ENGLISH
07 ޖުލައި 2025
އޭސީސީގެ ނައިބަކަށް އެހެން ބޭފުޅަކު އައްޔަނުކުރަން ހުށަހަޅުއްވައިފި
11 ފެބްރުއަރީ 2025
|
ޢަބްދުﷲ ނާޝިދު
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ނައިބު ރައީސްކަމުގެ މަޤާމަށް އައްޔަނުކުރެއްވުމަށް އެހެން ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވައިފި އެވެ.
އޭސީސީގެ ނައިބަކަށް އައްޔަނުކުރުމަށްޓަކައި ރައީސް އިއްޔެ މަޖިލީހަށް ހުށަހެޅުއްވީ އެ ކޮމިޝަނުގެ މެމްބަރަކަށް ދާދިފަހުން އައްޔަނުކުރެވުނު އަހުމަދު ނާޝިދުގެ ނަމެވެ.
އެހެންނަމަވެސް އެ ނަން އަނބުރާ ގެންދަވައި ރައީސް ފޮނުއްވި ސިޓީ މިއަދުގެ ޖަލްސާގައި އިއްވާފައިވާއިރު އެމަނިކުފާނު އެދިވަޑައިގެންނެވީ އިއްޔެ ހުށަހެޅުއްވި ނަމުގެ ބަދަލުގައި އެ ކޮމިޝަނުގެ މެމްބަރަކަށް ހުންނެވި އަބްދުﷲ ނާޝިދުގެ ނަން ދިރާސާކޮށް ފާސްކޮށްދެއްވުމަށެވެ.
އެއަށްފަހު، ރިޔާސަތުން ވަނީ އެ މައްސަލަ ދިރާސާކުރުމަށްޓަކައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވާފަ އެވެ.
އަބްދުﷲ ނާޝިދާއި އަހުމަދު ނާޝިދު އޭސީސީއަށް އައްޔަނުކޮށްފައިވަނީ ހުސްވި ޖެނުއަރީ މަހުގެ 26 ގަ އެވެ.
އިންޑިއާގެ ރީޖަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން އިން މާސްޓަރ އޮފް އެޑިއުކޭޝަން ޙާޞިލްކުރައްވާފައިވާ ޢަބްދުﷲ ނާޝިދަކީ އާސަންދަ ކުންފުނީގެ އެކި ޑިޕާޓްމަންޓުގެ މެނޭޖަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.
އަބްދުﷲ ނާޝިދުގެ އިތުރުން ދެން އޭސީސީގައި ތިއްބަވަނީ އެ ކޮމިޝަންގެ ރައީސް އާދަމް ޝާމިލްއާއި، މެމްބަރު އަހުމަދު ނާޝިދާއި، ޝަޒްނާ ހާޝިމްގެ އިތުރުން ޝިޔާމާ މުހައްމަދެވެ.