ENGLISH
07 ޖުލައި 2025
މަސްވެރިކަމާ ދުރަށްދިޔަ ދޯނިތައް އަލުން މަސްވެރިކަމުގެ ތެރެއަށް އަންނަ ފަށައިފި : މިނިސްޓަރ ޝިޔާމް
09 ފެބްރުއަރީ 2025
|
މަސްވެރިން ކިރުވާ މަހަށް އަވަހަށް ފައިސާ ދޫކުރަން ފެށުމުން، މަސްވެރިން ކިރުވާ މަހަށް ފައިސާ ނުދީ ގިނަ ދުވަސްވާތީ މަސްވެރިކަމާ ދުރަށް ދިޔަ ޒުވާނުންނާއި ބައެއް ދޯނިފަހަރު އަލުން މަސްވެރިކަމުގެ ތެރެއަށް އަންނަން ފަށާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަޙުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.
އެމްއެމްޓީވީގެ ބޮޑު ޚަބަރު ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން މަސްވެރިކަމާ ބެހޭ ވަޒީރު، ޝިޔާމް ވިދާޅުވީ މަސްވެރިން ބާނާ ބަހަށް ލަސްނުކޮޮށް ފައިސާ ދޫކުރަން ފެށުމާ ގުޅިގެން އޭގެ ކުރިން މަސްވެރިންނަށް ފައިސާ ދޫނުކޮށް ލަސްވުމާގުޅިގެން މަސްވެރިކަމާ ދުރަށް ދިޔަ މީހުން އަލުން އެކަމުގެ ތެރެއަށް ވަންނަން ފަށާފައިވާ ކަަމަށެވެ. މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ވެވަޑައިގެންނެވި ރިޔާސީ ވަޢުދެކެވެ. އެއާއެކު މިދިޔަ ޑިސެމްބަރ 8 ވަނަ ދުވަހުން ފެށިގެން ގެންދަނީ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރަމުންނެވެ.
"މިއާއެކު އަޅުގަނޑުމެނަށް މި ފެންނަ ބަދަލަކީ އެއްކަލަ މަސްވެރިކަމާ ދުރަށްދިޔަ ދޯނިތަކާއި، ފަޅުގައި އެޅި ދޯނިތަކާއި ހަމައެއާއެކު މަސްވެރިކަމާ ދުރަށްދިޔަ ޒުވާނުންނާއި ދިވެހި ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ރައްޔިތުން މަސްވެރިކަމަށް އަނބުރާ އެބަ އާދޭ. އެއީ އެ ފައިސާ ލިބޭނެކަން، އެއް ކަމަކަށް މިހާރު އެބަ އޮތް. އަދި މި އަހަރުވެގެން މިދަނީ ﷲގެ އިރާދަފުޅުން މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މަސްވެރިކަން ވަރަށް ތިޔާގި އަހަރަކަށް، ވާތީއާއެކު. އަޅުގަނޑު ދެކޭ ގޮތުގައި މަސްވެރިކަން ތިޔާގިވެފައި އަދި ހަމައެއާއެކީ މަސްވެރިން މަހަށް ނިކުންނަ ކަމަށްވާންޏާއި މަސް ލޭންޑްކުރާވަރު މިތަނަށް އިތުރުވެގެންދޭ. މަސްވެރިކަމަށް ޝައުގުވެރިކަން އިތުރުވެގެން ހިނގައްޖެ. މަހުން ލިބޭ އާމްދަނީ ކޮމިއުނިޓީ ތެރޭގައި އެބަ ސާކިއުލޭޓްވޭ،" މިނިސްޓަރ ވިދާޅުވި އެވެ.
ފެލިވަރު މަސްފެކްޓްރީގައި މިހާރު ހުރީ 50 ޓަނުގެ ކެޕޭސިޓީ ކަމަށާއި އެއީ މީގެ 47 އަހަރުކުރިންވެސް އެތަނުގައި ހުރި ޤާބިލުކަން ކަމުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ނުއަގުގައި މަސްގަނެ ސަރުކާރުން ދެމުންދިޔަ ސަބްސިޑީގެ ފައިދާ ކުރަމުންދިޔައީ މިފްކޯއިން މަސްގަންނަ ބޭރުގެ ކުންފުނިތަކަށް ކަމަށާއި މިފްކޯއަކީ ސަބްސިޑީއަށް ބަރޯސާނުވާ ކުންފުންޏަކަށް ހައްދަވަން ރައީސް ޑރ. މުހައްމަދު މުޢިއްޒު ނިންމެވީ އެހެންވެ ކަމަށް ވެސް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ. މިފްކޯއަކީ ސަރުކާރަށް ބަރޯސާނުވާ ކުންފުންޏަކަށް ހެދުމުން ބޭރުގެ ކުންފުނިތަކުން މަސްވެރިކަމަށް އިންވެސްޓްކުރަން ވެސް ފުރުސަތު ލިބިގެންދާނެކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
"(ރައީސް ބޭނުންފުޅުވީ) މިފްކޯ އެފީޝިއަންޓްކުރައްވަން، މިފްކޯ ސްޓްރީމްލައިންކުރައްވަން،ހަމައެއާއެކު ދިވެހި ރައްޖޭގެ މަހުގެ އަގަކީ ރާއްޖެއިން ބޭރު ދުނިޔޭގެ އަގަށް ރިއާޔަތްކޮށް ކަނޑައަޅާ އަގަކަށް ހައްދަވަން. ނިންމެވީމަ މިވާ ގޮތަކީ 25 ރުފިޔާއަށް ސަރުކާރުން ސަބްސިޑީ ދީގެން މަސް ގަންނަން ފެށީމަ ހުއްޓާލި ކުންފުނިތައްވެސް އަލުން އޮޕަރޭޝަނަށް އައީ. އެ ކުންފުނިތަކަކީ ވެސް އެތައް ޒުވާނުންނެއް އެތައް ބަޔަކު، އެތައް ދިވެހިންނެއް ވަޒީފާއަދާ ކުރަމުންދާ ކުންފުނިތައް. ވަރަށް ބޮޑު ދިރުމެއް މުޅި ސިނާއަތައް ލިބިގެން ހިނގައްޖެ އެ ގެނެވުނު ބަދަލާއެކު"
މިނިސްޓަރު ޝިޔާމް ވިދާޅުވީ މަހަށް ރަނގަޅު އަގެއް ލިބޭނީ މަސް ޕްރޮސެސްކޮށްގެން ރާއްޖެއިން ބޭރަށް ފޮނުވައިގެން ކަމަށް ހުރިހާ ފަރާތްތަކުން ވެސް ޤަބޫލުކުރާ ކަމަށާއި ނަމަވެސް އެކަން ކުރުމަށް ހެޔޮ ނިޔަތެއްގައި އެ ވާހަކަފުޅު ދެއްކެވި ވެރިއަކީ ރައީސް ޑރ. މުޢިއްޒު ކަމަށެވެ. އެގޮތުން ފެލިވަރުގައި ހުރި މަސް ޕްރޮސެސް ކުރެވޭ 50 ޓަނުގެ ކެޕޭސިޓީ 300 ޓަނަށް ބަދަލު ކުރެއްވުމަކީ ރައީސް ޑރ. މުޢިއްޒު ގެންނަވާ އިންޤިލާބީ ބޮޑު ބަދަލެއްކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
މީގެ ކުރީ ސަރުކާރުތަކުން މަސްގަނެވޭ ނިސްބަތް އިތުރުކޮށްފައި ނެތުމުންނާއި މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވާފައި ނެތުމުން ދިމާވެފައިވާ ދަތިތައް އަދިވެސް އެބަ ހުރި ކަމަށާއި އެހެން ނަމަވެސް މި ސަރުކާރުން އެކަން ދަނީ ބަދަލުކޮށް މަސްވެރިންނަށް ފަސޭހަތައް ހޯދާދެމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.