ENGLISH

22 އޭޕްރީލު 2025

Advertisement

ސްޓެލްކޯގެ މުވައްޒަފުން ތަމްރީނުކުރުމަށް ސިވެކްއާ އެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި

11 ފެބްރުއަރީ 2025

|

ޢަލީ ޝަހީމް

ސްޓެލްކޯގެ މުވައްޒަފުން ތަމްރީނުކުރުމަށް ސިފައިންގެ ވެލްފެއަރ ކުންފުނި ސިވެކްއާއެކު ފަހުމުނާމާގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.

ސްޓެލްކޯގެ މުވައްޒަފުން އެކި ދާއިރާތަކުން ތަމްރީނުކުރުމަށް، ސިފައިންގެ ވެލްފެއަރ ކުންފުނި (ސިވެކް) އާ އެކު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ. 

ފަހުމުނާމާގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ފަހުމީއެވެ. ސިވެކްގެ ފަރާތުން ސޮއިކުރެއްވީ ސިވެކްގެ މެނޭޖިން ޑިރެކްޓަރު ކާނަލް އަޙްމަދު ޒުބައިރުއެވެ. 

ސްޓެލްކޯ އިން ވިދާޅުވީ، ފަހުމުނާމައިގެ ދަށުން ސްޓެލްކޯގެ މުވައްޒަފުންނަށް ލީޑަރޝިޕް އެންހޭންސްމަންޓް ޕްރޮގްރާމް، ބޭސިކް ފަސްޓް އެއިޑް، ފަޔަރ އެވެއަރނެސް، އިންޑަސްޓްރިއަލް ފަޔަރ ބްރިގޭޑް ކޯސް، ސެކިއުރިޓީ އޮފިސަރުންގެ ޓްރެއިނިން، ސްވިމިން އެންޑް ރެސްކިއު އަދި ލައިފް ކޯޗިން ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ. 

ފަހުމުނާމައިގައި ހިމެނޭ އިތުރު ކަންކަމުގެ ތެރޭގައި، ފަޔަރ އިވެކުއޭޝަން ޑްރިލް ބޭއްވުމަށް އެހީވުމާއި، އިންޖީނުގެތަކުގައި ޤާއިމްކޮށްފައިވާ އަލިފާން ނިންވާ ނިޒާމު ބެލެހެއްޓުމުގައި ފަންނީ ބޭފުޅުންގެ އެހީތެރިކަން ފޯރުކޮށްދިނުންވެސް ހިމެނެއެވެ. 

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ، އެމްއެންޑީއެފްގެ އެހީގައި މީގެކުރިން ވެސް މުވައްޒަފުން ތަމްރީނުވެފައިވާ ކަމަށާއި، އެ މުވައްޒަފުންގެ ފަރާތުން މަސައްކަތުގެ ދާއިރާގައި ނަތީޖާ ފެންނަމުންދާ ކަމަށެވެ. އަދި، ޕްރޮގްރާމްތައް ފުރިހަމަކުރުމުން އަމިއްލަ ދިރިއުޅުމާއި ޤައުމަށް ޚިދުމަތްކޮށްދިނުމުގައި ވެސް މުވައްޒަފުންނަށް ފައިދާތަކެއް ވާނެކަމަށް މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވިއެވެ. 

ސްޓެލްކޯގެ އަމާޒަކީ އެމްއެންޑީއެފްގެ އެހީގައި މި އަހަރު ތެރޭ އެ ކުންފުނީގެ ހުރިހާ މުވައްޒަފުން އެ ޕްރޮގްރާމް ފުރިހަމަކުރުމެވެ. އެމްއެންޑީއެފްގެ އެހީގައި ކުރިއަށްދާ ލީޑަރޝިޕް އެންހޭންސްމަންޓް ޕްރޮގްރާމް މިހާރު ވެސް 668 މުވައްޒަފުން ފުރިހަމަކޮށްފައިވާކަމަށް ސްޓެލްކޯއިން ފާހަގަކުރައްވާފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު