ENGLISH

22 އޭޕްރީލު 2025

Advertisement

ޑިމޮކްރަސީގައި މަޤުބޫލުކަން މިނާނީ ވޯޓުން؛ ސަރުކާރަށް ތާއީދު އެބައޮތް

09 ފެބްރުއަރީ 2025

|

ޝިފްޒާން އަޙްމަދު

2024 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގެ ކެމްޕެއިނުގެ ތެރެއިން، ފޮޓޯ: ހަތާވީސް

މިހާރަކަށް އައިސް އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ލީޑަރުން އެންމެ ބޮޑަށް ދައްކަވާ ވާހަކަފުޅަކީ ސަރުކާރަށް ތާއީދު ނެތް ވާހަކައެވެ. ބައެއް ބޭފުޅުން ވިދާޅުވާ ގޮތުން ކޮންމެ ދިހަ ދިވެހިންގެ ތެރެއިން ނުވަ ދިވެހިން ތިބީ ސަރުކާރާ ނުރުހިފައެވެ. މި ވާހަކަފުޅަކީ ޢިލްމީ ދިރާސާއެއްގެ މައްޗަށް ނުވަތަ ސާވޭއެއްގެ މައްޗަށް ބިނާކުރައްވައި ދައްކަވާ ވާހަކަފުޅެއް ނޫނެވެ. 

އިދިކޮޅު ފަރާތްތަކުން ސަރުކާރަކީ ރައްޔިތުންގެ ތާއީދު ނެތް ޣައިރު މަޤުބޫލު ސަރުކާރެއްގެ ގޮތުގައި ޞިފަކުރަމުން ދިޔަ ނަމަވެސް، ސަރުކާރުގެ މަޤުބޫލުކަން މިނެކުރާނެ ހަރުދަނާ މިންގަނޑެއް ޑިމޮކްރެޓިކް ނިޒާމުގައި އޮވެއެވެ. އެއީ އިންތިޚާބުތަކެވެ. ސަރުކާރެއް ޤާއިމުވުމަށްފަހު، ބާއްވާ ކޮންމެ އިންތިޚާބަކީ އެ ސަރުކާރެއްގެ މަޤުބޫލުކަން ރިވެލިވާނެ އިންތިޚާބެކެވެ. ސަރުކާރަށް ލިބޭ ނާކާމިޔާބަކީ ސަރުކާރުގެ މަޤުބޫލުކަން ހީނަރުވެފައި އޮތްނަމަ އެކަން ދައްކުވައިދޭނެ ކަމެވެ. އިންތިޚާބުތަކުން ލިބޭ ކާމިޔާބުތަކުން ދައްކުވައިދޭނީ އެ ސަރުކާރަކަށް ރައްޔިތުންގެ އޮތް އިތުބާރާއި ތާއީދެވެ. 

މިދެންނެވި މިންގަނޑުން ބަލާލާއިރު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވި ފަހުން ބޭއްވި ހުރިހާ އިންތިޚާބުތަކެއްގެ ނަތީޖާ ދައްކައިދެނީ ސަރުކާރަށް އޮތް ތާއީދެވެ. އޭގެ އިތުރަށް އިންތިޚާބުތަކުގެ ނަތީޖާތަކުން އިދިިކޮޅު މައި ޕާޓީގެ ޙާލަތުވެސް ވަރަށް ރަނގަޅަށް ދައްކުވައިދެއެވެ. 

އިއްޔެ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވި ބައި-އިލެކްޝަންތަކަށް ބަލާއިރު, 37 ދާއިރާއެއްގެ ބައި-އިލެކްޝަން އިއްޔެ ބޭއްވިއެވެ. މި 37 ބައި-އިލެކްޝަނުގެ ތެރެއިން 24 ދާއިރާއަކަށް އެމްޑީޕީއަށް ކެންޑިޑޭޓުން ނުނެރެވުނެވެ. މާނައަކީ ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު، އަދި އެންމެ ދިގު ތާރީޚެއް އޮތް ސިޔާސީ ޕާޓީގެ އެތެރޭގެ އިންތިޒާމުތައް ހީނަރުވެ ބަލިކަށިވުމުގެ ސަބަބުން އެ ޕާޓީއަށް ގިނަ ގޮނޑިތަކަށް ވާދަނުކުރެވި އިންތިޚާބަކާ ނުލައި އެ ގޮނޑިތައް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީއަށް ދޫކޮށްލުމެވެ. 

މިއީ މި އިންތިޚާބުން އަލަށް ފެނުނު މަންޒަރެއް ނޫނެވެ. ފާއިތުވި ވެރިކަމުގައި އެމްޑީޕީގެ ލީޑާޝިޕަށް އައި ބަދަލާއެކު، ޕާޓީގެ ހިންގުން ވަރަށް ބޮޑަށް ހީނަރުވެ، ސަރުކާރުގައި ތިބެ ބައެއް އިންތިޚާބުތަކަށް ކެންޑިޑޭޓުން ނުނެރެވި އިންތިޚާބަކާ ނުލައި އެއިރުގެ އިދިކޮޅު ޕީޕީއެމް/ޕީއެންސީއަށް ކާމިޔާބުވެގެންދިޔައެވެ. އެއިރު ވަރަށް ގިނަ ދަތިތަކާއެކު ސިޔާސީ މަސައްކަތްކުރަމުން އައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ކޮންމެ ބައި-އިލެކްޝަނަކަށް ކެންޑިޑޭޓުން ނެރެއެވެ. އަދި ކައުންސިލުތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތަކުގެ ތެރެއިން ގިނަ ބައި-އިލެކްޝަންތަކެއް އެ ކޯލިޝަނުން ދިޔައީ ކާމިޔާބުކުރަމުންނެވެ. 

2024 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގެ ކެމްޕެއިނުގެ ތެރެއިން، ފޮޓޯ: ހަތާވީސް 

އެއިރު ބައި-އިލެކްޝަންތަކުގެ ތެރެއިން އެމްޑީޕީގެ މައިގަނޑު ފޯކަސް ހުއްޓިފައި އޮތީ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަންތަކަށެވެ. އެ އިންތިޚާބުތައް އެ ޕާޓީން ކާމިޔާބުކުރިވެސްމެއެވެ. ނަމަވެސް އެ އިންތިޚާބުތައް ކާމިޔާބުކުރި ގޮތުގެ ވާހަކައަކީ ނުދައްކައި ދޫކޮށްލެވޭ ފަދަ ވާހަކައެއް ނޫނެވެ. ށ.ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާ ގުޅިގެން ދެ ކޮމަންޑޫ ގުޅުވައިލުމުގެ މަޝްރޫޢެއް ބަޖެޓުގެ ބޭރުން ފެއްޓެވިއެވެ. ދާއިރާގެ ކޮންމެ ރަށެއްގައި ގިނަ ޢަދަދެއްގެ ވަޒީފާތައް އުފެއްދިއެވެ. މުޅި ސަރުކާރާއި އެއިރު ސަރުކާރު ހިންގާ އިއްތިޙާދުގައި ހިމެނޭ ހުރިހާ ޕާޓީއެއްގެ ވެރިން ދާއިރާއަށް ފާބާވަޑަައިގެން ކެމްޕެއިން ކުރެއްވިއެވެ. 

ހަމައެހެންމެ ކ.ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުގައިވެސް އައު މަޝްރޫޢުތައް އިޢުލާނުކުރެއްވުމާއި، ވަޒީފާ ބެހުމާއި ފައިސާގެ ނުފޫޒު ފޯރުވުން ފަދަ އެތައް ނޭނގާނީ ކަމެއް އެމްޑީޕީން ހިންގިކަމަށް އެއިރު ތުހުމަތުކުރެވުނެވެ. އެކަންކަމުގެ ހެކިތައް އޯޑިޔޯ އަދި ވީޑިޔޯއާއެކު ބައެއް މީޑިޔާއިން ދިވެހިންނާ ހަމައަށް ތަފުޞީލީ ގޮތެއްގައި ގެނެސްދީފައި އެބަހުއްޓެވެ. 

މިދެންނެވި ދެ އިންތިޚާބު ވެރިކަންކުރާ އެމްޑީޕީން ކާމިޔާބުކުރިއެވެ. ނަމަވެސް ފެނުނު ޙަޤީޤަތަކީ މުޅި ދައުލަތް އެކަމަށް ޚާއްޞަކޮށްގެން، އަދި ދައުލަތުގެ ހުރިހާ ވަސީލަތްތަކެއް އެކަމަށް ހުސްކޮށްގެންވެސް ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބުކުރެވޭ ގޮތް ނުވިކަމެވެ. 

އެ އިންތިޚާބުތަކާއި އެމްޑީޕީއަށް ފުލުފުލުގައި އެއިރު ނާކާމިޔާބުވަމުންދިޔަ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް ކުރަހައިދެމުންދިޔައީ ސާފު ތަސްވީރެކެވެ. އެއިރުގެ ސަރުކާރަށް ތާއީދު ނެތްކަމެވެ. އެ ތަސްވީރުގައި ކުލަޖެހި ޙަޤީޤަތަކަށް ވެގެންއައީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައެވެ. އެ އިންތިޚާބުގެ ދެ ބުރުގައިވެސް އެއިރު އިދިކޮޅު އިއްތިޙާދުގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓު މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒަށް ބޮޑު އަޣުލަބިއްޔަތެއްގެ ތާއީދު ލިބިވަޑައިގަތީއެވެ. 

ވެރިކަން ލިބިވަޑައިގަތުމަށްފަހު ރައީސް ޑރ.މުޢިއްޒު ފުރަތަމަ ކުރިމަތިލައްވަންޖެހިވަޑައިގެންނެވި އިންތިޚާބަކީ 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެވެ. 75 ގޮނޑިއާއެކު ޕީއެންސީއަށް މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތު ކާމިޔާބުކުރެވުނެވެ. 

އޭގެ ފަހުން މިހާތަނަށް ބޭއްވުނު ބައި-އިލެކްޝަންތަކުގެ ނަތީޖާއަށް ބަލާއިރު ގިނަ ބައި-އިލެކްޝަންތައް ކާމިޔާބުކުރީ ޕީއެންސީންނެވެ. އިއްޔެއަކީ އަހަރަކު ދެ ބުރު ބައި-އިލެކްޝަންތައް ބާއްވާ ގޮތަށް ޤާނޫނު އިޞްލާޙުކުރުމަށްފަހު އެ އުޞޫލުގެ ދަށުން ބޭއްވި ފުރަތަމަ ބައި-އިލެކްޝަންތައް ބޭއްވުނު ދުވަހެވެ. 

ބައި-އިލެކްޝަންތަކުގެ ނަތީޖާއަށް ބަލާއިރު، ވޯޓަކާ ނުލައި 24 ގޮނޑި ޕީއެންސީއަށް ކާމިޔާބުކުރެވުނެވެ. ވޯޓު ނަގަންޖެހުނު 12 ދާއިރާއިން އަށް ދާއިރާގެ އިންތިޚާބު ކާމިޔާބުކުރީ ޕީއެންސީއެވެ. ކުރިން ނިސްބަތުން ޕީއެންސީ ފިކުރަށް ތާއީދު ކުޑަ ލ.ގަން ފަދަ ދާއިރާތަކުގައިވެސް ބޮޑު ތަފާތުން މިފަހަރު ގޮނޑި ނަގާފައިވަނީ ޕީއެންސީއެވެ. އިންތިޚާބުުގައި ވާދަކޮށްގެން އެމްޑީޕީއަށް ކާމިޔާބުކުރެވުނީ ދެ ގޮނޑިއެވެ. އަމިއްލަ ކެންޑިޑޭޓުން ދެ ގޮނޑިއެއް ކާމިޔާބުކުރައްވާފައިވެއެވެ. 

މި ނަތީޖާތަކަށްފަހު ސަރުކާރަށް ތާއީދެއް ނެތްކަމަށް ވިދާޅުވާނެ ޖާގައެއް ސިޔާސީ ލީޑަރުންނަކަށް ނޯންނާނެއެވެ. ސަރުކާރެއްގެ މަޤުބޫލުކަމާއި، ސިޔާސީ ޕާޓީއަކަށް ތާއީދު އޮތް މިންވަރު ޑިމޮކްރެޓިކް ނިޒާމުގައި މިނެކިރާނީ އިންތިޚާބުތަކުގައި ޙާޞިލުކުރާ ނަތީޖާއިންނެވެ. އިއްޔެއާއި އޭގެ ކުރިން ބޭއްވުނު އިންތިޚާބުތަކުގެ ނަތީޖާ ބުނެދެނީ އެންމެ ޙަޤީޤަތެކެވެ. 

އެ ނަތީޖާ އިދިކޮޅު ލީޑަރުންނަށް ބުނެދެނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒަަށާއި، އެމަނިކުފާނުގެ ޓީމަށާއި، ޕީއެންސީއަށް ދިވެހިންގެ ތާއީދާއި އިތުބާރު އެބައޮތް ކަމެވެ. 

ކިޔުންތެރިންގެ ހިޔާލު