ENGLISH

17 އޭޕްރީލު 2026

Advertisement

ކައުންސިލް އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓުލުން މާދަމާ

17 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ނިމިދިޔަ ކައުންސިލް އިންތިހާބުގެ ތެރެއިން. ފޮޓޯ؛ ޕީއެސްއެމް

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ދެ ވަނަ ބުރުގެ ވޯޓުލުން މާދަމާ އޮންނާނެ އެވެ. 

ދެވަނަ ބުރެއް ބާއްވަން ނިންމާފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ އިންތިޚާބު 2026 ގެ ގަވާއިދުގައިވާ ގޮތުގެ މަތިން އިންތިޚާބުކުރަންޖެހޭ މެންބަރުންގެ ޢަދަދަށް ވުރެ ގިނަ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައިވާތީ އެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ އިތުރުބުރު ބާއްވަނީ ބ. ދޮންފަން ކައުންސިލްގެ އަންހެނުންނަށް ޙާއްސަކޮށްފައިވާ ގޮނޑި އަދި ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެންބަރު (އަންހެނުންނަށް ޙާއްސަކޮށްފައިވާ ގޮނޑި) ގެ ގޮނޑި އެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުބުރު ބާއްވަނީ ހއ. ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް، ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު އަދި ލ. މާވަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ އިތުރު ބުރުގެ ވޯޓު ނެގުމަށް ހަމަޖައްސާފައިވާ ދާއިރާތަކުގައި ވޯޓު ނެގުން އޮންނާނީ، މާދަމާ ހެނދުނު 8:00 ން ހަވީރު 4:00 އަށެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހު އެވެ.

މި އިންތިހާބުގައި ޖުމްލަ 14 ވޯޓު ފޮށި ބަހައްޓާނެ އެވެ. އެއީ ދެވަނަ ބުރަށް ދިޔަ ދާއިރާތަކާއި މާލޭގަ ބަހައްޓާ ވޯޓު ފޮށިތަކެވެ. އެގޮތުން، ކެލާ އާއި މާވަށް އަދި ފުވައްމުލައް ދަޑިމަގު އަވަށުގެ ތެރެއިން ކޮންމެ ރަށެއްގައި ދެ ފޮށި، ނޭކުރެންދޫ އާއި ދޮންފަނުގެ ތެރެއިން ކޮންމެ ރަށެއްގައި ފޮއްޓެއް ބަހައްޓާނެ އެވެ. މި ދާއިރާތަކަށް މާލޭގައި ހަ ވޯޓު ފޮށި ބަހައްޓާނެ އެވެ. މީގެ ތެރޭގައި ކެލާ އަދި ދޮންފަނުގެ ރައްޔިތުން ވޯޓުލުމަށް ހާއްސަކޮށްފައިވާ ފޮށިތައް ބަހައްޓާނީ ތާޖުދިއްދީން ސްކޫލުގަ އެވެ. ނޭކުރެންދޫ އާއި މާވަށުގެ ވޯޓުފޮށިތައް ހިރިޔާ ސްކޫލުގައި ބަހައްޓާއިރު ފުވައްމުލަކު ދަޑިމަގު އަވަށުގެ ވޯޓުފޮށި ދަރުމަވަންތަ ސްކޫލުގައި ބެހެއްޓުމަށް ވަނީ ނިންމާފަ އެވެ. 

މި ފޮށިތަކުގައި 6093 މީހަކު ރަޖިސްޓްރީވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އެގޮތުން، ކެލާ އިންތިހާބުގައި 1729 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭއިރު ނޭކުރެންދޫ އިންތިހާބުގައި 1،056 މީހުންނަށް، ދޮންފަނު އިންތިހާބުގައި 441 މީހުންނަށް، މާވަށު އިންތިޚާބުގައި 1،556 މީހުންނަށް އަދި ފުވައްމުލަކު ދަޑިމަގު އަވަށުގެ އިންތިހާބުގައި 1،311 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ. 

މާދަމާ ވޯޓުލުން ކުރިއަށްދާއިރު މިއަދު އިރުއޮއްސި 6:00 ޖެހުމުން ފެށިގެން އާދިއްތަ ދުވަހު ހެނދުނު 6:00 ޖެހުމާހަމައަށް ކެމްޕެއިން ކުރުން މަނާވާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު