ENGLISH
22 އޭޕްރީލު 2025
ޖުޑީޝަރީގެ ތިން ހުށަހެޅުމަށްވެސް ރައީސް ދެއްވީ އުންމީދު!
11 ފެބްރުއަރީ 2025
|
ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ރައީސް ޙުސައިން ރިޟާ،
ޖުޑީޝަރީގެ ކުރިއެރުމަށްޓަކައި މުހިއްމުވާ ތިން ކަމެއް ޝަރުޢީ ދާއިރާގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ރައީސް އަލްއުސްތާޛު ޙުސައިން ރިޟާ ހުށަހެޅުއްވުމުން އެ ހުރިހާ ކަމެއްވެސް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވިކަމަށް ޙުސައިން ރިޟާ ވިދާޅުވެއްޖެއެވެ.
ޤަޟާއީ އަހަރު 2025 އިފުތިތާޙުކުރެއްވުމަށް މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޙަފުލާގައި ވާހަކަދައްކަވަމުން ރިޟާ ވިދާޅުވީ އޭނާ ޖޭއެސްސީގެ ރައީސްކަމާ ޙަވާލުވެވަޑައިގެން ރައީސާ ބައްދަލުކުރެއްވި ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސާ ބައްދަލުކުރެއްވީ ދިހަ ވަރަކަށް އަހަރު އެ ދާއިރާއެއްގައި މަސައްކަތްކުރެއްވި ބޭފުޅެެއްގެ ހައިސިއްޔަތުން ދައުލަތުގެ ތިން ބާރުން އެއް ބާރަށްވާތީ ޖުޑީޝަރީއަށް ހެޔޮ ގޮތްތަކެއް ހޯދައިދެއްވުމުގެ ބޭނުންފުޅުގައެވެ.
ޙުސައިން ވިދާޅުވި ގޮތުގައި އެ ބައްދަލުވުމުގައި ރައީސަށް ތިން ކަމެއް ހުށަހެޅުވިއެވެ. އެ ތިން ކަމުގެ ތެރެއިން ފުރަތަމަ ކަމަކީ ކޯޓު ކޮމްޕްލެކްސްއެވެ. ޙުސައިން ފާހަގަކުރެއްވީ 2011 ވަނަ އަހަރުން ފެށިގެން އަބަދުވެސް ކޯޓު ކޮމްޕްލެކްސްގެ ވާހަކަދެކެވޭކަމަށާއި، 2014 ވަނަ އަހަރު ކޯޓު ކޮމްޕްލެކްސްގެ ކުރެހުންތަކެއް ފެނިވަޑައިގެންނެވިކަމަށާއި ބިންތަކެއް ހަމަޖެހުނުކަމުގެ އުފާވެރި ޚަބަރު އަޑުއެއްސެވި ކަމަށާއި، ނަމަވެސް އެ ބިންތަކުގެ ރަޖިސްޓްރީއެއް ފެނިވަޑައިގެންފައި ނެތް ކަމަށެވެ.
މިއަދު ކޯޓުތަކުގެ ޙާލަތު ހުރި ގޮތަށް އަލިއަޅުވައިލައްވަމުން ރިޟާ ވިދާޅުވީ ސުޕްރީމް ކޯޓުން ފެށިގެން ހުރިހާ ކޯޓަކަށްވެސް ވާރޭ ވެހޭއިރު ފެން ފޭދި އަސަރުކުރާ ކަމަށެވެ. އަދި ޖާގައިގެ ދަތިކަމުގެ ވާހަކައަކީ ދައްކަންނުޖެހޭ މިންވަރަަށް އެންމެނަށް އެނގޭ ކަމެއްކަމަށާއި އިންތިހާއަށް އެ ދަތިތައް އެބަހުރިކަމަށް އޭނާ ވިދާޅުވިއެވެ.
"މިއަދު ކޯޓުތަކުގެ ޙާލަކީ ސުޕްރީމް ކޯޓަށް ދާންދެން ވާރޭ ނުވެހޭ އެއްވެސް ކޯޓެއް ނެތް. ކޯޓުތަކުގެ ދަތިކަމުގެ ވާހަކަ އިތުރަށް އަޅުގަނޑުމެން ދައްކަންނުޖެހޭނެ ކަންނޭނގޭ. އިންތިހާއަށް އެ ދަތިތައް އެބައޮތް. " - ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ރައީސް ޙުސައިން ރިޟާ
އެހެންކަމުން ކޯޓު ކޮމްޕްލެކްސް އަޅުއްވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވުމަކީ ލިބިވަޑައިގެންނެވި އުފާވެރި ޚަބަރެއް ކަމުގައި ރިޟާ ފާހަގަކުރެއްވިއެވެ.
2011 ވަނަ އަހަރާ ހިސާބުގައި ކޯޓުތަކުގެ އިދާރީ އަދި ޤާނޫނީ ވަޒީފާތަކަށް އިޢުލާނުކުރުމުން ސަތޭކައަށްވުރެ ގިނަ މީހުން އެ ވަޒީފާތަކަށް ކުރިމަތިލި ނަމަވެސް މިހާރު އެއްފަހަރަށްވުރެ ގިނައިން ކޯޓުތަކުގެ ވަޒީފާތަކަށް އިޢުލާނުކޮށްގެންވެސް މުވައްޒަފުން ނުލިބޭކަން ފާހަގަކުރައްވަމުން، ރިޟާ ވިދާޅުވީ ޖުޑީޝަރީއަށް މުވައްޒަފުން ނުލިބެނީ އެ ދާއިރާއާމެދު އުންމީދެއް ނެތުމުން ކަމަށެވެ.
"އެއްފަހަރަށްވުރެ ގިނަ ފަހަރު އިޢުލާނުކޮށްގެންވެސް ކުރިމަތިލާނެ މީހަކު ނުވޭ. ވަކިން ޚާއްޞަކޮށް މާގިނަ ދުވަހު ވަޒީފާގައި އުޅުމުގެ އުންމީދެއް ވަންނަ ކުދިންގެވެސް ނޯވޭ. ސަބަބަކީ އެ ދާއިރާއާމެދު އުންމީދެއް ނެތީމަ. މަޤާމުގެ ކުރިއެރުމެެއް، ވަޒީފާގެ ކުރިއެރުމެއް ނެތް. މުސާރަ ބޮޑުވި ދުވަހެއް ހަނދާންހުރި ބޭފުޅަކު އުޅުއްވާހެނެއް ހިއެއްނުވޭ. " - ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ރައީސް ޙުސައިން ރިޟާ
މުވައްޒަފުންނާ ގުޅުންހުރި މައްސަލަތައް ރައީސަށް ދެންނެވުމުން، އަދި މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެންނަވަންޖެހޭކަން ފާހަގަކުރުމުން ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ މުސާރަތަކަށް ހެޔޮ ބަދަލެއް ގެނެސްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވާފައިވާކަމަށް ޙުސައިން ވިދާޅުވިއެވެ.
ތިންވަނަ ކަމެއްގެ ގޮތުގައި ޙުސައިން ފާހަގަކުރެއްވީ ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް ބޯހިޔާވަހިކަމުގެ އެކި ސްކީމުތައް ހިންގަމުންދާއިރު، ފަނޑިޔާރުންނާއި ޝަރުޢީ ދާއިރާގެ މުވައްޒަފުން ބޯހިޔާވަހިކަމެއްގެ އުންމީދުގައި ތިއްބެވި ނަމަވެސް އެ ބޭފުޅުންނަށް އެފަދަ މަގެއް ފަހިވެފައި ނެތްކަމެވެ.
އެކަމުގައިވެސް އޮންނަ އުޞޫލުތަކުގެ ތެރެއިން ގޮތްތަކެއް ފަހިކުރެވޭތޯ ބައްލަވައިދެއްވާނެކަމަށް ރައީސް ވިދާޅުވިކަން ފާހަގަކުރައްވަމުން ޙުސައިން ވިދާޅުވީ އެކަންވެސް ޙާޞިލުވާނެކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށެވެ.
ޙުސައިންވަނީ ރައީސްގެ ތަޞައްވުރެގެ ތެރެއިން ޝަރުޢީ ދާއިރާ މިހާރު އޮތް ނިކަމެތި ޙާލުން ސަލާމަތްކުރެއްވުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅަށް ޝުކުރު އަދާކުރައްވާފައެވެ.