ENGLISH
22 އޭޕްރީލު 2025
ނަތަންޔާހޫގެ ޒިންމާދާރުކަންކުޑަ ވާހަކަތައް ރާއްޖެއިން ކުށްވެރިކޮށްފި
09 ފެބްރުއަރީ 2025
|
އިޒްރާއީލްގެ ބޮޑުވަޒީރު ނަތަންޔާހޫ: ފަލަސްތީނާ ގުޅޭގޮތުން ނަތަންޔާހޫ ދެއްކި ވާހަކަތައް ރާއްޖެއިން ވަނީ ކުށްވެރިކޮށްފައި.
ފަލަސްތީނުގެ ދައުލަތް ސައުދީ އަރަބިއާގައި ޤާއިމްކުރުން ރަނގަޅުވާނެކަމަށް ބުނެ އިޒްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ދެއްކި ޒިންމާދާރުކަން ކުޑަ ވާހަކަތައް ހަރުކަށި އިބާރާތުން ރާއްޖެއިން ކުށްވެރިކޮށްފިއެވެ.
ނަތަންހާޔޫ ވަނީ ސައުދީ އަރަބިއާގައި ބޮޑެތި ބިންތައް ހުރިކަމަށް ބުނެ، ފަލަސްތީނުގެ ރައްޔިތުން އެދޭނަމަ އެތަނުން ބިމެއްގައި ފަލަސްތީނުގެ ދައުލަތް ޤާއިމްކޮށްދިނުން ރަނގަޅުވާނެ ކަމަށް ބުނެފައެވެ.
ޚާރިޖީ ވުޒާރާއިން މިއަދު އާއްމުކުރެއްވި ބަޔާނުގައި ވިދާޅުވީ، ނަތަންޔާހޫ ދެއްކި ޒިންމާދާރުކަން ކުޑަ ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި، އެއީ ސައުދީ އަރަބިއާގެ މިނިވަންކަމަށް އަރައިގަތުމުގެ އިތުރުން އެއީ ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުތަކާ ދެކޮޅު ހެދުމުގެ ޢަމަލެއް ކަމަށެވެ.
ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ، ނަތަންހާޔޫގެ ވާހަކަތަކަކީ ސައުދީ އަރަބިއާގެ މިނިވަންކަމަށް ނުރައްކާފަދަ ވާހަކަތަކެއް ކަމަށާއި، އެއީ އދ. ގެ ޗާޓަރާ ވެސް ހިލާފުވާކަމެއް ކަމަށެވެ. އަދި، އެފަދަ އެއްވެސް ކަމެއް ރާއްޖެއިން ބަލައިނުގަންނާނެކަމަށް ޚާރިޖީ ވުޒާރާއިން އާއްމުކުރި ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.
ފަލަސްތީނުގެ ރައްޔިތުންގެ ހަމަޖެހުމަށް ނުރައްކާވާ ގޮތަށް ނަތަންޔާހޫ ދައްކާފައިވާ ވާހަކަތަކަށް ފިޔަވަޅު އަޅަން ބައިނަލްއަޤްވާމީ މުޖުތަމަޢަށް ރާއްޖެއިން ވަނީ ގޮވާލައިފައެވެ.
ޚާރީޖީ ވުޒާރާގެ ބަޔާނުގައި ވިދާޅުވީ، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމަށް ރާއްޖެއިން ބަލައިގަންނަ ކަމަށެވެ. އަދި، ފަލަސްތީނުގެ މިނިވަންކަމަށް އަބަދުވެސް ތާއީދުކޮށް އެ ޤައުމުގައި ރައްޔިތުންގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ރާއްޖެއިން އަބަދުވެސް ތާއިދުކުރާނެ ކަމަށް ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ފަލަސްތީނުގެ ޣައްޒާއަށް ފާއިތުވެދިޔަ 15 މަސް ދުވަހު ޢުދުވާނީ ޙަމަލާތައް ދިނުމަށްފަހު، އެއްބަސްވުމެއްގެ ދަށުން އިޒްރާއީލުން މިވަގުތަށް ވަނީ ހަމަލާތައް މެދުކަނޑާލައިފައެވެ. ހަމަލާތައް މި ވަގުތަށް މެދުކަނޑާލި ނަމަވެސް، ފަލަސްތީނުގެ މިނިވަންކަން ނިގުޅައިގަނެ އެ ބިމަށް ވެރިވެގަތުމުގެ ވާހަކަތައް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ނަތަންޔާހޫ އަންނަނީ ދައްކަމުންނެވެ.