ENGLISH
06 ޖުލައި 2025
އިންޑިއާއިން ރާއްޖެއަށް ދޭ ހިލޭ އެހީ އެއް ބިލިއަން ރުފިޔާއަށް އިތުރުކޮށްފި
01 ފެބްރުއަރީ 2025
|
ކުރިއަށް އޮތް މާލީ އަހަރު އިންޑިއާއިން ދިވެހިރާއްޖެއަށް ދޭ ހިލޭ އެހީ އެއް ބިލިއަން ރުފިޔާއަށް އިތުރުކޮށް، އެޤައުމުގެ ބަޖެޓް މަޖިލީހަށް ހުށަހަޅައިފި އެވެ.
އިންޑިއާގެ މާލީ އަހަރު ފަށަނީ ކޮންމެ އަހަރެއްގެވެސް އޭޕްރީލް އެއް ވަނަ ދުވަހުއެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ހުށަހެޅި ބަޖެޓުގައި 600 ކްރޯޑު ރުޕީސް ކަނޑައަޅާފައިވާއިރު، އެއީ ޑޮލަރުން ބަލާނަމަ 69.3 މިލިއަން ޑޮލަރު އަދި ދިވެހި ރުފިޔާއިން ބަލާނަމަ އެއީ 1.06 ބިލިއަނެވެ.
މިހާރު ކުރިއަށްދާ އިންޑިއާގެ މާލީ އަހަރު ރާއްޖެއަށް ދޭން ނިންމީ 54.2 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 835 މިލިއަން ރުފިޔާއެވެ.
އިންޑިއާގެ ޕާލަމެންޓުން މިހާރު އަންނަނީ ސަރުކާރުން ހުށަހެޅި ބަޖެޓަށް ބަހުސް ކުރަމުންނެވެ.
އާ އަހަރު އިންޑިއާއިން ހިލޭ އެހީދޭ ލިސްޓުގައި ރާއްޖެ އޮތީ ތިންވަނައިގައެވެ. އެންމެ ކުރީގައި މިފަހަރުވެސް އޮތީ ބޫޓާނެވެ. ދެވަނައިގައި އޮތީ ނޭޕާލްއެވެ.
އިންޑިއާއިން ބޮޑު އަދަދެއްގެ ހިލޭ އެހީ ރާއްޖެއަށް ދޭން ނިންމިއިރު އެ ޤައުމުން އަންނަނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ރާއްޖޭގައި ހިންގަމުންނެވެ. އޭގެތެރޭގައި ތިލަމާލެ ބްރިޖުގެ މަޝްރޫޢު އާއި 4000 ފްލެޓްގެ މަސައްކަތް ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ވަނީ އިންޑިއާއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާފައެވެ. އެދަތުރުފުޅުގައި، އެޤައުމުގެ އެހީއާއެކު ރާއްޖޭގެ ތަރައްޤީއަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.