ENGLISH

22 އޭޕްރީލު 2025

Advertisement

ގޭންގު ކުށްތައް ހުއްޓުވުމުގެ ބިލު ބަލައިގަނެފި

12 ފެބްރުއަރީ 2025

|

އުމްނާ އިސްމާޢީލް

ފޮޓޯ/ފުލުހުން

ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ބަލައިގަނެ، ދިރާސާކުރުމަށްޓަކައި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުއްވައިފި އެވެ. 

ސަރުކާރުގެ ފަރާތުން  މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު މުސްތަފާ ހުސެއިން ހުށަހެޅުއްބި މި ބިލު މިއަދުގެ ޖަލްސާގައި ބަލައިގަތުމަށް ވޯޓު ދެއްވީ 42 މެމްބަރުން ނެވެ. 

މިފަދަ ބިލެއް ހުށަހެޅުއްވުމުގެ ބޭނުމަކީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫންވެސް އާއްމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ހިންގާ ނުރައްކާތެރި އަދި ބޮޑެތި ކުށްތަކުން ރައްޔިތުންނާއި މުޖުތަމައު ރައްކާތެރިކުރުމަށްޓަކައި، ކަމާ ގުޅޭ ތަފްސީލީ ގާނޫނީ އޮނިގަނޑެއް ގާއިމުކުރުމެވެ.

މި ބިލުގެ ދަށުން ގޭންގުތަކުން ހިންގާ ކުށްތައް ހިމެނޭ ގޮތަށް އިންތިޒާމްވެގެން ހިންގާ ބޮޑެތި ކުށްތަކާއި އެ ނޫންވެސް ނުރައްކާތެރި ކުށްތައް ރާއްޖޭގައި ހިންގުން ހުއްޓުވުމަށްޓަކައި ނުރައްކާތެރި އަދި އިންތިޒާމްވެގެން ހިންގާ ބޮޑެތި ކުށްތަކާއި ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށް ހިމެނޭ ގޮތުން ކުށުގެ ގޮތުގައި ކަނޑައެޅޭ އަމަލުތައް ބަޔޔާންކުރުމާއި އެ ކުށްތަކުގެ އަދަބު ކަނޑައަޅާފައިވެ އެވެ. 

އެފަދަ ކުށްކުރާ ފަރާތްތަކަށް އެކަށިގެންވާ ގޮތެއްގެ މަތިން ފިޔަވަޅު އެޅުމަށްޓަކައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ހާއްސަ ބާރުތަކެއް ވެސް މި ބިލުގެ ދަށުން ލިބެ އެވެ. 

އިންތިޒާމްވެގެން ހިންގާ ބޮޑެތި ކުށްތަކާއި އެ ނޫންވެސް ނުރައްކާތެރި ކުށްތަކުން ކުޑަކުދިންނާއި ޒުވާނުން އެފަދަ ކުށްތައް ކުރާ ވެށިން ދުރުކޮށް، އެ ފަރާތްތަކަށް ރައްކާތެރިކަންދީ، ހެޔޮގޮތުގައި މުޖުތަމައުއަށް ރުޖޫއަވުމަށް މަގުފަހިކޮށްދިނުމަށްޓަކައި ހާއްސަ ފިޔަވަޅު ތަކެއް އެޅުމުގެ އުސޫލުތަކެއް ކަނޑައެޅުމާއި އެ ފަދަ ކުށްތައް ކުރާ ފަރާތްތައް އުޅޭނޫޅޭ ގޮތް މޮނީޓާކޮށް، ފިޔަވަޅު އެޅޭނެ ޚާއްސަ އުސޫލުތައް ވެސް މި ބިލާއެކު ކަނޑައެޅިގެންދާނެ އެވެ. 

މިހާރު ކޮމިޓީ މަރުހަލާގައި އޮތް މި ބިލުގައި އިންތިޒާމްވެގެން ކުރާ ބޮޑެތި ކުށްތައް ވެސް ކަނޑައަޅާފައިވެ އެވެ.  އެއީ:

  • މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށް
  • މީހުން ޓްރެފިކް ކުރުމުގެ ކުށް
  • ރާއްޖެއަށް ގެނައުން މަނާތަކެތިން ވިޔަފާރިކުރުމުގެ ކުށް
  • ކޮއިން ނުވަތަ ނޫޓު ކައުންޓާފިޓްކުރުމުގެ ކުށް
  • ނުރައްކާތެރި ކުށް
  • އަނިޔާވެރި ކުށްތަކުގެ ތެރެއިން ކުށުގެ އަދަބުގެ ގޮތުގައި 10 އަހަރަށް ވުރެ ފިގު މުއްދަތަކަށް ޖަލުގައި ބަންދުކުރުމުގެ އަދަބު ކަނޑައެޅިފައިވާ ހުރިހާ ކުށްތައް

އިންތިޒާމްވެފައިވާ ކުށްކުރާ ގްރޫޕެއް އުފެއްދުމަކީ ނުވަތަ ހިންގުމަކީ މި ބިލުގެ ދަށުން ކުށެކެވެ. އެ ކުށުގެ އަދަބަކަށް 25 އަހަރަށް ޖަަލު ހުކުމަކާއެކު 200،000 ރުފިޔާއާއި 10،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމަށް ވެސް ހިމަނާފައިވެ އެވެ. 

އެފަދަ ކުށެއް ކުރަން އުޅުމަކީ ނުވަތަ އެހީތެރިވެދިނުން ނުވަތަ އެއްވެސް ސިފައެއްގައި ބައިވެރިވުމުގެ ކުށަށް ވެސް 18 އަހަރު ދުވަހުގެ ޖަލު ހުކުމެއް މި ބިލުގައި ކަނޑައަޅާފައިވެ އެވެ. ޖަލު ހުކުމުގެ އިތުރުން 100،000 ރުފިޔާއާއި 5،000،000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާއެއް ކުރެވޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ. 

ކުށްކުރާ ގްރޫޕަކަށް މީހުން ހޯދުމަކީ ވެސް މި ބިލުގެ ދަށުން ކުށެކެވެ . އެގޮތުން އެ ކުށުގެ ޝިކާރައަކަށްވީ، ކުޑަކުއްޖަކު ކަމަށްވާނަމަ އެ ކުށްކުރާ މީހެއްގެ އަދަބަކީ 25 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުމާއެކު 2 ލައްކަ ރުފިޔާއާއި 10،000،000 ރުފިޔާ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ކަމަށް ބުނެފައިވެ އެވެ. 

 ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ހިންގާ ކުށްތަކަށް ވެސް މި ބިލުގެ ދަށުން ބޮޑެތި އަދަބުތަކާއި އެކު ޖޫރިމަނާ ކުރުމަށް ވެސް ހިމަނާފައިވެ އެވެ. 

ކިޔުންތެރިންގެ ހިޔާލު