ENGLISH
22 އޭޕްރީލު 2025
މެރިން ރިސާރޗުގެ ޚިދުމަތްތެރިޔާ ޝަކީލް ނިޔާވެއްޖެ، ރައީސްގެ ތަޢުޒިޔާ
09 ފެބްރުއަރީ 2025
|
މޯލްޑިވްސް މެރިން ރިސާރޗް އިންސްޓްޓިއުޓް (އެމްއެމްއާރްއައި) އަށް 40 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ހަސަން ޝަކީލް އަވަހާރަވެއްޖެއެވެ.
ކުއްލި ގޮތަކަށް ޝަކީލް މިއަދު އަވަހާރަވީ އުމުރުން 64 އަހަރުގައެވެ.
ޝަކީލަކީ ރާއްޖޭގެ ކަނޑުގެ ދިރުންތައް އާލާކުރުމުގެ މަސައްކަތް ކުރުމަށް އުފެއްދެވި މެރިން ރިސާޗް ސެކްޝަން އުފެއްދި ދުވަސްވަރު އެ ތަނުގެ އިސް މޭސްތެރިޔާއެވެ.
އެ ދާއިރާއިން ވަރަށް ގިނަ ދިރާސީ މަސައްކަތްތައް ޝަކީލް ވަނީ ކުރައްވައިފައެވެ. ސާޅީހަށް ވުރެ ގިނަ އަހަރު އެ ދާއިރާގައި ޚިދުމަތްކުރެއްވިއިރު އޭނާ ވަނީ މެރިން ސައިންސްގެ ދާއިރާއިން ދިވެހިން ކުރިއެރުވުގެ ގިނަ މަސައްކަތްތަކެއް ކުރައްވައިފައެވެ.
ޝަކީލް އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިޔާ ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ތައުޒިޔާގެ ޕޯސްޓެއްގައި ވިދާޅުވީ މެރިން ރިސާޗް ދާއިރާގައި 40 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިފައިވާ، ހަސަން ޝަކީލް އަވަހާރަވުމަކީ، އެ ދާއިރާއިން ޤައުމަށް ލިބުނު ފޫނުބެއްދޭނެ އުނިކަމެއް ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، ޝަކީލަކީ މަސައްކަތް ކުރެއްވުމުގައި ހީވާގި، ހިތްވަރުފުޅު ގަދަ ބޭފުޅެއް ކަމަށެވެ. އަދި މަރްޙޫމް ހަސަން ޝަކީލްގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި، ތަޢުޒިޔާ ވިދާޅުވެފައިވެއެވެ. ރައީސްގެ މެސެޖު ނިންމަވާލައްވާފައި ވަނީ ސުވަރުގޭގެ ދާއިމީ ނިޢުމަތާއި ރަޙްމަތުގައި، މާތް الله މަރްޙޫމު ޝަކީލުގެ ފުރާނައަށް ލެއްވުމަށް އެދިވަޑައިގެން ދުޢާ ކުރައްވަމުންނެވެ.
ހަސަން ޝަކީލް އަށް ވަނީ މަސްވެރިކަމުގެ ރޮނގުން 1999 ވަނަ އަހަރު ޢާއްމު ޚިދުމަތުގެ އިނާމު ލިބިވަޑައިގެންފައެވެ.
ޙަސަން ޝަކީލު، މެރިން ރިސަރޗް ސެންޓަރުގައި ޚިދުމަތް ކުރައްވަން ފެށްޓެވީ 1990 ވަނަ އަހަރުއެވެ. އެ ސެންޓަރުން ހިންގެވި މަސްވެރިކަމުގެ ގިނަ ތަޙްލީލުތައް ކުރެއްވުމުގައި އިސްވެ ހުންނެވީ ޙަސަން ޝަކީލެވެ. މީގެއިތުރުން، އަމިއްލަ މަދަރުސާއެއްގައި ފިޝަރީޒް ސައިންސްގެ މާއްދާ ޝަކީލު ކިޔަވައިދެއްވިއެވެ. އަދި ރޭޑިޔޯއާއި ނޫސް މަޖައްލާތައް މެދުވެރިކޮށް މަސްވެރިކަމާބެހޭ މަޢުލޫމާތު ޢާއްމުންނަށް ފޯރުކޮށްދެއްވިއެވެ.