ENGLISH
22 އޭޕްރީލު 2025
ޙަޤީޤީ މާނައިގައި އަންހެނުން ބާރުވެރިކުރުވަން މަސައްކަތްކުރައްވަނީ މި ސަރުކާރުން: މެމްބަރުން
11 ފެބްރުއަރީ 2025
|
ނިލަންދޫ ދާއިރާގެ މެމްބަރު ފާތިމަތު ސައުދާ, މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު
ޙަޤީޤީ މާނައިގައި އަންހެނުން ބާރުވެރިކުރުވުމަށް މަސައްކަތްކުރައްވަނީ ހަމައެކަނި މި ސަރުކާރުން ކަމަށާއި، ލާމަރުކަޒީ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި އިސްލާހުން އެކަން ސާބިތުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މެމްބަރުން ވިދާޅުވެއްޖެ އެވެ.
މެމްބަރުން މިފަދައިން ވިދާޅުވީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް މިއަހަރުން ފެށިގެން ރޯދަ އެލަވަންސް ލިބޭ ގޮތް ހަދައި، ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި ލިބޭ ބަޖެޓުގެ 5% އެ ކޮމިޓީތަކުގެ މަސައްކަތްތަކަށް ޚާއްޞަކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ އިސްލާހަށް މިއަދުގެ ޖަލްސާގައި ބަހުސްކުރައްވަމުން ނެވެ.
އެ ކޮމިޓީތަކުގެ މެމްބަރުންނަށް ރޯދަ އެލަވަންސް ލިބޭ ގޮތް ހަމަޖެއްސުމަށްޓަކައި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަހުމަދު ޒަމީރެވެ.
މި ބިލަށް ބަހުސްކުރައްވަމުން ނިލަންދޫ ދާއިރާގެ މެމްބަރު ފާޠިމަތު ސަޢުދާ ވަނީ މީގެކުރީ ސަރުކާރުތަކުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއި މެދު އަމަލުކޮށްފައިވާ ގޮތުގެ މައްޗަށް އަލިއަޅުވާލައްވާފަ އެވެ. ސަޢުދާ ސިފަ ކުރެއްވި ގޮތުގައި މީގެކުރިން އެ ކޮމިޓީތަކުގެ މެމްބަރުން ގެންގުޅުނީ ހަމައެކަނި "ފޮޅާ ސާފުކުރުމުގެ" މަސައްކަތް ކުރުވުމަށެވެ. އެހެންނަމަވެސް މި ބިލާއެކު، އެ ކޮމިޓީތަކުގެ މަސްއޫލިއްޔަތުތަކާއި ދައުރު ހާމަވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.
"މިކަމަށް ނިމުމެއް ގެނެސް، ޑަބްލިއުޑީސީގެ ފުރިހަމަ ބާރު ލިބިދޭ ގޮތަށް މިއަދު މި ހުށަހެޅިގެންދާ އިސްލާހަށް އަޅުގަނޑު ވަރަށް ފުރިހަމައަށް ތާއީދުކުރަން. އަދި މީގެއިތުރުން މި މުހިއްމު މަސައްކަތް ކުރާ ފަރާތްތަކަށް ލިބެންޖެހޭ އިނާޔަތްތަކާއި ޗުއްޓީތަކާއި މިއާ އެއްކޮށް ހުށަހެޅިގެންދިއުމުން ވެގެންދަނީ ވަރަށް ފުރިހަމަ އިސްލާހަކަށް." ސައުދާ ވިދާޅުވި އެވެ.
މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއުގެ ވާހަކަފުޅުގައި ވެސް ފާހަގަކުރެއްވީ، ކުރީގެ ސަރުކާރުތަކުން އެ ކޮމިޓީތަކާ މެދު އިހުމާލުވެފައިވާ ވާހަކައެވެ. އެގޮތުން ޤާނޫނެއްގެ ދަށުން އެ ކޮމިޓީތައް އެކުލަވާލެވުނު ނަމަވެސް މަސްއޫލިއްޔަތުތައް ރަނގަޅަށް ބަޔާން ވެފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. ރިފާއު ވިދާޅުވި ގޮތުގައި ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވަނީ "އަންހެނުން ހަގީގީ މާނައިގައި ބާރުވެރިކުރުމަށް" ކަމަށާއި މި އިސްލާހުން ވެސް އެކަން ހާމަވާ ކަމަށެވެ. އަދި މިއަހަރު ތެރޭގައި އެ ތަފާތު ފެންނަން ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ފެނިގެންދާނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް ހަގީގީ މާނައިގައި މަސައްކަތް ކުރެވެމުންދާ މަންޒަރު. އިރާދަކުރެއްވިއްޔާ މިއަހަރު ތެރޭގައި އެ ތަފާތު ފެންނާނެ. މިއަދުވެސް އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރައްވާ ކޮމިޓީގެ ބޭފުޅުންނަކީ އެބޭފުޅުންނަށް ލިބިފައިވާ ވަސީލަތްތަކުން ވަރަށް މުހިއްމު މަސައްކަތްތަކެއް ކުރައްވާ. އަދި މީގެތެރެއިން އެ ބޭފުޅުންނަށް ބަޖެޓު ފުރިހަމަވެގެންދިއުމާއެކީގައި އަޅުގަނޑު ގަބޫލުކުރަނީ ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރިއަށްދާނެ ކަމަށް." ރިފާއު ވިދާޅުވި އެވެ.
މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވިދާޅުވީ މި ބިލުން ހާމަވެގެންދަނީ މި ސަރުކާރަކީ ބަހާއި އަމަލަ ދިމާވާ ސަރުކާރެއް ކަމަށެވެ. އެގޮތުން ރައީސް ޑރ. މުއިއްޒު އަންހެނުން ބާރުވެރިކުރުވުމުގެ ވާހަކަދައްކަވާއިރު، ރަށްރަށުގެ ތަރައްގީގައި އެބޭފުޅުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި މަސައްކަތް ކުރެވޭނެ މާހައުލާއި އެލަވަންސް ވެސް އިތުރުކުރެއްވުމަށް މަސައްކަތް ކުރައްވާ ކަމަށެވެ.
"އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް މީގެކުރިން ރަށްރަށުގައި އުފައްދާފައިވާއިރު ނަމަކަށް އެބޭފުޅުން ބައިތިއްބާފަ އެބޭފުޅުންނާ ދިމާލަށް ކަމެއް ނުކުރެވެއޭ ކިޔާފަ އެއްޗެހި ކީމަކާއެއް ކަމެއް ނުކުރެވޭނެ. މިހާރު އަޅުގަނޑުމެންގެ އިއްޒަތްތެރި ރައިސުލްޖުމްހޫރިއްޔާ މިކަންކަން ކޮށްދެއްވަނީ އެބޭބޭފުޅުންނަށް ހުރިހާ ކަމެއް ފަހިކޮށްދެއްވާފަ. އެބޭފުޅުންގެ އެލަވަންސްތަކާއި ޗުއްޓީތަކާއި މިކަންކަން ހަމަޖައްސައިދެއްވާފަ އެބޭފުޅުންނަށް މަސައްކަތް ކުރެވޭނެ މާހައުލެއް އުފައްދައިދެއްވީމާ ރަށުގެ ތަރައްގީއަށް ކުރާ ކަންކަމުގައި އަންހެން ބޭފުޅުންނަށް ބައިވެރިވެވޭނީ." ފަލާހު ވިދާޅުވި އެވެ.
އެ ބިލުގެ އިބްތިދާއީ ބަހުސް މިއަދުގެ ޖަލްސާގައި ވަނީ ނިންމާލާފަ އެވެ. 58 މެމްބަރުންގެ ވޯޓާއެކު އެ ބިލު ބަލައިގެންނެވިއިރު ދިރާސާކުރުމުގެ މަސައްކަތް ކުރާނީ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ނެވެ.