ENGLISH

22 އޭޕްރީލު 2025

Advertisement

ކޯޓުތަކުގައި މައްސަލަތައް ލަސްވުން ޙައްލުކުރުމަށް ޖޭއެސްސީން ފިޔަވަޅުތަކެއް އަޅުއްވަނީ

12 ފެބްރުއަރީ 2025

|

ޝިފްޒާން އަޙްމަދު

ކޯޓުތަކުގައި ޝަރީޢަތްކުރުމުގެ މަރުޙަލާ ދިގުލައިގެން ގޮސް މައްސަލަތައް ފުނިޖެހިފައި ހުންނަ މައްސަލައަށް ޙައްލެއް ހޯދުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މަސައްކަތްތަކެއް ކުރައްވަން ނިންމަވާފައިވާކަމަށް އެ ކޮމިޝަނުގެ ރައީސް އަލްއުސްތާޛު ޙުސައިން ރިޟާ އާދަމް ވިދާޅުވެއްޖެއެވެ. 

ޤަޟާއީ އައު އަހަރު އިފުތިތާޙުކޮށްދެއްވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޙުސައިން ވިދާޅުވީ ޝަަރުޢީ ދާއިރާއާމެދު ރައްޔިތުން ދެކޭ އެންމެ ބޮޑު ހުވަފެނަކީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް އަވަހަށް ހިނގައި ފައިސަލާކުރެވުން ކަމަށެވެ. އަދި ޖޭއެސްސީއަށް އެންމެ ގިނައިން ހުށަހެޅެނީ މައްސަލަތައް ލަސްވުމާ ގުޅިގެން ހުށަހެޅޭ ޝަކުވާތައް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

އަދި ޚާއްޞަ ގޮތެއްގައި ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމުމުގައި އެމީހަކު ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ނިންމާފައިވާ މީހުންގެ ޝަރީޢަތްތައް ދިގުލައިގެން ގޮސް ނުނިމި ލަސްވުމުގެ މައްސަލައަކީ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ޙުސައިން ފާހަގަކުރެއްވިއެވެ. 

ޙުސައިން ވިދާޅުވީ މައްސަލަތައް ލަސްވުމަކީ ހަމައެކަނި ކޯޓުތަކުން ޒިންމާވާންޖެހޭ ކަމެއް ކަމަށް ބުނެ ފަރުޖައްސައިލެވެން ނެތް ކަމަށެވެ. އޭނާ ވިދާޅުވީ ހަށިގަނޑު ހުން އައުމުން ހުރިހާ ގުނަވަނެއް އެކަމުގެ ވޭން ބަރުދާސްތުކުރާ އުޞޫލުން އެކަމާ ގުޅުންހުރި ހުރިހާ އިދާރާއަކުން މައްސަލަތަައް ލަސްވުމުގެ ޒިންމާ ނަންގަވަންޖެހޭކަމަށް ވިދާޅުވުމާއެކު ޙުސައިންވަނީ މައްސަލަތައް ލަސްވާ ބައެއް ސަބަބުތައް ވަރަށް ތަފުޞީލުކޮށް ވިދާޅުވެދެއްވާފައެވެ. 

"މައްސަލަތައް ލަސްވާ ސަބަބުތަކުގެ ތެރޭގައި، ކޯޓުތަކުން ތަފާތު ސަބަބުތަކާހުރެ މައްސަލަތައް ލަސްކުރަންޖެހުމާއި، ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ވަކީލުން އެދިލައްވައިގެން މައްސަލަތައް، މޯލްޑިވްސް ޕޮލިސް ސާވިސްއިން ހާޒިރުކުރަންޖެހޭ ފަރާތްތައް ހާޒިރުނުކުރެވިގެން މައްސަލަތައް ކެންސަލް ކުރަންޖެހުމާއި، އުޅޭ ވަކި ތަނެއް ނޭނގި ދާއިމީ އެޑްރެސް ކަމަށް ބުނާ އެޑްރެހުގައި މައްސަލަ ރައްދުވާ ފަރާތް ނެތުމުގެ ސަބަބުން ޗިޓު ހަވާލުނުކުރެވުމުގެ ސަބަބުން މައްސަލަތައް ކެންސަަލް ކުރަންޖެހުމާއި، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ހާޒިރުކުރަންޖެހޭ ފަރާތްތައް ހާޒިރުނުކުރެވިގެން މައްސަލަތަައް ކެންސަލްކުރަންޖެހުމާއި، ދިފާއީ ވަކީލުން އެދިލައްވައިގެން މައްސަލަތައް ކެންސަލްކުރަންޖެހުން ފަދަ މިލިއަން ސަބަބުތައް އަޅުގަނޑު ފާހަގަކުރަން،" ޙުސައިން ވިދާޅުވިއެވެ. 

މައްސަލަތައް ދިގުލައިގެންދިއުމަށް ޙައްލެއް ހޯދޭނީ ކަމާ ބެހޭ ފަރާތްތައް އެއް ރޫޙެއްގައި މަސައްކަތްކޮށްގެންކަން ފާހަގަކުރައްވަމުން ޙުސައިން ވިދާޅުވީ އެ މަގުން މަސައްކަތްކުރުމަށް މި އަހަރު ޚާއްޞަ ސަމާލުކަމެއް ދެއްވާނެ ކަމަށެވެ. އެގޮތުން ކަމާ ގުޅޭ އިދާރާތަކާއެކު ބައްދަލުވުންތަކެއް ޖޭއެސްސީން ބާއްވަވާނެކަމަށާއި، ކޯޓުތަކުން މައްސަލަތައް ކެންސަލް ކުރެވިފައިވާ ގޮތުގެ ތަފާސްހިސާބުތައް އެއްކޮށް ކޮންމެ ތިން މަހަކުން އެ މައްސަލަތައް މުރާޖަޢާކުރައްވަމުން ގެންދަވާނެ ކަމުގައި ޙުސައިން ވިދާޅުވިއެވެ. 

އޭގެ އިތުރަށް ޙުސައިން ފާހަގަަކުރެއްވީ އަލަށް އެކުލަވައިލި މަދަނީ އިޖުރާއާތުގެ ސަބަބުން ކޯޓުތަކުގައި މައްސަލަތައް ފުނިޖެހި، މަދަނީ މައްސަލަތައް އިންތިހާއަށް ލަސްވެ، ދައުލަތުން ކުރަންޖެހޭ ޚަރަދުތައް އިންތިހާއަށް ބޮޑުވެ، ބޭންކުތަކާއި ކުންފުނިތަކާއި ވިޔަފާރިތަކަަށް ބޮޑެތި ގެއްލުންވަމުންދާ ކަމެވެ. 

އެ މައްސަލަ ޙައްލުކުރުމަށްޓަކައި، މަދަނީ އިޖުރާއާތުގެ ޤާނޫނަށް ގެންނަަން ފެންނަ އިޞްލާޙުތައް ކޮމިޝަނުން އެކުލަވައިލާ ފާސްކޮށް 7 ނޮވެންބަރު 2024 ގައި ބަންޑާރަނައިބުގެ އޮފީހަށް ފޮނުއްވާފައިވާކަމަށް ޙުސައިން ވިދާޅުވިއެވެ. އަދި އުންމީދަކީ މިހާރު ފެށިގެން ހިނގަމުންދާ ދައުރުގައި އެ ބިލުގެ މަސައްކަތް ނިމިގެންދިއުންކަމަށާއި، އެ ޤާނޫނު އިޞްލާޙުކުރެވުމުން މަދަނީ މައްސަލަތައް %60 އަވަސްވެގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

ޖޭއެސްސީން ކޯޓުތަކަށް ދިމާވެފައިވާ މައްސަލަތައް ދެނެގަތުމަށް މާލޭގެ ސުޕީރިއާ ކޯޓުތަކާ އަތޮޅުތަކުގެ މެޖިސްޓްރޭޓު ކޯޓުތަކާ ބައްދަލުކޮށް، އެ ކަންބޮޑުވުންތައް ޙައްލުކުރުމަށް ހަތަރު ކުއާޓާއަށް ބަހާލައިގެން ފިނޭންސް މިނިސްޓްރީއާއެކު މަސައްކަތްތަކެއް ކުރުމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގައި އެދިވަޑައިގެންފައިވާނެކަމަށްވެސް ޙުސައިން ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު