ENGLISH
22 އޭޕްރީލު 2025
ޤަޟާއީ އަހަރު 2025 ރައީސް އިފުތިތާހުކޮށްދެއްވައިފި
12 ފެބްރުއަރީ 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޤަޟާއީ އައު އަހަރު އިފުތިތާޙުކޮށްދެއްވުން، ފޮޓޯ: ރައީސް އޮފީސް
ރޭ އޮތް ރަސްމިއްޔާތެއްގަައި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޤަޟާއީ އައު އަހަރު އިފުތިތާޙުކޮށްދެއްވަައިފިއެވެ.
މި ރަސްމިއްޔާތުގައި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ރައީސާއި އެ ކޮމިޝަނުގެ މެންބަރުންގެ އިތުރުން އުއްތަމަފަނޑިޔާރު އަލްއުސްތާޛު މުޢުތަޞިމް ޢަދުނާނާއި ސުޕްރީމް ކޯޓާއި ހައިކޯޓު އަދި ސުޕީރިއާ ކޯޓުތަކުގެ ފަނޑިޔާރުންނާއި މެޖިސްޓްރޭޓު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ވަރަަށް ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ.
ކޮންމެ އަހަރަކުވެސް ޤަޟާއީ އައު އަހަރު އިފުތިތާޙުކޮށްދެއްވަނީ ރައީސުލްޖުމްހޫރިއްޔާއެވެ. ޤަޟާއީ އައު އަހަރު ފެށުމުގެ ރަސްމިއްޔާތުގައި ޖޭއެސްސީގެ ރައީސް އަލްއުސްތާޛު ޙުސައިން ރިޟާ އާދަމްވަނީ ޖުޑީޝަރީއަށް ކުރިމަތިވެފައިވާ ބައެއް ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒާ ހިއްސާކުރެއްވުމުން އެކަންކަމަށް ޙައްލުތައް ހޯދައިދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިކަން ހާމަކުރައްވާފައެވެ.
ރައީސްގެ މި އަހަރުގެ ރިޔާސީ ބަޔާނުގައި ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާއި، ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރެއްވުމުގެ ގޮތުން ކޯޓް ކޮމްޕްލެކްސްއެއް އަޅުއްވައިދެއްވާނެކަމަށް ވިދާޅުވެފައިވެއެވެ.
މާލޭ ސަރަޙައްދުގައި ކޯޓުތަކަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ވަގުތީ ޙައްލެއް ހޯދައިދެއްވުމުގެ ގޮތުން ކުރިމިނަލް ކޯޓާއި ޑްރަގް ކޯޓު ޖާގަ ތަނަވަސް ޢިމާރާތަކަށް ބަދަލުކުރެއްވުމުގެ މަސައްކަތް މި އަހަރުގެ އޯގަސްޓުގެ ކުރިން ނިންމައިލެއްވޭނެކަމަށް ރައީސް ވިދާޅުވިއެވެ.
މިކަންކަމުގެ އިތުރަށް ފަނޑިޔާރުންނާއި ޝަރުޢީ ދާއިރާގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހަމަޖައްސައިދެއްވުމަށް ރައީސްގެ އަރިހުގައި އެދިވަޑައިގަތުމުން އޮންނަ އުޞޫލުގެ ތެރެއިން އެކަމަށްވެސް ޙައްލުތަކެއް ހޯދައިދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވާފައިވާކަމަށް ޙުސައިން ރޭ ވިދާޅުވިއެވެ.
ޖޭއެސްސީގެ ރައީސްގެ އިތުރަށް އުއްތަމަފަނޑިޔާރު އަލްއުސްތާޛު މުޢުތަޞިމް ޢަދުނާނުވެސް ރޭގައި އޮތް ޖަލްސާގައި ވާހަކަފުޅުދައްކަވާފައިވެއެވެ.