ENGLISH

22 އޭޕްރީލު 2025

Advertisement

ތިން ޤައުމަކަށް ނޮން ރެޒިޑެންޓް ސަފީރުން އައްޔަނުކުރައްވަނީ

12 ފެބްރުއަރީ 2025

|

އުމްނާ އިސްމާޢީލް

ތިން ޤައުމަކަށް ނޮން ރެޒިޑެންޓް ސަފީރުން އައްޔަނުކުރުމުގެ މައްސަލަ ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފި އެވެ.

ކިންގްޑަމް އޮފް ބޫޓާނާއި ސްޓޭޓް އޮފް ކުވައިތުގެ އިތުރުން ސްވިސް ކޮންފެޑަރޭޝަނަށް ނޮން ރެޒިޑެންޓް ސަފީރުން ކަނޑައެޅުމަށްޓަކައި ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ނަންތައް ވަނީ މިއަދުގެ ޖަލްސާގައި އިއްވަވާފަ އެވެ.

ބޫޓާނަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން ރެޒިޑެންޓް ސަފީރަކަށް އައްޔަނުކުރެއްވުމަށް ރައީސް ހުށަހެޅުއްވީ، ބަންގްލަދޭޝަށް ކަނޑައަޅާފައިހުންނަވާ ސަފީރު ސ. ހުޅުދޫ، އަސަރީގެ، ޝިއުނީން ރަޝީދުގެ ނަމެވެ.

ސަފީރުކަމުގެ މަގާމަށް އައްޔަނުކުރެއްވުމުގެ ކުރިން ޝިއުނީން ހުންނެވީ ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކެޓްރީގެ މަގާމުގަ އެވެ.

ސްޓޭޓް އޮފް ކުވައިތަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން ރެޒިޑެންޓް ސަފީރަކަށް ހަމަޖެއްސެވުމަށް ހުށަހެޅުއްވާފައިވަނީ ސައުދީ އަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މ. ވެސްޓްސައިޑް އަހުމަދު ސަރީރުގެ ނަމެވެ. ކުވައިތަށް ކަނޑައަޅާފައި ހުންނަވާ ނޮން ރެޒިޑެންޓް ސަފީރަކަށް ސަރީރު ހަމަޖެއްސުމުގެ އިތުރުން  އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން ކަނޑައަޅާފައިހުންނަވާ ދާއިމީ މަންދޫބުގެ މަގާމަށް ވެސް އޭނާ އައްޔަނުކުރެއްވުމަށް ރައީސް ވަނީ ހުށަހަޅުއްވާފަ އެވެ. އެ މައްސަލަ ވެސް މިއަދުގެ ޖަލްސާގައި އިއުލާނުކޮށްފައިވެ އެވެ.

1987 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ހާރިޖިއްޔާގެ އެކި މަގާމުތައް ފުރުއްވާފައިވާ ސަރީރަކީ އދ. ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބުގެ އިތުރުން ބަންގްލަދޭޝްގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. ސަރީރު ވަނީ ފޮރިން މިނިސްޓްރީގެ އެސިސްޓެންޓް އަންޑަރ ސެކްރެޓަރީ ކަމާއި އެސިސްޓެންޓް ޑިރެކްޓަރގެ އިތުރުން ފޮރިން ސެކެޓްރީގެ މަގާމުގެ އަދާކުރައްވާފަ އެވެ.

ސްވިސް ކޮންފެޑަރޭޝަނަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން ރެޒިޑެންޓް ސަފީރުގެ މަގާމަށް ހަމަޖެއްސެވުމަށް ހުށަހަޅުއްވާފައިވަނީ ޖެނިވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދުގެ ނަމެވެ.

މީގެއިތުރުން، "ބަރން ކޮންވެންޝަން ފޮރ ދަ ޕްރޮޓެކްޝަން އޮފް ލިޓަރަރީ އެންޑް އާޓިސްޓިކް ވާކްސް" ގައި ރާއްޖެއިން ބައިވެރިވުމާ މެދު މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވާފައިވާ މައްސަލަ ވެސް ކޮމިޓީއަށް ފޮނުއްވާފައިވެ އެވެ.   

ކިޔުންތެރިންގެ ހިޔާލު