ENGLISH
07 ޖުލައި 2025
މިދިޔަ އަހަރު މާލެ ސަރަޙައްދުގައި ރަޖިސްޓްރީކުރި އުޅަނދުތަކުގެ އަދަދު ދަށަށް
11 ފެބްރުއަރީ 2025
|
މާލޭގެ މަގުމަތީގައި އުޅަނދުތައް ތޮށްޖެހިފައި
ފާއިތުވެ ދިޔަ އަހަރު މާލޭ ސަރަޙައްދަށް ރަޖިސްޓްރީކުރި ސައިކަލާއި ކާރުގެ އަދަދު ވަރަށް ބޮޑުތަނުން މިވަނީ ދަށްވެފައެވެ.
މާލެ ތޮށްޖެހުމަކީ ނިމިދިޔަ އެއްވެސް ސަރުކާރަކަށް ހައްލުވެފައިނުވާ ބޮޑު މައްސަލައެކެވެ. މި މައްސަލައަކީ ނިމިދިޔަ ސަރުކާރުތަކުން އަޅާނުލައި ދޫކޮށްލާފައިވާ މައްސަލައެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެހެން ނަމަވެސް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެން، މާލެ ސަރަޙައްދުގައި ޙައްލު ނުވެ އޮތް ވެހިކަލް ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މި މަސައްކަތްތަކުގެ ނަތީޖާ ވެސް އެހާމެ ފޮނިކަން ދަތުރު ފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން އެންމެ ފަހުން ނެރުނު ތަފާސް ހިސާބުތަކުން ހާމަވެއެވެ.
އެގޮތުން، މިހާތަނަށް މާލޭ ސަރަހައްދަށް ރަޖިސްޓްރީކުރެވިފައިވާ 2 ފުރޮޅުލީ އުޅަނދުގެ ޖުމްލަ ޢަދަދަކީ 106،792 އެވެ. 2023 ވަނަ އަހަރު 9،249 އުޅަނދު ރަޖިސްޓްރީ ކުރެވުނުއިރު، 2024 ވަނަ އަހަރު 8،400 އުޅަނދު ވަނީ ރަޖިސްޓްރީކޮށްފައެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު %9.18 ގެ ދަށްވުމެއްކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ.
މާލެ ސިޓީގައި މިހާތަނަށް 7،553 ކާރު ރަޖިސްޓްރީ ކުރެވިފައިވާއިރު، 2023 ވަނަ އަހަރުގައި 1،148 ކާރު ރަޖިސްޓްރީކޮށްފައިވެއެވެ. އަދި 2024 ވަނަ އަހަރުގައި 301 ކާރު ރަޖިސްޓްރީކޮށްފައެވެ. މިއީ %73.78 ގެ ދަށްވުމެއްކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
ޤަވައިދާ ހިލާފަށް އެއްގަމު އުޅަނދު ރަޖިސްޓްރީކުރުން ނިމުމަކަށް ގެނެސް، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވަނީ ގަރާޖުގެ ސައްޙަކަން ކަށަވަރުކުރުމުގެ މުހިންމު މަސައްކަތްތަކެއް ފަށްޓަވާފައެވެ. ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގައި ޤާނޫނާއި ޤަވައިދުގެ ތެރެއިން އެ ވުޒާރާގެ ޒިންމާތައް އަދާކުރުމަށާއި އަދި ޤަވައިދާ ޙިލާފަށް އުޅަނދުތައް ރަޖިސްޓްރީވަމުން ދިޔަ ދިޔުން ނިމުމަކަށް ގެނައުން އެއީ މި މަސައްކަތްތަކުގެ މައިގަނޑު އަމާޒުކަމަށް ވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
ވެހިކަލް ރަޖިސްޓްރޭޝަންގެ ކަންކަން މިހަރަށް ވުރެ ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ އިތުރުން، ބާވެ ހަލާކުވުމުގެ ސަބަބުން މަގުމައްޗަށް ދޫކޮށްލާފައި ހުރި އުޅަނދުތައް ނަގާ، މަގުތަކުގައި ޕާކުކުރުމަށް ހުރި ޖާގަތައް އިތުރުކުރުމުގެ މަސައްކަތްވެސް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން އަންނަނީ ކުރައްވަމުންނެވެ.
އެގޮތުން ގްރޭޓަރ މާލެ ސަރަހައްދުގައި އެއްގަމު އުޅަނދުފަހަރު ގިނަވެ، މަގުތަކަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަ ޙައްލުކުރުމަށްޓަކައި "ޑީކޮންޖެޝަން ޕްރޮގްރާމް"ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް ވަނީ ފަށާފައެވެ. މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް ޖުމްލަ 446 އުޅަނދު ނައްތާލާފައިވާކަމަށް ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
މިހާތަނަށް މި ޕްރޮގްރާމުގެ ތެރެއިން ނައްތާލާފައިވަނީ 378 ސައިކަލާއި 40 ހަތަރު ފުރޮޅުލީ އުޅަނދާއި އަދި 28 ބައިސްކަލެވެ.
ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ޕްރޮގްރާމުގެ ދަށުން އުޅަނދުތައް ނައްތާލުމުގެ މަސައްކަތް ކުރަމުންދަނީ ކަނޑައެޅިފައިވާ އުޞޫލުގެ ތެރެއިން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހުގައިކަމަށެވެ. މި ޕްރޮގްރާމަކީ، މާލޭގެ މަގުތަކުގައި އުޅަނދުފަހަރު ގިނަވެ، ޓްރެފިކް މައްސަލަ ޙައްލުކޮށް، މާލެގެ ޕާކިން ޖަގަ އިތުރުކުރުމަށް ފަށައިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން ބޭނުންނުކުރާ އުޅަނދުފަހަރު ނައްތާލުމާއި، ޓޯވ ކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން މިހާރު އަންނަނީ ކުރަމުންނެވެ.