު %5 އިން ކުރިއަރާނެކަން ހާމަކުރައްވަމުން ނިކީ ވިދާޅުވީ އެ ކުރިއެރުމަކީ ރާއްޖެއާ އެއް ފަންތީގެ އެހެނިހެން ޤައުމުތަކާ އަޅާކިޔާއިރު ނިސްބަތުން ރަނގަޅު ކުރިއެރުމެއް ކަމަށެވެ. އިޤުތިޞާދީ ކުރިއެރުމަށް މަދަދުވެރިވާނީ ރާއްޖޭގެ ފަތުރުވެރިކަން ފުޅާވަމުންދިއުންކަމަށާއި ފާއިތުވި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި 2 މިލިއަން ފަތުުރުވެރިންނަށް ވުރެ ގިނައިން މި އަހަރު ފަތުރުވެރިން އަންނާނެ ކަމަށް އައިއެމްއެފްއިން އަންދާޒާކުރާކަމަށް ނިކީ ވިދާޅުވިއެވެ. 

އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު ނިމުމުން އިޤުތިޞާދީ ކުރިއެރުން ޙާޞިލުކުރުމުގެ ޤާބިލުކަން އިތުރުވެ، ފަތުރުވެރިން ގެނައުމުގައި ހުރި ދަތިތައް ޙައްލުވާނެކަން ފާހަގަކުރައްވަމުން ނިކީ ވިދާޅުވީ އެއާޕޯޓު ހުޅުވަމަކީ އިޤުތިޞާދީ ކުރިއެރުމަށް ހުޅުވޭ ދޮރެއް ކަމަށެވެ. 

އެއާއެކު، ނިކީ ފާހަގަކުރެއްވި ގޮތުގައި ރާއްޖެއަށް ހުރި އިޤުތިޞާދީ ހިރާސްތައް ފާއިތުވި އަހަރެއްހައި ދުވަހު އިތުރުވެފައިވެއެވެ. އެގޮތުން މާލީ ހިރާސްތަކާއި ބޭރު ދަރަނީގެ ހިރާސް ފާއިތުވި އަހަރުގައި އިތުރުވިކަމަަށް އޭނާ ވިދާޅުވިއެވެ. 

އެ ހިރާސްތައް ކުޑަކުރުމަށްޓަކައި ސިޔާސަތުތައް ބަދަލުކުރަންޖެހޭކަން ފާހަގަކުރައްވަމުން ނިކީ ވިދާޅުވީ ފާއިތުވި އަހަރުތަކުގައި ޢުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކެއް ހިންގާފައިވާއިރު އެކަމުގެ ސަބަބުން ދައުލަތުގެ ދަރަންޏާއި ބަޖެޓުގެ ޑެފިސިޓު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން 2024 ވަނަ އަހަރު ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 120 އިންސައްތައިން މައްޗަށް ދަރަނި އަރާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. 

މި ހިރާސްތައް ފާހަގަކުރެއްވުމާއެކު ނިކީވަނީ ސަރުކާރުން އަމިއްލައަށް އެކުލަވައިލެއްވި މާލީ އިޞްލާޙީ އެޖެންޑާއެއް ތަންފީޒުކުރައްވަމުންދާތީ އެކަމަށް ތާރީފުކުރައްވާފައެވެ. އެގޮތުން ޖީއެސްޓީ އިޞްލާޙުކުރެއްވުމާއި އާމްދަނީ އިތުރުކުރެއްވުމަށް އެޅުއްވި ފިޔަވަޅުތަކަކީ ޑެފިސިޓުތައް ކުޑަކުރުމަށް އެޅުއްވި ހަރުދަނާ ފިޔަވަޅެއްކަން ފާހަގަކުރެއްވިއެވެ. 

ނިކީ އިތުރަށް ވިދާޅުވެފައިވަނީ ފައިސާ ޗާޕުކުރުން ހުއްޓަވައިލެއްވުމަކީވެސް މާލީ ޙާލަތު ރަނގަޅުކުރެއްވުމަށް ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅެއް ކަމަށެވެ. އޭގެ އިތުރަށް ނިމުނު އަހަރު ރައްޔިތުންގެ މަޖިލީހުން މާލީ ޒިންމާއާ ބެހޭ ޤާނޫނަކާއި ދައުލަތުގެ ދަރަނި މެނޭޖުކުރުމާ ގުޅޭ ޤާނޫނެއް ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ އެ ޤާނޫނުތައް ތަޞްދީޤުކުރައްވާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. 

އެ ޤާނޫނުތަކުގެ ސަބަބުން މާލީ މުއައްސަސާތައް ހަރުދަނާކުރެވި، ދައުލަތުގެ ފައިސާއިން އިންވެސްޓުކުރުމާއި ދައުލަތުގެ މާލިއްޔާ ބެލެހެއްޓުމުގެ އިންތިޒާމުތައް މިހާރަށްވުރެ ހަރުދަނާވެ ރަނގަޅުވާނެކަމަށް ބެލެވޭ ކަމުގައި ނިކީ ވިދާޅުވިއެވެ. 

ދައުލަތުގެ ބަޖެޓުގައި ހިމަނުއްވާފައިވާ ދައުލަތުގެ ޚަރަދު ކުޑަކުރެއްވުމުގެ ފިޔަވަޅުތައް ތަންފީޒުކުރެއްވުމަކީ މުހިއްމު ކަމެއްކަން ފާހަގަކުރައްވައި ނިކީ ވިދާޅުވީ އެ އިޞްލާޙީ ފިޔަވަޅުތައް ތަންފީޒުކުރެއްވުމަކީ ރާއްޖޭގެ އިޤުތިޞާދުގައި ހުރި ތިލަފަތްނަހަމަކަން ރަނގަޅުކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. އަދި އެއީ ރާއްޖޭގެ މާލީ ޙާލަތު އަނބުރާ ދެމެހެއްޓެނެވި ޙާލަތަކަށް އިޢާދަކުރެވޭނެ ކަންކަމަށްވެސް އޭނަ ވިދާޅުވިއެވެ. 

ސަބްސިޑީ ޓާގެޓެޑް ސަބްސިޑީއަށް ބަދަލުކޮށް އެހީތެރިކަން އެންމެ ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ލިބޭކަން ކަށަވަރުކުރުމާއި، ދައުލަތުގެ ކުންފުނިތައް އިޞްލާޙުކުރެއްވުމާއި، ދައުލަތުގެ އިޖުތިމާާޢީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން އާސަންދައިގެ އިސްރާފު ކުޑަކުރުމަކީ ކުރަންޖެހޭ ކަންކަން ކަމުގައި ފާހަގަކުރައްވައި އެ މަސައްކަތް ސަރުކާރުން ކުރައްވާ މަސައްކަތްތައް ވަރަށް ރަނގަޅުކަމަށްވެސް ނިކީ ވިދާޅުވިއެވެ. 

ބަޖެޓުގައި ސަރުކާރުން ހިމަނުއްވާފައިވާ މާލީ އިޞްލާޙުތަކަކީ އައިއެމްއެފްއިންވެސް ތަންފީޒުކުރުމަށް ލަފާދީފައިވާ ފިޔަވަޅުތައް ފާހަގަކުރައްވަމުން ނިކީ ވިދާޅުވީ 2016 ވަނަ އަހަރުން ފެށިގެން އައިއެމްއެފްއިން ރާއްޖެއަށް ދައުލަތުގެ މާލިއްޔާ މެނޭޖުކުރުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. 

އައިއެމްއެފްއިން މާލިއްޔަތު ކޮމިޓީގައި ފާހަގަކޮށްފައިވާ ގޮތުން ސަރުކާރުން ހިންގަވާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ގިނަވުމަކީ މާލީ ހިރާހެކެވެ. އެހެންކަމުން އެފަދަ މަޝްރޫޢުތައް އެކަށީގެންވާ ގޮތެއްގައި ތަރުތީބުކުރެއްވުމަކީ މުހިއްމު ކަމެއްކަމަށް ނިކީ ވިދާޅުވިއެވެ. ރާއްޖެއާއި ރައްޔިތުންނަށް އެންމެ ބޭނުން މަޝްރޫޢުތަކަށް އިސްކަންދީ ކޮންމެހެން ބޭނުމެއް ނެތް ހޭދަތަކާއި އިސްރާފު ކުޑަކުރުމަށް އައިއެމްއެފްއިން ލަފާ ދެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު