ENGLISH

22 އޭޕްރީލު 2025

Advertisement

އާ ޓާމިނަލް ޖުލައި މަހު ހުޅުވޭތޯ މަސައްކަތްކުރަނީ

10 ފެބްރުއަރީ 2025

|

އާމިނަތު މައިހާ

މަޓީގެ 35ވަނަ އަހަރީ އާންމު ޖަލްސާގެ ތެރެއިން / ފޮޓޯ: މަޓީ

އަންނަ ޖުލައި މަހު އާ ޓާމިނަލް ހުޅުވުމަކީ އަމާޒުކަމަށާއި އެކަން ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވިދާޅުވެއްޖެއެވެ.

އެމްއޭސީއެލްއިން މިފަދައިން ވިދާޅުވީ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ތަމްސީލުކުރާ އެންމެ ބޮޑު ޖަމިއްޔާ ކަމަށްވާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ 35 ވަނަ އަހަރީ އާންމު ޖަލްސާގައެވެ.

ތާވަލާ އެއްގޮތަށް މަސައްކަތް ކުރިއަށްދާނަމަ އަންނަ ޖުލައި މަހަށް އާ ޓާމިނަލްގެ މަސައްކަތް ނިންމާލެވޭނެކަމުގެ ޔަޤީންކަން އެމްއޭސީއެލް އިން ދީފައިވެއެވެ. މަޓީގެ އޭޖީއެމްގައި ޓާމިނަލްގެ މަސައްކަތް ކުރިއަށްދާ ގޮތް ދައްކުވައިދޭ ޕްރެޒެންޓޭޝަނެއް އެމްއޭސީއެލް އިން ހުށަހަޅާފައިވެއެވެ. 

ޕްރެޒެންޓޭޝަން ހުށަހަޅުއްވާ އެމްއޭސީއެލްގެ ޑެޕިޔުޓީ ޗީފް އޮފިސަރު އިބްރާހިމް އަލީ ހަބީބު ވިދާޅުވީ، ޖުލައި މަހަށް މަަސައްކަތް ނިންމާލެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ. ހަމައެހެންމެ 'އާލީ ޗެކް-އިން'ގެ ޚިދުމަތާއި 'އާލީ ބެގޭޖު ސްޓޯރޭޖު'ގެ ޚިދުމަތް ވެސް އާ ޓާމިނަލްގެ ޚިދުމަތާއެކު ފެށޭނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ. 

އާ ޓާމިނަލް ވެގެންދާނީ އެއާޕޯޓު ތޮއްޖެހުމުގެ މައްސަލައަށް ބޮޑު ހައްލަކަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާން އިއްވަވަމުން ވަނީ އޮކްޓޯބަރު މަހުގެ ކުރިން އާ ޓާމިނަލް ހުޅުވޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު