ENGLISH
22 އޭޕްރީލު 2025
ސިޔާސަތުތައް ބައްޓަންކޮށްފައިވަނީ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ފުރުޞަތު ފަހިކޮށްދޭން: ޑރ.މުއްޠަލިބު
09 ފެބްރުއަރީ 2025
|
ކޮންސްޓްރަކްޝަން އެންޑް ހައުސިން މިނިސްޓަރު ޑރ.ޢަބްދުﷲ މުއްޠަލިބު
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ބައްޓަންކުރައްވާފައިވަނީ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ފުރުޞަތުތައް ފަހިވާނެ ގޮތަށްކަމަށް ކޮންސްޓްރަކްޝަން، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ޑރ.ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ބުރާސްފަތިދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއްވެވި މި އަހަރުގެ ރިޔާސީ ބަޔާނާ ގުޅޭ ގޮތުން މަޢުލޫމާތު ދިނުމަށް ކުރިއަށްގެންދިޔަ ސިލްސިލާ ފޯރަމްތަކުގެ ތެރެއިން ފުރަތަމަ ފޯރަމުގައި ވާހަކަދައްކަވަމުން މުއްޠަލިބު ވިދާޅުވެފައިވަނީ ބޯހިޔާވަހިކަމުގެ މައްސަލައަކީ ދިވެހިންގެ ފަޤީރުކަމުން އެކަނި މެދުވެރިވެފައި އޮތް މައްސަލައެއް ނޫން ކަމަށާއި، އެ މައްސަލައަކީ އަމިއްލަ ބޯހިޔާވަހިކަމެއް ޤާއިމުކުރުމަށް ބޭނުންވާ ލޯނުތައް ފަދަ މާލީ ވަސީލަތްތައް ފަހިވެފައި ނެތުމުގެ ސަބަބުން ބޯހިޔާވަހިކަމަށް ވާސިލުވެވޭނެ މަގުތައް ނެތިގެން މެދުވެރިވެފައި އޮތް މައްސަލައެއް ކަމަށެވެ.
"ބޯހިޔާވަހިކަމުގެ މައްސަލައަކީ ހަމައެކަނި ދިވެހިންނަކީ ފަޤީރުންނަށްވެގެން ދިމާވެފައި އޮތް މައްސަލައެއް ނޫން. ބޯހިޔާވަހިކަމުގެ މައްސަލައަކީ ދިވެހިންނަށް ދިވެހިން އަމިއްލައަށް ބޯހިޔާވަހިކަން ޤާއިމުކުރުމަށްޓަކައި، ޢިމާރާތްކުރުމަށްޓަކައި ބޭނުންވާ ވަސީލަތްތައް ބޭނުންވާ ފައިސާ، ލޯނު ކަހަލަ އެއްޗެހި ލިބުމަށް ދިމާވެފައިވާ ދަތިތަކާއެކު ހައުސިން އެކްސިސިބިލިޓީ ނެތުމުގެ މައްސަލަ އެންމެ ބޮޑު މައްސަލައަކަށް ދިމާވެފައި އޮތީ" - މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ޑރ.ޢަބްދުﷲ މުއްޠަލިބު
ރައީސް ޑރ.މުޢިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ހުށަހަޅުއްވާފައިވާ ޙައްލަކީ އެ މައްސަލައަށް ބޭނުންވާ ވަށާޖެހޭ ޙައްލެއްގެ ގޮތުގައި ޞިފަކުރައްވަމުން މުއްޠަލިބު ވިދާޅުވީ އެ ޙައްލުގެ އެއް ބަޔަކީ އަމިއްލަ ގެދޮރު ބިނާކުރަން ބޭނުންވާ ފަރާތްތަކަށް އެކަމަށް މަގުފަހިކޮށްދެއްވުން ކަމަށެވެ. އެގޮތުން 5 އިންސައްތައިގެ ފައިދާއަށްވުރެ ބޮޑު ނޫން ފައިދާއެއް ނަގާ ގޮތަށް އިސްލާމީ ޝަރީޢަތުގެ އުޞޫލުތަކާ އެއްގޮތަށް ހައުސިން ލޯނުތައް ދޫކުރެއްވުމުގެ މަޤުޞަދަކީ ގެދޮރު އަމިއްލައަށް ބިނާކުރުމަށް އެހީތެރިވުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މުއްޠަލިބު އިތުރަށް ފާހަގަކުރެއްވީ މިހާރުވެސް ރާއްޖޭގެ ބާޒާރުގައި ހައުސިން ލޯނުތައް އެންމެ ކުޑަ އަގެއްގައިވެސް ލިބެންހުރީ 9 އިންސައްތައިގެ އިންޓަރެސްޓުގައި ކަމެވެ. އެހެންކަމުން ސަރުކާރުގެ ސިޔާސަތާއެކު އަގުހެޔޮކޮށް ހައުސިން ލޯނު ލިބެން ފެށުމުން އަމިއްލަ ގެދޮރު ބިނާކުރުމަށް ކުރަންޖެހޭ ޚަރަދު ވަރަށް ބޮޑު ތަނުން ކުޑަވެގެންދާނެކަމަށް މުއްޠަލިބު ވިދާޅުވިއެވެ.
މުއްޠަލިބު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ދައުލަތުގެ ބަޖެޓުގައި ކުޑަ ފައިދާ ނަގާ ގޮތަށް ހަައުސިން ލޯނު ދޫކުރުމަށް އެއް ބިލިއަން ރުފިޔާ ހިމަނުއްވާފައި އޮތް ސަބަބަކީ އެ ފައިސާ ބޭނުންކޮށްގެން ކޮމާޝަލް ބޭންކުތައް މެދުވެރިކޮށް އެއް ބިލިއަން ރުފިޔާއަށްވުރެ ގިނަ ލޯނު ދޫކުރުމެވެ. ސަރުކާރުން ވިދާޅުވެފައިވާ ގޮތުން މި ފައިސާ މެދުވެރިކޮށް ވިޔަފާރި ބޭންކުތައް މެދުވެރިކޮށް 1.5 ބިލިއަން ރުފިޔާއާއި 2 ބިލިއަން ރުފިޔާއާ ދެމެދުގެ ޢަދަދެއްގެ ހައުސިން ލޯނު ދޫކުރެވޭނެއެވެ.
"ރައީސުލްޖުމްހޫރިއްޔާގެ ވިޝަންއަކީ ކޮންމެ ބަޔަކުވެސް އެބައެއްގެ އަމިއްލަ ބޯހިޔާވަހިކަން ޤާއިމުކުރުމަށްޓަކައި އެހީތެރިކަން ދައުލަތުގެ ތެރެއިން ފޯރުކޮށްދިނުން. އެހެންވީމާ %5 އަށްވުރެ ބޮޑު ނޫން ފައިދާގައި ލޯނު ލިބޭނެ މަގުފަހިކުރުމަށްޓަކައި ދައުލަތުގެ ބަޖެޓުގެ ތެރޭގައި އެހައި ބޮޑު ޢަދަދެއް ހިމަނުއްވާފައިވަނީ. ޙަޤީޤަތުގައި އެ ބައްޓަންވެގެންދިއުމުން އަޅުގަނޑުމެންނަށް ލޯނުތަކާ އެއްޗެހި ދޫކުރެވެން ފެށުމުން ކޮމާޝަލް ބޭންކުތައް މެދުވެރިކޮށް އެއް ބިލިއަނަށްވުރެވެސް ގިނައިން ލޯނު ރައްޔިތުންނަށް ފޯރުކޮށްދެވޭނެ" - މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ޑރ.ޢަބްދުﷲ މުއްޠަލިބު
އަމިއްލަ ގޯތީގައި ގެދޮރު ބިނާކުރެވޭނެ މަގު ފަހިކުރެއްވުމާއެކު ރައީސްގެ ބޯހިޔާވަހިކަމުގެ ތަޞައްވުރުގެ ދެވަނަ ބަޔަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޯހިޔާވަހިކަން ބިނާކުރުމުގެ ބޮޑު މަޝްރޫޢެއް ހިންގެވުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ ތަޞައްވުރާ އެއްގޮތަށް 12،000 އަށްވުރެ ގިނަ ހައުސިން ޔުނިޓު އެޅުމަށް މިހާރު ޓެންޑާއަށް ހުޅުވާލައްވާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އިތުރަށް ފާހަގަކުރެއްވީ ކޮންޓްރެކްޓާގެ އަމިއްލަ ފައިނޭންސިންގައި އަދި ދައުލަތުގެ ޚަރަދުގައި ނުވަތަ ކޮންޓްރެކްޓަރު ހަމަޖައްސާ ފައިނޭންސިންގައި ހައުސިން މަޝްރޫޢުތައް ހިންގޭ ގޮތަށް ޓެންޑާއަށް ހުޅުވާލާފައިވާއިރު މި މަޝްރޫޢުތައް ހިންގުމަށް ދައުލަތުގެ ބަޖެޓުގައި މި އަހަރަށް 1.5 ބިލިއަން ރުފިޔާ ހިމަނުއްވާފައިވާ ކަމެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގުމަށް ތަފާތު ފައިނޭންޝަލް މޮޑެލްތައް ބޭނުންކުރެވޭ ގޮތަށް މަޝްރޫޢުތައް އެކުލަވައިލެއްވުމުގެ ބޭނުމަކީ ވީހާވެސް ގިނަ މަޝްރޫޢެއް ހިންގުމަށް ފުރުޞަތު ފަހިކުރެއްވުންކަން ފާހަގަކުރައްވަމުން ޑރ.މުއްޠަލިބު ވިދާޅުވެފައިވަނީ އެ މަޝްރޫޢުތަކުގައި އެންމެ ބޮޑަށް އިސްކަންދެނީ އާބާދީއާއި ތަރައްޤީ އެއްފަސްކުރެވޭ ގޮތަށް ކަމަށެވެ. މިސާލެއްގެ ގޮތުން ކުޅުދުއްފުށީ ސިޓީއަކީ އެރަށަށް އެހެން ރަށްތަކުން މީހުން ހިޖުރަކުރާ ރަށެއްކަން ފާހަގަކުރައްވަމުން މުއްޠަލިބު ވިދާޅުވީ އެ ރަށުގައި 2،000 ހައުސިން ޔުނިޓު އެޅުމުން އެ ރަށުގައި ދިރިއުޅޭ މީހުންގެ އިތުރަށް އެ ރަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ މީހުންނަށްވެސް އެކަމުގެ މަންފާ ލިބޭނެ ކަމަށެވެ.
"1.5 ބިލިއަން ރުފިޔާ ބޭނުންކޮށްގެން ވީހާވެސް ގިނަ މަޝްރޫޢު ގެންދެވޭނެ މަގުފަހިކުރުމަށްޓަކަައި މިދެންނެވި ފައިނޭންޝަލް މޮޑެލްތައް ބޭނުންކޮށްގެން ކުރިއަށްގެންދެވޭ ގޮތަށް މި ކަނޑައެޅީ. އެގޮތުން ކުރިއަށްގެންދާއިރު ވަރަށް ބޮޑަށް އިސްކަންދެނީ އާބާދީއާއި ތަރައްޤީ އެއްފަސްކުރެވޭ ގޮތަށް ކުރިއަށްގެންދަން. " - މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ޑރ.ޢަބްދުﷲ މުއްޠަލިބު
މުއްޠަލުބު ވިދާޅުވީ ރައީސް އެކުލަވާލައްވާފައިވާ ސިޔާސަތުތަކުގައި ހިމެނެނީ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކުރުމަށް ކުރެވޭނެ ތަފާތު އެކި މަސައްކަތްތައް ކަމަށެވެ. އަދި އެ ހުރިހާ މަސައްކަތްތަކެއްގެ މައިގަނޑު އަމާޒަކީ ބޯހިޔާވަހިކަން ލިބުމުގެ ފުރުޞަތު ނެތް އެއްވެސް ދިވެއްސަކު ނުހުންނާނެކަން ކަށަވަރުކުރުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިއަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީގެ ދަށުން 1.8 ބިލިއަން ރުފިޔާގެ ހައުސިން މަޝްރޫޢު ހިންގުމަށްވަނީ ކަނޑައަޅުއްވާފައެވެ. އޭގެ އިތުުރަށް އަލަތު ގެދޮރު އަޅަން ބޭނުންވާ ފަރާތްތަކަށާއި، އަޅާފައި ހުރި ގެދޮރު މަރާމާތުކުރަން ބޭނުންވާ ފަރާތްތަކާއި، އަޅަން ފަށައި ނުމިހުރި ގެދޮރުގެ މަސައްކަތް ނިންމަން ބޭނުންވާ ފަރާތްތަކަށް ލުއި ލޯނު ދޫކުރުމަށް އެއް ބިލިއަން ރުފިޔާ ބަޖެޓުގައި ޚާއްޞަކުރައްވާފައިވެއެވެ.