ENGLISH

07 ޖުލައި 2025

Advertisement

ކުރީ ސަރުކާރުތަކަށް ޙައްލުނުވި މަސް އޮޑިފަހަރުގެ ކިއު ޙައްލުކުރައްވާނެކަމުގެ ޔަޤީންކަން މިނިސްޓަރު ދެއްވައިފި

11 ފެބްރުއަރީ 2025

|

ޝިފްޒާން އަޙްމަދު

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް

ކަަޅުބިލަމަހުގެ މަސްވެރިކަންކުރާ އޮޑިފަހަރު މަސް ކިރުވުމަށް ކިއުގައި ޖެހެންޖެހޭ މައްސަލައަކީ ކުރީ ސަރުކާރުތަކަށް ޙައްލުނުކުރެވުމުގެ ސަބަބުން މި ސަރުކާރަށް ވާރުތަވި މައްސަލައެއްކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައި އެ މައްސަލަ މި ސަރުކާރުން ޙައްލުކުރައްވާނެކަމުގެ ޔަޤީންކަން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފު ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝިޔާމު ވިދާޅުވީ ސަރުކާރުން މިހާރު ކުރައްވަމުންދާ މަސައްކަތްތައް ނިމޭއިރު މަސްވެރިންނަށް އެއްވެސް ދަތިކަމެއް ނެތި މަސް ކިރުވައިލެވޭނެ ކަމަށެވެ. 

މިނިސްޓަރު އިތުރަށް ވިދާޅުވީ މިހާރު މަސް ކިރުވުމަށް ކިއުގައި ޖެހިގެން ބައެއް އުޅަނދުފަހަރު އަންނައިރު ކުރިން އަންދާޒާކުރި މިންވަރަށް، މަސް ނެތުމުން އެ ދޯންޏާ ޖެހިގެން ކިއުގައި އޮންނަ ދޯންޏަށް ތަންކޮޅެއް އަވަހަށް ގޮވައިލެވޭނެ ކަމަށެވެ. 

"ހުރިހާ ސަރުކާރުތަކަކުން މި ކިޔު ނައްތައިލުމަށް އެއްވެސް މަސައްކަތެއް ކުރެވިފައި ނެތީތީ ކިޔުގައި ދޯނިތައް އެ ތިބީ. ރަނގަޅު ވާހަކަފުޅެއް. ކިޔު ނަމްބަރު އެބަ ދެވޭ. ކިޔު ނަމްބަރު މިދެވެނީ ދޯންޏަކުން ގުޅާފަ ތިމަންނަ މެން މި އަންނަނީ އޭ ކޫއްޑޫ ބަނދަރަށް މަސްކިރަން ތިމަންނަ މެންގެ އެބަ ހުއްޓޭ 40 ޓަނު ނޫނީ 50 ޓަނު. ދެން ކޫއްޑޫއިން މި ރިޒާވް ކުރަނީ 50 ޓަނު. އެކަމަކު ބަނދަރާ ހިސާބަށް އާދެވޭއިރު ގިނަ ފަހަރު މި ހުންނަނީ 20 ޓަނު. ހުރީމަ ދެވަނަ ދޯންޏަށް ތަންކޮޅެއް އަވަހަށް ކިޔު ނަމްބަރު އެބަ ދެވޭ" - މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމު

ޝިޔާމު އިތުރަށް ވިދާޅުވީ މި މަހުގެ 30 ވަނަ ދުވަހާ ހަމައަށް ކިއު ނަންބަރު ދޫކޮށްފައި ހުރި ނަމަވެސް މަސް ކިރުވޭ މިންވަރު ހަލުއިވުމާއެކު އެ ކިއުގައި ހުރި ހުރިހާ އުޅަނދަކަށް މިއަދާއި މާދަމާގެ ނިޔަލަށް ޚިދުމަތް ދީ ނިންމައިލެވޭނެ ކަަމަށެވެ. 

މިފްކޯއަށް މަސް ކިރުވުމުގައި ކުރިމަތިވާ ގޮންޖެހުންތަކަށް އަލިއަޅުވައިލައްވަމުން ޝިޔާމު ވިދާޅުވީ ކުރީ ސަރުކާރުގައި މަސް ކިރުވުމަށް މިފްކޯއަށް ގަނެފައި ހުރި އޮޑިފަހަރުގެ އެފިޝިއެންސީ ވަރަށް ދަށް ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ޖަޒީރާ ބޯޓުތަކުގެ ތެރެއިން ގިނަ ބޯޓުތައް އޮޕަރޭޓުނުކުރެވޭތީ އެ ބޯޓުތައް މަރާމާތުކޮށް މަސްވެރިކަން އެންމެ ތިޔާގިވާ ދުވަސްވަރު އޮޕަރޭޝަނަށް ނެރުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. 

މިނިސްޓަރު ވިދާޅުވި ގޮތުގައި ޖަޒީރާ ބޯޓުތަކުގެ ތެރެއިން ދެ ބޯޓެއް ޚިދުމަތަށް ނެރުމަށް މި މަހުގެ 12 އަދި 13 ވަނަ ދުވަހު ކުރެވޭ މަސައްކަތުން އެ ދެ ބޯޓު ޚިދުމަތަށް ނެރުވުމުން މިހާރު އޮތް ކިއުއަށް ވަރަށް ބޮޑު ޙަލެއް ލިބޭނެ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ. 

"މިދިޔަަ ސަރުކާރުގައި މިފްކޯއަށް ގަނެފައި ހުރި ބޯޓުތައް ވަރަށް އެފިޝިއަންސީ ދަށް. ގިނަ ބޯޓުތައް މިހުރީ އޮަޕަރޭޝަނުން ބޭރުގައި. ޖަޒީރާ-2، ޖަޒީރަ-3 ގެ މަރާމާތުގެ މަސައްކަތް ފަށައިފިން ސީޒަނަށް ވާއިރަށް އޮޕަރޭޝަނަށް ގެނެވޭތޯ. މާދަމާއާއި އަނެއް ދުވަހު މަސައްކަތްކޮށްގެން މި ދެ ބޯޓު އޮޕަރޭޝަނަށް ގެނެވޭނެ. އެހެންކަމަށްވެއްޖެއްޔާ މިހާރު އޮތް ކިއުއަށް ވަރަށް ބޮޑު ޙައްލެއް ލިބޭނެ. " - މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމު

މިފްކޯއަށް ދުވާލެއްގެ މައްޗަށް ކިރުވޭނީ 420 ޓަނުގެ މަސްކަން ފާހަގަކުރައްވައި ޝިޔާމު ވިދާޅުވީ މިދުވަސްވަރު ގިނަ ދުވަސްދުވަހު އެ ޢަދަދަށް މަސްކިރުވާ ކަމަށެވެ. އަދި ބައެއް ދުވަސްދުވަހު 450 ޓަނުގެ މަސްވެސް ކިރުވަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. 

ޝިޔާމު އިތުރަށް ވިދާޅުވީ މަސްވެރިކަމުގެ ޞިނާޢަތުގެ ތަރައްޤީއަށް މިހާރު ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަން މަސްވެރިން ކިއުގައި ޖެހެންނުޖެހޭ ޙާލަތަށް މަސްވެރިކަން ތަރައްޤީކުރައްވާނެ ކަމަށެވެ. އަދި މިފަހަރަކީ މަސްވެރިން ކިއުގައި ޖެހެންޖެހޭ ފަހު ފަހަރުކަމަށްވާނެ ކަމުގެ ޔަޤީންކަން މިނިސްޓަރު ދެއްވިއެވެ. 

"މަސްވެރިންނަށް އެއްވެސް އުދަގުލަކާ ނުލައި، ކިތަންމެ މަސްވެރިކަން ރަނގަޅަސް ކިއުގައި ނުޖެހި މަސް ކިރުވޭނެ ޙާލަތަށް ދިވެހިރާއްޖޭގެ މަސްވެރި ޞިނާޢަތުގެ ޙާލަތު އަޅުގަނޑުމެން ގެންނާނަން" - މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމު

މަސްވެރިކަމުގެ ޞިނާޢަތް އިތުރަށް ތަރައްޤީކުރެއްވުމުގެ ގޮތުން މަސް ރައްކާކުރުމުގެ ޤާބިލުކަމާއި، މަސް ދަޅުގައި ބަންދުކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް މުޅި ރާއްޖެ ހިމެނޭ ގޮތަށް ބޮޑު މަޝްރޫޢެއް ސަރުކާރުން ގެންދަވަނީ ހިންގަވަމުންނެވެ. 

މި މަޝްރޫޢުތައް ނިމިގެންދާއިރު މިހާރު ރާއްޖޭގައި މަސް ރައްކާކުރެވޭ މިންވަރަށްވުރެ އެތައް ގުނައެއް އިތުރަށް މަސް ރައްކާކުރެވި ދުވާލެއްގެ މައްޗަށް ދަޅުގައި މަސް ބަންދުކުރެވޭ މިންވަރުވެސް ވަރަށް ބޮޑަށް އިތުރުވާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު