ENGLISH

07 ޖުލައި 2025

Advertisement

މަސްވެރިކަމުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ސަރުކާރުން ބޮޑެތި އެހީތަކެއް ވެދެއްވަނީ

11 ފެބްރުއަރީ 2025

|

ޝިފްޒާން އަޙްމަދު

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމު، ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މަސްވެރިކަމުގެ ޞިނާޢަތުގައި ޙަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ސަރުކާރުން ބޮޑެތި އެހީތެރިކަމެއް ދެއްވުމަށް ތައްޔާރުވެވަޑައިގަންނަވަމުންދާކަމަށާއި، ފާއިތުވި މުއްދަތުގައިވެސް ކުރީގެ އެއްވެސް ސަރުކާރަކުން ފޯރުކޮށްދީފައިނުވާ މިންވަރަށް ފަރުމަހުގެ މަސްވެރިކަމުގެ ވިޔަފާރިތަކަށް މި ސަރުކާރުން އެހީތެރިކަން ދެއްވާފައިވާކަމަަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފު ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަން މަޖިލީހަށް ހާޒިރުވެވަޑައިގެން ޝިޔާމު ވިދާޅުވެފައިވަނީ މަސްވެރިކަމުގެ ޞިނާޢަތުގައި ޙަރަކާތްތެރިވާ އަމިއްލަ ވިޔަފާރިތަކަށް އެކަށީގެންވާ މިންވަރުގެ ކުރިއެރުމެއް ޙާޞިލުނުވެ އޮތުމަކީ ޙަޤީޤަތެއް ކަމަށެވެ.

އިދިކޮޅު އެމްޑީޕީގެ ސަރުކާރު ނިންމައިލީ މަސްވެރިކަމުގެ ޞިނާޢަތުގައި ޙަރަކާތްތެރިވާ އަމިއްލަ ވިޔަފާރިތަކުގެ ޙާލަތު އިތުރަށް ގޯސްވިކަން ފާހަގަކުރައްވަމުން ޝިޔާމު ވިދާޅުވީ، ރިޔާސީ އިންތިޚާބާ ދިމާކޮށް މަސް ކިލޯއެއް މިފްކޯއަށް ގަންނަ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް ބޮޑުކުރުމުގެ ސަބަބުން މަސްވެރިކަމުގެ އުފެއްދުންތައް އުފައްދާ ހުރިހާ ވިޔަފާރިއެއްހެން ބަނގުރޫޓުވެގެންދިޔަަ ކަމަށެވެ. 

"ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރާއި ދެވަނަ ބުރުގެ ދެމެދުގައި 17 ރުފިޔާއަށް ހުރި މަހުގެ އަގު 25 ރުފިޔާއަށް ޙަޤީޤަތުގައި ބަދަލުކުރި ބަދަލުކުރުން ވެގެންދިޔައީ، ދެންމެ ޢިއްޒަތްތެރި މެންބަރު ތިޔަ ފާހަގަކުރެއްވީ މަސްވެރިކަމުގެ އުފެއްދުންތައް އުފައްދާ ފަރާތްތައް، ހުރިހާ ފަރާތްތަކެއް ކަަހަލަ ގޮތަކަށް ބަނގުރޫޓުވެގެންދިޔަ (ކަމަަކަށް). މިފްކޯ، ދައުލަތުގެ ކުންފުނިން އެކަނި މަސް ގަނެވޭ ޙާލަތަށް ބަދަލުކުރުވި ނިންމުމެއް އެއީ ރިޔާސީ އިންތިޚާބުގެ ދެ ބުރުގެ މެދުގައި މަހުގެ އަގު ކިލޯއެއް 25 ރުފިޔާއަށް ޖެއްސުން. " - މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމު

ޝިޔާމު އިތުރަށް ވިދާޅުވީ މަސްވެރިކަމުގެ ޞިނާޢަތުގައި ޙަރަކާތްތެރިވާ ވިޔަފާރިތަކަށް އުންމީދު ލިބިގެންދިޔައީ މަސް ކިރުވާ އަގު މުރާޖަޢާކޮށް ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ހުރި މިންވަރުގެ މައްޗަށް ބިނާކޮށް އަގު ކަނޑައެޅުމުގެ ސަބަބުން ކަމަށެވެ. އަދި އެބަދަލާއެކު މަސް ހިއްކައި ކައްކައި ވިޔަފާރިކުރާ ފަރާތްތަކަށް މަސް ލިބޭނެ އިންތިޒާމު ހަމަޖެހުނުކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. 

މިނިސްޓަރު ވިދާޅުވީ 25 ރުފިޔާއަށް މަސް ގަންނަން ފެށުމުން މަސްވެރިކަމުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރެވޭނެ މަސައްކަތެއް ނެތި، ކުރެވިފައި ހުރި ބޮޑެތި އިންވެސްޓުމެންޓުތަކާއެކު މަސްވެރިކަމުގެ ވިޔަފާރިތައް ދަރަނިވެރިވެގެންދިޔަ ކަމަށެވެ. 

މި ސަރުކާރުން މަސްވެރިކަމުގައި ޙަރަކާތްތެރިވާ ވިޔަފާރިތަކަށް އެހީތެރިވުމަށް ކުރިއަށްގެންދަވާ މަސައްކަތްތައް ތަފުޞީލުކޮށްދެއްވަމުން ޝިޔާމު ވިދާޅުވީ އުކައިލާ މަހުގެ ބާވަތްތަކުން ފައިދާ ހޯދޭނެ އުފެއްދުންތައް އީޖާދުކުރުމަށް އެހީތެރިވެދެއްވުމަށް ވޯލްޑް ބޭންކުގެ އެހީގައި 8.3 މިލިއަން ޑޮލަރު ހަމަޖެހިފައިވާ ކަމަށެވެ. 

އަދި މަހުގެ އުފެއްދުންތައް އުފައްދާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އައު އުފެއްދުންތައް ބާޒާރަށް ނެރުމަށް ހިތްވަރުދިނުމުގެ ގޮތުން 1.8 މިލއަން ޑޮލަރު ނުވަތަ 27.7 މިލިއަން ރުފިޔާ ހަމަޖައްސަވާފައިވާ ކަމަށާއި، އެ ޕްރޮގުރާމުގެ ދަށުން ހިންގާ ޕްރޮޖެކްޓުތަކުގެ 40 އިންސައްތަ ހިލޭ އެހީގެ ގޮތުގައި ހަމަޖެހޭނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. 

އޭގެ އިތުރަށް މަސް ހިއްކައި ކައްކާ ފަރާތްތަކަށް ޚާއްޞަކޮށްގެން މިނިސްޓްރީގެ ރިވޯވިން ފަންޑުގެ ތެރެއިން 18 މިލިއަން ރުފިޔާގެ ލޯނު ދޫކުރެއްވުމަށް މޯލްޑިވްސް އިސްލާމިކް ބޭންކާއެކު މަސައްކަތްކުރައްވަމުންދާކަމަށް ޝިޔާމު ވިދާޅުވިއެވެ. 

"މިހާރުވެސް މިނިސްޓްރީގެ ރިވޯލްވިން ފަންޑުން 18 މިލިއަން ރުފިޔާގެ ލޯނު ސީދާ މަސް ކައްކާ ހިއްކާ ފަރާތްތަކަށް ދޫކުރުމަށް އިސްލާމިކް ބޭންކާއެކު މިވަނީ މަސައްކަތް ފަށާފައި. މިއީ ފެށުމެއް. އަޅުގަނޑުމެންގެ ސަރުކާރުގައި ރަށްފުށުގައި މަސައްކަތްކުރާ އަތޮޅު ތެރޭގައި މަސައްކަތްކުރަ ފަރާތްތަކަށް ޚާއްޞަކޮށް މަސް ކިއްކާ ހިއްކުމުގެ މަސައްކަތުގައި އުޅުއްވާ ފަރާތްތައް އަޅުގަނޑުމެންގެ ސަރުކާރުގައި ބާކީނުކުރާނެ " - މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމު

ފަރުމަސްވެރިންގެ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކާ ގުޅޭ ގޮތުން މެންބަރު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝިޔާމު ވިދާޅުވީ، ހަފުތާ 14 ގައި ހިމެނިގެން ފަރުމަސް ގަނެ އެތެރެއާއި ބޭރުގެ ބާޒާރުތަކަށް ފަރުމަސް ނެރޭ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވައިލި މާލީ ފެސިލިޓީއަކީ މިހާތަނަށް އެއްވެސް ސަރުކާރަކުން ފަރުމަސްވެރިކަމަށް ޚާއްޞަކޮށްގެން ހުޅުވައިލި އެންމެ ލުއި މާލީ ފެސިލިޓީކަމަށެވެ. 

"އެއީ ދިހަ އަހަރުން ދައްކާ ގޮތަށް 700،000 ރުފިޔާއާ ހިސާބަށް އެއްވެސް ރަހުނެއް ނެތި ވަރަށް ދަށް އިންޓަރެސްޓު ރޭޓުގައި، އެއީ ފަސް ޕަސެންޓު އިންޓަރެސްޓު ރޭޓުގައި، މީގެ ކުރިން ދުވަހަކުވެސް ފަރުމަސްވެރިންނަށް އަދި މަސްވެރިންނަށްވެސް މިހާ ލުއިކޮށް އެއްވެސް ފެސިލިޓީއެއް  ދޫކުރެވިފައިނުވާކަން އަޅުގަނޑު ފާހަގަކުރަން. " - މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމު

ޝިޔާމު ވިދާޅުވި ގޮތުގައި އެ ޕްރޮގުރާމުގެ ދަށުން 62 ފަރާތަކަށް ފައިސާ ދޫކުރަން ކަނޑައަޅުއްވައި،  އެ ޕްރޮގުރާމަށް 30 މިލިއަން ރުފިޔާ ޚާއްޞަކުރެއްވުމަށްފަހު މިހާރު އެ ފަރާތްތަކަށް އެ ޕްރޮގުރާމުގެ ދަށުން، ފަރުމަސްވެރިކަން ކުރިއެރުވުމަށް އެހީތެރިވެދެއްވުމުގެ ގޮތުން ފައިސާ ދޫކުރައްވަމުން އެބަދެއެވެ. 

ބައެއް މަސްވެރިންނަށް ތެލުގެ ސަބްސިޑީ ނުދޭ ސަބަބުތަކާ ގުޅޭ ގޮތުން ވާހަކަދައްކަވަަމުން ޝިޔާމު ވިދާޅުވީ ތެލުގެ ސަބްސިޑީ ދޭން ފެށީ ފާއިތުވި ސަރުކާރުން ކަމަށެވެ. އަދި އެ ފައިސާ ދޫކުރާނެ ގޮތުގެ އުޞޫލުވެސް އެކަށައެޅީ އެއިރުކަން ފާހަގަކުރައްވައި ޝިޔާމު ވިދާޅުވީ އެ އުޞޫލުގެ ދަށުން ތެލުގެ ސަބްސިޑީ ލިބޭނީ ޤަވާޢިދެއްގެ ދަށުން ލައިސެންސް ނަގައިގެން މަސްވެރިކަންކުރާ އުޅަނދުފަހަރަށް އެކަނި ކަމަށެވެ. 

ޝިޔާމު އިތުރަށް ފާހަގަކުރެއްވީ ފަރުމަސްވެރިކަން ރާވައި ހިންގުމުގެ ޤަވާޢިދު ގެޒެޓުކުރެވޭ މަރުޙަލާއަށް ދިއުމަށްފަހު ކުރީ ސަރުކާރުން އެ ޤަވާޢިދު ގެޒެޓުކޮށްފައިނުވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން އެ ޤަވާޢިދު ޝާއިޢުކޮށް، ފަރުމަސްވެރިންނަށް ސަބްސިޑީވެސް ލިބޭނެ ގޮތް މިހާރު ހަމަޖެހިފައިވާކަމަށް ޝިޔާމު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު