ENGLISH

22 އޭޕްރީލު 2025

Advertisement

ރޯދަ މަހަށް ޒަރޫރީ މުދާ އެތެކުރުން ފަސޭހަކުރަން މަޝްވަރާކޮށްފި

10 ފެބްރުއަރީ 2025

|

ޢަލީ ޝަހީމް

މިނިސްޓަރ މުޙައްމަދު ސަޢީދު މިއަދު އިދާރާތަކާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން.

ރޯދަ މަހަށް ރާއްޖެ އެތެރެކުރާ ޒަރޫރީ މުދާ ކްލިއަރ ކުރުން ފަސޭހަކުރުމާއި ގުޅޭގޮތުން، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު އިދާރާތަކާއެކު މިއަދު މަޝްވަރާކުރައްވައިފިއެވެ. 

މިނިސްޓަރު މުޙައްމަދު ސަޢީދު މަޝްވަރާކުރެއްވީ މޯލްޑިވްސް ޕޯރޓްސް ލިމިޓެޑާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ އިތުރުން މޯލްޑިވްސް ސްޓޭޓް ޝިޕިންގ އަދި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން އަދި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއެވެ. 

އެ އިދާރާތަކުގެ އިސް ބޭފުޅުންނާއިއެކު ބޭއްވެވި ބައްދަލުވުމުގައި، ރޯދަ މަހަށް ރާއްޖެ އެތެރެކުރާ ޒަރޫރީ މުދާ އެތެރެކުރުން ފަސޭހަ ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދެވޭނެ ގޮތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވައިފައެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވެވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިމަހުގެ 6 ވަނަ ދުވަހު ވާހަކަފުޅު ދައްކަވަމުން ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށް، ދިރިއުޅުމުގެ ޚަރަދުތައް އިތުރުވިޔަނުދީ ހިފެހެއްޓުމަކީ އިޤްތިޞާދީ ސިޔާސަތުތަކުގެ އެންމެ މުހިއްމު އެއް އަމާޒު ކަމަށެވެ. އެގޮތުން، ބާޒާރުގައި ތަކެތީގެ އަގު ހިފެހެއްޓުމުގެ ގޮތުންނާއި ރައްޔިތުން ބޭނުންވާ މުދާ މެދުކެނޑުމެއްނެތި ލިބެން ހުންނާނެކަން 1445 ވަނަ އަހަރުގެ ރޯދަ މަހު ކަށަވަރުކުރެއްވި ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. 

ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކުރިއަށް އޮތް ރަމަޟާން މަހުގައިވެސް، ބާޒާރުގެ އަގުތައް ބޮޑުނުވާނެ ގޮތަށް، އަގުތައް ހިފެހެއްޓުމަށް އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާކަން ހާމަކުރައްވައިގައެވެ.

މިނިސްޓަރު މުޙައްމަދު ސަޢީދު މިއަދު ބޭއްވެވި މަޝްވަރާ ބައްދަލުވުމަކީވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިގޮތަށް، ރޯދަ މަހަށް ރާއްޖެ އެތެރެކުރާ ތަކެތި މެދުނުކެނޑި ލިބެން ހުންނާނެކަން ކަށަވަރުކުރެއްވުމުގެ ގޮތުން ބޭއްވެވި ބައްދަލުވުމެކެވެ. ކުރިއަށް އޮތް 1446 ވަނަ އަހަރުގެ ރޯދަ މަސް ފަށާނީ މާރިޗު 1 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު