ENGLISH

22 އޭޕްރީލު 2025

Advertisement

ޑަބްލިޔުޑީސީގެ މެމްބަރުންނަށް ރޯދަ އިނާޔަތް ލިބޭގޮތަށް އިސްލާހު ހުށަހަޅައިފި

10 ފެބްރުއަރީ 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ރައީސުލްޖުމްހޫރިއްޔާ އދ. ދަގަނެތި ކައުންސިލްއާ ބައްދަލު ކުރައްވަނީ: އަންނަ ރަމަޟާން މަހުން ފެށިގެން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ރަމަޟާން މަހުގެ އިނާޔަތް ދެއްވަން ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދަނގެތީގައި ވާހަކަފުޅު ދައްކަވަމުން. --ފޮޓޯ: ރައީސް އޮފީސް

ވިމެންސް ޑިވެލޮޕްމަންޓް ކޮމެޓީ (ޑަބްލިޔުޑީސީ) ތަކުގެ މެންބަރުންނަށް ރޯދަމަހުގެ އިނާޔަތް ދޭން ސަރުކާރުގެ ފަރާތުން ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

އިދާރީ ދާއިރާތަށް ލާމަރުކަޒި އުސޫލުން ހިންގުމުގެ ގާނުނަށް މި އިސްލާހު ހުށައެޅުއްވީ ޕީއެންސީގެ މެމްބަރެއްކަމަށްވާ މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރެވެ.

މި އިސްލާހާއެކު އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންނަށް ޕޭ ކޮމިޝަނުން އެކަށީގެންވާ އުޖޫރައެއް ކަނޑައަޅައި، އެހެން ގާނޫނެއްގެ ދަށުން ރަމަޟާން މަހުގެ އިނާޔަތް ނުލިބޭ މެންބަރުންނަށް 3،000 ރުފިޔާގެ ރޯދަ އިނާޔަތް ލިބޭނެއެވެ.

މީގެ އިތުރުން ބިލުގައި ވަނީ ކައުންސިލްތަކަށް ސަރުކާރުން ދޫކުރާ ހިލޭ އެހީގެ ދަށުން ޑަބްލިއުޑީސީ ހަރަކާތްތަކަށް ފައިސާ ދޫކުރުން ފަސޭހަ ކުރުމަށާއި އެ ކޮމިޓީގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ވެސް ބައެއް އިސްލާހުތައް ހުށަހަޅައިފަ އެވެ.

މުސާރަ އާއި ލިވިން އެލަވަންސްގެ ގޮތުގައި ސިޓީ ކައުންސިލްތަކުގެ ޑަބްލިއުޑީސީގެ ރައީސަށް 7،000ރ. އަދި ނައިބު ރައީސަށް 6،500ރ. މިހާރު ލިބެ އެވެ. މެމްބަރަކަށް ކަނޑައަޅާފައި ވަނީ 6،000ރ. އެވެ.

ރަށު ކައުންސިލްތަކުގެ ރައީސަށް 6،000ރ. އާއި ނައިބު ރައީސަކަށް 5،500ރ. އާއި މެމްބަރަކަށް 5،000ރ. ވަނީ ކަނޑައަޅައިފަ އެވެ.

އަންހެނުންގެ ކޮމިޓީތަކުގެ ހިންގާ ގަވާއިދަށްވެސް މި އިސްލާހުގެ ސަބަބުން ބަދަލުތަކެއް އަންނާނެއެވެ.

އެގޮތުން، މި  އިސްލާހުގެ ދަށުން ކައުންސިލްތަކަށް ސަރުކާރުން ދޭ ހިލޭ އެހީގެ %5 ޚާއްސަކުރަންޖެހޭނީ އަންހެނުންގެ ކޮމިޓީތަކުގެ މަސްއޫލިއްޔަތުތައް ފުރިހަމަ ކުރުމަށެވެ. އަދި، އެ ފައިސާގެ ތެރެއިން ފުރަތަމަ ދެ ކުއާޓަރުގައި ހިންގަން ރާވާފައިވާ ކަންކަމަށް ބޭނުންވާ ފައިސާ، ކައުންސިލަށް ފައިސާ ލިބޭތާ 30 ދުވަހުގެ ތެރޭގައި ކޮމިޓީއާ ހަވާލުކުރަންޖެހޭއިރު، ބާކީ ފައިސާ ހަވާލުކުރަންޖެހޭނީ އެލްޖީއޭއިން ހަދާ ގަވާއިދެއްގެ ތެރެއިންކަމަށް އިޞްލާހުގައިވެއެވެ.

އަންނަ ރަމަޟާންމަހުން ފެށިގެން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ރަމަޟާންމަހުގެ އިނާޔަތް ދެއްވަން ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު އދ. ދަނގެތީގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ޑަބްލިޔުޑީސީގެ މެންބަރުނަށް ޢިނާޔަތްތައް ލިބޭގޮތަށް ލާމަރުކަޒީ ޤާނޫނާއި ވަޒީފާއާބެހޭ ޤާނޫނަށް އިސްލާހު ގެނައުމަށް މި އަންނަ އަހަރުގެ ފެބަރުއަރީ މަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ، މި އަހަރު ޕޭ ހާމަނައިޒް ކުރެވިގެން މުސާރަ ބޮޑުވެގެންދާ ސިވިލް ސާވިސްގެ މުވައްޒަފުންނާއި، ޖުޑިޝަރީގެ މުވައްޒަފުންނާއެކު ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަ ވެސް ހާމަނައިޒްކުރެވި ބޮޑުކުރައްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު