ENGLISH

07 ޖުލައި 2025

Advertisement

ކާޑެއްދޫ އެއާޕޯޓުގެ ޙާލަަތާމެދު މެންބަރު ސަޢުދު ކަންބޮޑުވުން ފާޅުކުރައްވައިފި

11 ފެބްރުއަރީ 2025

|

ޝިފްޒާން އަޙްމަދު

ގދ.ކާޑެއްދޫ އެއާޕޯޓުގެ ޙާލަތު ވަރަށް ބޮޑަށް ހީނަރުވެފައިވާކަން ފާހަގަކުރައްވައި، އެއާޕޯޓުގެ ކަންކަން ރަނގަޅަށް ނުބެލެހެއްޓޭކަމުގެ ކަންބޮޑުވުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ޙިލްމީ ފާޅުކުރައްވައިފިއެވެ. 

ތިނަދޫ އެއާޕޯޓުގެ ފެންވަރު ދަށްވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ މައްސަލަ ދިރާސާކުރުމަށް މިއަދު ބޭއްވި މަޖިލީހުގެ އިޤުތިޞާދީ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސަޢުދުﷲ ވިދާޅުވީ އެ މައްސަލާގައި މިހާރު ކުރަން އޮތް އެންމެ މުހިއްމު މަސައްކަތަކީ އެ އެއާޕޯޓު ހިންގާ ވިލާ އެއާ ހާޒިރުކޮށް އެ ކުންފުނީގެ ބަހެއް ހޯދުން ކަމަށެވެ. 

އެ މައްސަލާގައި މަޖިލީހަށް ހާޒިރުކުރުމުން ސިވިލް އޭވިއޭޝަން އޮތޯރިޓީން ވިދާޅުވެފައިވަނީ އެ އެއާޕޯޓުގެ ޙާލަތު ދެނެގަތުމަށް އެސެސްމެންޓެއް އެ އިދާރާއިން ހައްދަވާފައިނުވާ ކަމަށެވެ.

އަދި ސަޢުދުﷲ އިތުރަށް ވިދާޅުވި ގޮތުގައި ކާޑެއްދޫ އެއާޕޯޓުގައި ކަންކަން ހުރީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޤަވާޢިދުތަކަށް ފެތޭ ގޮތަށް ނޫންކަމަށެވެ. 

"ޙަޤީޤަތަކީ އެސެސްމެންޓެއް ހަދައިފިއްޔާމުން މިހާރުވެސް ފުލައިޓު ޖައްސަން ނުދޭހާ ހިސާބުގައި އެތާނގެ ފެންވަރު އޮތީ. ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޤަވާޢިދާ ތަޢާރަޟުވާ ގޮތަށް ކަންތައްތަކެއް އެބަހުރި. ފެންސުޖެހުމާއި ކަންތައްތައް އެބަހުރި. މިހާރުވެސް ރަންވޭ މައްޗަށް ކޮންމެ މީހަކަށްވެސް އެރޭ ގޮތަކަށް ހެދިފައި އޮތީ. ތަން އެއްވެސް ގޮތަކަށް ބަލަހައްޓައިނުލެވޭ. ރަންވޭވެސް ބަލަހައްޓައިނުލެވޭ ހިސާބުގައި މިއުޅެނީ. " - ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ޙިލްމީ

ސަޢުދުﷲ އިތުރަށް ވިދާޅުވީ ދައުލަތުގެ މުދަލެއް ބެލެހެއްޓުމަށް ބަޔަކާ ޙަވާލުކޮށްފިނަމަ އެތަނެއް އެކަށީގެންވާ ގޮތެއްގައި އެކަމާ ޙަވާލުވި ބަޔަކު ބަލަަހައްޓަމުންދާކަން ކަށަވަރުކުރުމަކީ ދައުލަތުން އަދާކުރަންޖެހޭ ޒިންމާއެއްކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ. 

އަދި ކާޑެއްދޫ އެއާޕޯޓަކީ ރާއްޖެއަށް ދުނިޔޭގެ އެކި ޤައުމުތަކުން އަންނަ ފަތުރުވެރިންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ބޭނުންކުރާ ތަނެއްކަން ސަޢުދު ފާހަގަކުރެއްވިއެވެ. ގދ.ގައި ހުރި ރިސޯޓުތަކަށް ދާ ފަތުރުވެރިންގެ ވަރަށް ގިނަ މީހުން އެ އަތޮޅަށް ދަނީ ކާޑެއްދޫ އެއާޕޯޓު މެދުވެރިކޮށެވެ. 

އެ އެއާޕޯޓަށް އަންނަ ފަތުރުވެރިން ފުރަތަމަވެސް ވަންނަންޖެހޭ ތަނަކީ އެއާޕޯޓުގެ އޮންއެރައިވަލް ހޯލުކަން ފާހަގަކުރައްވަމުން ސަޢުދު ވިދާޅުވީ އެތަނުގެ ޙާލަތުވެސް އޮތީ ވަރަށް ގޯސްކޮށް ކަމަށެވެ. އަދި ޓާމިނަލުން ނުކުމެގެން ބަނދަރާ ހަމައަށް ދާގީނާ ގެންދާ ޓްރޮލީގެ ޙާލަތުވެސް ވަރަށް ދެރަވަރުކަން ސަޢުދު ފާހަގަކުރެއްވިއެވެ. 

"ކާޑެއްދޫ އެއާޕޯޓުގެ ސަބަބުން ރާއްޖޭގެ ތަޞައްވުރަށް ބަދަލުތަކެއް އަންނަ ވާހަކަ. އެއީ ކާޑެއްދޫ އެއާޕޯޓަށް ދަތުރުކުރޭ ވަރަށް ގިނަ ޤައުމުތަކުގެ ފަތުރުވެރިން. ފަތުރުވެރިން ދަތުރުކުރާއިރު ފަތުރުވެރިން ބޯޓުން ފައިބައިގެން ގޮސް ވަންނަން މިޖެހެނީ އެރައިވަލް ހޯލަށް. އެރައިވަލް ހޯލުގެ ކަންތައްތައްވެސް ހުރީ ވަރަށް ދެރަވަރުކޮށް. " - ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ޙިލްމީ

އެ އެއާޕޯޓު މިހާރު ބަލަހައްޓަމުންދާ ވިލާ އެއާއިން އެތަން ކުރިއެރުވުމަށް އެކަށީގެންވާ ގޮތަކަށް މަސައްކަތްކުރާކަމަށް ދެކެވަޑައިނުގަންނަވާކަން ފާހަގަކުރައްވަމުން ސަޢުދުﷲ ވިދާޅުވީ އެއެއާޕޯޓަކީ ކުރިން އިންސާނީ ވަސީލަތުގެ ގޮތުން މުއްސަނދި ތަނެއްގެ ގޮތުގައި ކުރިން އޮތް ނަމަވެސް އެތަނުގައި ތިބި ތަޖުރިބާކާރު މުވައްޒަަފުން އެތަނުން ވަކިވަމުން ގޮސް މިހާރު ތަޖުރިބާކާރު މުވައްޒަފުންވެސް އެތަނުގައި ވަރަށް މަދު ކަމަށެވެ. 

އެއާޕޯޓު ހިންގުމުގައި ހުރި ވަރަށް ގިނަ މައްސަލަތައް ފާހަގަކުރައްވައި ސަޢުދުﷲވަނީ އެއާޕޯޓުގެ ޙާލަތު ރަނގަޅުކުރުމަށް ކޮންމެހެން މަސައްކަތްކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ. އަދި އެ ޙާލަތުގައި އެއާޕޯޓު ބޭއްވުމަކީ ދައުލަތަށް އޮތް ޚިޔާރެއް ނޫންކަމަށްވެސް ސަޢުދު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު