ENGLISH

22 އޭޕްރީލު 2025

Advertisement

ސަރުކާރުގެ ސިޔާސަތުތަކާއެކު ޗައިނާ ފަތުރުވެރިންގެ ޢަދަދު 70.7 އިންސައްތަ އިތުރުވެއްޖެ

09 ފެބްރުއަރީ 2025

|

ޝިފްޒާން އަޙްމަދު

ރާއްޖެއަށް އަންނަ ޗައިނާ ފަތުރުވެރިންގެ ޢަދަދު އަންނަނީ އަހަރުން އަހަރަށް އިތުރުވަމުން

މި އަހަރުގެ ޖަނަވަރީ އެއްވަނަ ދުވަހުން ފެށިގެން ފެބްރުއަރީ ފަސް ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް ޒިޔާރަތްކުރި ޗައިނާ ފަތުރުވެރިންގެ ޢަދަދު 70.7 އިންސައްތަ އިތުރުވެފައިވާކަން ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. 

ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިން އިތުރުވެފައިވާއިރު، ޤައުމީ އެއާލައިން މޯލްޑިވިއަންއަށް ގެނައި ވައިޑް ބޮޑީ އެއާކްރާފްޓާއެކު ޗައިނާގެ އެންމެ ބޮޑު ސިޓީތަކުގެ ތެރޭގައި ހިމެނޭ ބެއިޖިންއާއި ޝެންހާއީއާއި ޗެންޑޫއަށް ޤައުމީ އެއާލައިނުން ސީދާ ދަތުރުތައް ފަށާފައިވެއެވެ. އެއާއެކު ޗައިނާއިން ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު އިތުރުވިއެވެ. 

އޭގެ އިތުރަށް ޗައިނާއިން އަންނަ ފަތުރުވެރިންނަށް ފަސޭހަވާނެ ގިނަ ސިޔާސަތުތަކެއް ފާއިތުވި މުއްދަތުގައި ސަރުކާރުން ތަޢާރަފުކުރައްވާފައިވެއެވެ. އޭގެ ތެރޭގައި ޗައިނާގައި މަޝްހޫރޫ ވީޕޭ ރާއްޖޭގައި ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސެވުން ހިމެނެއެވެ. 

މި ސިޔާސަތުތަކުގެ ނަތީޖާއެއްގެ ގޮތުން މި އަހަރުގެ ޖަނަވަރީ އެއްވަނަ ދުވަހުން ފެބްރުއަރީ ފަހެއްގެ ނިޔަލަށް ޗައިނާއިން 43،206 ފަތުރުވެރިން އައިސްފައިވެއެވެ. ފާއިތުވި އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް ޗައިނާއިން ޒިޔާރަތްކުރީ 25،303 ފަތުރުވެރިންނެވެ. އެހެންކަމުން މި އަހަރުގެ އެ މުހުލަތުގައި އެ ޤައުމުން ރާއްޖެއަށް އައި ފަތުރުވެރިންގެ ޢަދަދު 70.7 އިންސައްތަ އިތުރުވެފައިވެއެވެ. 

އޭގެ އިތުރަށް ދެވަނައަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމުކަމަށްވާ ރަޝިޔާއިން މި އަހަރު އައި ފަތުރުވެރިންގެ ޢަދަދުވެސް ނިމުނު އަހަރު އެ ޤައުމުން އައި ފަތުރުވެރިންގެ ޢަދަދަށްވުރެ އިތުރުވެފައިވެއެވެ. ނިމުނު އަހަރު އެ ޤައުމުން އައީ 22،576 ފަތުރުވެރިންނެވެ. މި އަހަރު އެ ޤައުމުން 24،494 ފަތުރުވެރިން އައިސްފައިވާއިރު އެއީ ނިމުނު އަހަރަށްވުރެ 8.4 އިންސައްތަ އިތުރު ޢަދަދެކެެވެ. 

މި ދެ ޤައުމުގެ އިތުރަށް އިޓަލީވިލާތާއި އިނގިރޭސިވިލާތުން ރާއްޖެއަށް އައި ފަތުރުވެރިންގެ ޢަދަދުވެސް ނިމުނު އަހަރާ އަޅާބަލާއިރު އިތުރުވެފައިވެއެވެ. އެގޮތުން ނިމުނު އަހަރު އިޓަލީން 22،436 ފަތުރުވެރިން އައިސްފައިވާއިރު މި އަހަރު އައި އިޓަލީ ފަތުރުވެރިންގެ ޢަދަދު 4.4 އިންސައްތަ އިތުރުވެފައިވެއެވެ. އިނގިރޭސިވިލާތުން ފާއިތުވި އަހަރު 18،598 ފަތުރުވެރިން އައިސްފައިވާއިރު 22،237 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. 

ފާއިތުވި އަހަރު ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ޒިޔާރަތްކުރިއިރު މި އަހަރަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ އަމާޒަކީ 2.2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެންނެވުމެވެ. އެކަމަށް ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރެއްވުމަށް ތައްޔާރުވަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު