ENGLISH
07 ޖުލައި 2025
ޤާސިމްގެ ޙަޔާތުނާމާ ފޮތާއި އަޑުފޮތް ނެރުއްވައިފި
11 ފެބްރުއަރީ 2025
|
ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމްގެ ޙަޔާތްޕުޅުގެ މައްޗަށް ލިޔެފައިވާ ބަޔޯގްރަފީ ނެރެފިއެވެ.
ރާއްޖޭގެ އެންމެ މަޝްހޫރު ވިޔަފާރިވެރިންގެ ތެރޭގައި ހިމެނިވަޑައިގަތުމުގެ އިތުރަށް ދައުލަތުގެ މުހިއްމު މަޤާމުތައް އަދާކުރައްވައި ޤައުމަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ، ޤާސިމްގެ ހަޔާތްޕުޅާ ގުޅޭ ތަފްސީލީ ވާހަކަތަކެއް ހިމެނޭ ފޮތް ލިޔުއްވާފައިވަނީ މަޝްހޫރު ނޫސްވެރިޔާ އަދި ބަޔޮގްރަފީ ލިޔުންތެރިޔާ މުޙައްމަދު ޖަމީލެވެ.
ވިލާ ކޮލެޖުގައި ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ޤާސިމްގެ ބަޔޮގުރަފީ ނެރެދެއްވީ ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކޮށްދެއްވާފައިވާ ކުރީގެ ވަޒީރު އިލްޔާސް އިބްރާހީމެވެ. މި ރަސްމިޔާތުގައި ސިޔާސީ ދާއިރާގައި އާއި ވިޔަފާރީ ދާއިރާގައި މަސައްކަތްކުރައްވާ ގިނަ ބޭފުޅުންތަކެއް ބައިވެރިވަޑައިގެންނެވި އެވެ. އޭގެ އިތުރުން ޤާސިމްގެ އާއިލާގެ މެމްބަރުން މި ރަސްމިޔާތުގައި ބައިވެރިވެވަޑައިގެންނެވި އެެވެ.
ޤާސިމްގެ ބަޔޯގްރަފީގެ ހާޑްކަވަރު އެޑިޝަނުގެ އިތުރުން، އޭނާގެ ޙަޔާތްޕުޅުގެ އެކި ދައުރުގެ ފޮޓޯތަކާއެކު، ބަޔޯގްރަފީގެ އަޑު ފޮތް ހިމެނޭ ވެބްސައިޓެއް ރޭ އިފުތިތާޙުކުރައްވާފައިވެއެވެ.
ޤާސިމްގެ ބަޔޮގްރަފީގައި އޭނާގެ އެންމެ ތުއްޕުޅުއިރުގެ ހަނދާންތަކުން ފެށިގެން ހަޔާތްޕުޅުގެ ތަފާތު އެކި ދައުރުތަކުގެ ވާހަކަތައް ގެނެސްދީފަ އެވެ. އޭގެ ތެރޭގައި ވިޔަފާރި އާއި ސިޔާސީ މައިދާނުގައި ކުރެއްވި މަސައްކަތްޕުޅުގައި ކުރެއްވި ތަޖުރިބާތަކާއި އެކި ހާދިސާތައް މި ފޮތުގައި ހިމަނާފައިވެ އެވެ.
ޤާސިމް އިބްރާހިމަކީ ރާއްޖޭގެ ކާމިޔާބު ވިޔަފާރިވެރިއެކެވެ. އަދި ރައްޔިތުންގެ ހާއްސަ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ ޤާސިމަކީ މިހާރުވެސް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރެވެ. އޭގެ އިތުރުން އޭނާ ވަނީ ރައީސުލް ޖުމްހޫރިއްޔާގެ މަގާމަށް ތިން ފަހަރެއްގެ މަތިން ކުރިމަތިލައްވާފަ އެވެ.